ޔުނައިޓެޑް އޮތީ 18 ޓީމަށް ވުރެ ކުރީގައި: މޮރީނިއޯ
ޔުނައިޓެޑް އޮތީ 18 ޓީމަށް ވުރެ ކުރީގައި: މޮރީނިއޯ

ލަންޑަން (ނޮވެމްބަރު 6) - މެންޗެސްޓާ ޔުނައިޓެޑް އޮތީ އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ 18 ޓީމަށް ވުރެ ކުރީގައި ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މޮރީނިއޯގެ ކުރީގެ ކްލަބް ޗެލްސީ އަތުން ރޭ 1-0 އިން ބަލިވެ ޔުނައިޓެޑް ލީގުގެ ދެ ވަނައިގައި އޮތްއިރު އެޓީމާ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

މޮރީނިއޯ ބުނީ އެ ފަރަގާ މެދު ކަންބޮޑުވާނީ ހަމައެކަނި ޔުނައިޓެޑް ނޫން ކަމަށާއި އެ ޓީމަށް ވުރެ ބޮޑަށް އެހެން ޓީމުތަކުން ވިސްނަން ޖެހޭ ކަމަށެވެ.

"އަހަރެމެން ވެސް ކަންބޮޑުވޭ. އެކަމަކު އަހަރެމެންނަށް ވުރެ ބޮޑަށް ވިސްނަން ޖެހޭ ދެން އޮތް 18 ޓީމުން. އެއީ އަހަރެމެން އަންނާނީ އެ އަށް ވުރެ ފަހުން. މި ވަގުތަށް ބެލިޔަސް އަހަރެމެން މި އޮތީ 18 ޓީމަށް ވުރެ ކުރީގައި،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ މި ވަގުތު ލީޑުގައި ސިޓީ އޮތުމަކީ ލީގު ފޯރިގަދަވާނެ ކަމެއް ކަމަށެވެ.

"މި ވަގުތު ރަނގަޅަށް ކުޅޭ ޓީމެއް ކުރީގައި އޮތުމަކީ ލީގު ފޯރިގަދަވާނެ ސަބަބެއް. އެކަމަކު އަށް ޕޮއިންޓުގެ ފަރަގަކީ އިނގިރޭސި ޕްރިމިއާ ލީގުގައި މާ ބޮޑު އެއްޗެއް ނޫން. ވަރަށް ބައިވަރު މެޗު ކުޅެން އެބަހުރި. އާ އަހަރާ ދިމާކޮށް ގާތްގާތުގައި ކުޅެން ޖެހުމުން މީގެ ނަތީޖާ ފެންނާނީ. އޭރު އަހަރެމެން އޮންނާނީ ޕޮގްބާ، އިބްރަހިމޮވިޗް އަދި ރޯހޯއާ އެކު ވަރުގަދަކޮށް،" މޮރީނިއޯ ބުންޏެވެ.

މިދިޔަ ސީޒަނުން ފެށިގެން މޮރީނިއޯ އާއި ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަންނަނީ ބަހުގެ ހަމަލާ ބަދަލުކުރަމުންނެވެ. ރޭގެ މެޗަށް ފަހު ކޮންޓޭއާ ސަލާމް ނުކުރީ ކީއްވެގެންތޯ ސުވާލުކުރުމުން މޮރީނިއޯ ބުނީ އެ ވަގުތު ކޮންޓޭ ފެންނަން ނެތުމުން ކަމަށެވެ.

"އަހަރެންގެ ޒިންމާ އަހަރެން އަދާކުރިން. ޗެލްސީ ބެންޗުގައި ތިބި އޮފިޝަލުންނާ އަހަރެން ސަލާމްކުރިން. އޭނާ (ކޮންޓޭ) އެއް ފެންނާކަށެއް ނެތް. އަހަންނަކަށް ނުދެވޭނެ ކޮންޓޭ ފަހަތުން ދުވެފައި ސަލާމްކުރާކަށެއް،" މޮރީނިއޯ ބުންޏެވެ.

ކޮންޓޭ ބުނީ އޭނާ އަށް މުހިއްމުވީ މެޗުން މޮޅުވުން ކަމަށާއި އިހުތިރާމް ކުރާނީ ދަނޑުމަތީގައި ކަމަށާއި ދަނޑުބޭރުން ހިނގާ ކަންތައްތަކާ މެދު އޭނާ ނުވިސްނާ ކަމަށެވެ.

"އަަހަރެން ދިޔައީ އުފާފާޅުކުރަން. އަހަރެން މަސައްކަތް ކުރީ މޮޅުވާން. އެކަން ހާސިލްކުރެވިއްޖެ. ދަނޑު ބޭރުގައި ހިނގާ ކަންތައްތަކާ މެދު ނުވިސްނަން،" ކޮންޓޭ ބުންޏެވެ.

ރޭގެ މެޗުގައި ޗެލްސީ އަށް ކުޅޭ ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް ބޭނުންނުކުރީ އަނިޔާވެގެން ނޫން ކަމަށާއި ކޮންމެ ކުޅުންތެރިއަކު ވެސް ޓީމަށް އަރަން ޖެހޭނީ މަސައްކަތް ކުރަން ކަމަށް ކޮންޓޭ ބުންޏެވެ.