ބިގް ބޮސްގެ ގެއިން ބޭރުކޮށްލީ ދިންޗަކް ޕޫޖާ
ބިގް ބޮސްގެ ގެއިން ބޭރުކޮށްލީ ދިންޗަކް ޕޫޖާ

"ބިގް ބޮސް 11" އިން މި ހަފުތާގައި ބޭރުކޮށްލީ ސަބްޔަސާޗީ ކަމަށް އިންޑިއާގެ ނޫސްތަކުން އިއްޔެ ބުންޏަސް އެއީ ރަނގަޅު ވާހަކައަކަށް ނުވި އެވެ. މިފަހަރު ގެއިން ނެރެލީ ދިންޗަކް ޕޫޖާ އެވެ.

ސަބްޔަސާޗީ ސަލާމަތްކުރީ އޭނާއަކީ ވަރަށް މޮޅަށް ކައްކާ މީހަކަށް ވާތީ އޭނާ ކައްކާ މީރު އެއްޗެހި ކާން ލިބޭނީ ބިގް ބޮސްގެ ގޭގައި އޭނާ ބަހައްޓައިގެން ކަމަށް އެ ގޭގައި ތިބި އެހެން ބައިވެރިންނަށް ގަބޫލު ކުރެވިގެން ކަމަށް ވަނީ ބެލެވިފަ އެވެ.

އަނެއްކޮޅުން، ލަވަ ކިޔައިދީގެން ޕޫޖާ މުނިފޫހި ފިލުވައިދިނަސް ބިގް ބޮސްގެ ގޭގައި ތިބި އެހެން މީހުންނާ ގުޅުން ބަދަހިކޮށް އެ މީހުން ދައްކާ ވާހަކައިގައި ބައިވެރިވެ އުޅެން ޕޫޖާ އެއްގޮތަކަށް ވެސް މަސައްކަތެއް ނުކުރެ އެވެ.

މިހާ އަވަހަށް ޕޫޖާއަށް ބިގް ބޮސްގެ ގެއިން ބޭރަށް ދާން ޖެހުނީ އެއްވެސް މީހަކާ ރަނގަޅު ގުޅުމެއް ގާއިމު ނުކުރެވުމުން ކަމަށް ގަބޫލުކުރެވެ އެވެ.

ބިގް ބޮސްގެ ގެއަށް ޕޫޖާ ވަނުމާއެކު، އޭނާގެ ބޮލުގައި އުކުނު ހުރި ކަމަށް އެ ގޭގައި ތިބި ޝޯގެ އެހެން ބައިވެރިންނަށް އެނގިގެން ވަރަށް ބޮޑަށް މައްސަލަ ޖެއްސި އެވެ. ބައެއް މީހުން އެކަމާ ވަރަށް ހާސްވެގެން އުޅުނުއިރު ޝިލްޕާ ޝިންޑޭ ވަނީ އުކުނު މަރާ ބޭސް ހޯދައިދިނުމަށް ބިގް ބޮސްގެ ކިބައިން އެދިފަ އެވެ.

އެއަށް ފަހު އެންމެން ތަންކޮޅެއް މައިތިރި ވިޔަސް އެއްވެސް ޓާސްކެއްގައި ވެސް ބައިވެރިވެ ޕޫޖާ ޕާފޯމް ކޮށްފައެއް ނުވެ އެވެ.

ޕޫޖާ ނެތިގެން އެންމެ ދެރަވާނީ އާކާޝް ދަދްލާނީ ކަމަށް ބެލެވެ އެވެ. ސަބަބަކީ އެ ދެ މީހުން އެކުގައި ލަވަ ކިޔާތަން ފެނިފައި ވާތީ އެވެ. އަދި ޝޯގެ ހޯސްޓް ސަލްމާން ޚާން ވެސް ވަރަށް ބޮޑަށް ޕޫޖާ ނެތުމުން ދެރަވާނެ އެވެ. ސަބަބަކީ ޕޫޖާ ލަވަ ކިޔާ ގޮތަށް މަލާމާތްކުރުމަކީ ސަލްމާންގެ އާދައަކަށް ވެފައި ވާތީ އެވެ.

ސަބްޔަސާޗީ ގެއިން ނެރެން އޮވެފައި ކުއްލިއަކަށް އޭނާ ސަލާމަތްކުރަން ނިންމީ ކީއްވެބާއެވެ؟ ފަހަރެއްގައި ބިގް ބޮސް އުފައްދާ ފަރާތުން ސަބްޔަސާޗީ ޝޯއިން ފޮނުވާލަން ބޭނުން ނުވީ ކަމަށް ވެދާނެ އެވެ.

ދިންޗަކް ޕޫޖާ މަޝްހޫރުވީ ވަރަށް ހުތުރުކޮށް ލަވަކިޔާފައި މިއުޒިކް ވީޑިއޯ ހަދާފައި ޔޫޓިއުބަށް ލައިގެންނެވެ. އޭނާ "ބިގް ބޮސް"ގެ މިފަހަރުގެ ސީޒަންގައި ބައިވެރިކުރުމުން ވެސް ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި އެވެ.