06 ނޮވެމްބަރ 2017 - 09:41

މެޑްރިޑް (ނޮވެމްބަރު 6) - ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ލަސް ޕަލްމާސް އަތުން 3-0 އިން މޮޅުވެ ރެއާލް މެޑްރިޑް ހަމަޖެހުމެއް ހޯދައިފި އެވެ.
ރޭގެ މެޗުގެ ކުރިން އެންމެ ފަހުން ރެއާލް ކުޅުނު ދެ މެޗުން ވަނީ ލީގުގައި އަލަށް ޕްރޮމޯޓްވި ޖިރޯނާ އާއި ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވެފަ އެވެ. އެހެންކަމުން އެ ޓީމަށް ގިނަ މައްސަލަތަކެއް ދިމާވެފައިވާއިރު ރޭގެ މެޗުން މޮޅެއް ހޯދުން އޮތީ މަޖުބޫރުވެފަ އެވެ.
ލަސް ޕަލްމަސް ބަލިކޮށް ރެއާލް ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ރެއާލް ތިން ވަނައިގައި އޮތީ ހަތަރު ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ އެއްވަރަށް 11 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. ލީގު އެއް ވަނައިގައި އޮތް ބާސެލޯނާއާ ރެއާލާ ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ދެ ވަނައިގައި އޮތީ 27 ޕޮއިންޓް ހޯދައިގެން ވެލެންސިއާ އެވެ.
ރޭގެ މެޗުގައި ރެއާލުގެ ލަނޑުތައް ޖެހީ ކަސެމީރޯ، އިސްކޯ އަދި މާކޯ އަސެންސިއޯ އެވެ. މީގެ އިތުރުން ވެސް ރެއާލަށް ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭނުން ނުކުރެވިފަ އެވެ.
ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ރޭގެ މެޗަށް ފަހު ބުނީ މި ނަތީޖާއާ އެކު މޮޅުވުމުގެ ހިތްހަމަ ޖެހުން އޮތް ނަމަވެސް ބައެއް ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އަދި އެބައޮތް ކަމަށެވެ. އެއީ ކޮން ކުޅުންތެރިންނެއްތޯ ނޫސްވެރިން ސުވާލުކުރުމުން ޒިދާން ބުނީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަރިމް ބެންޒެމާ ކަމަށެވެ.
"މި މެޗުގައި ލަނޑު މި ޖެހީ ކަސެމީރޯ، އިސްކޯ އަދި އަސެންސިއޯ. އަހަރެމެން އެންމެނަށް އެނގޭ މީޑިއާގައި ބެންޒެމާ އާއި ރޮނާލްޑޯ އަށް ލަނޑު ނުޖެހޭ މައްސަލަ ފާހަގަކުރާކަން. މި ދެ ކުޅުންތެރިންނަށް ލަނޑު ނުޖެހުމުގެ ހިތްހަމަ ނުޖެެހުން އެބަހުރި. އެކަމަކު މީގެ މުހިއްމީ ޓީމަށް ކޮށްދޭ މަސައްކަތް. އަހަރެމެންނަށް އެނގޭ ކޮންމެ ކުޅުންތެރިއަކު ވެސް އެންމެ އުފާވާނީ އެ ކުޅުންތެރިއަކަށް ލަނޑު ޖެހޭނަމަކަން،" ޒިދާން ބުންޏެވެ.
އޭނާ ބުނީ އެއްވެސް ކަމެއްގެ ހައްލެއް އެއް ފަހަރުން ނުހޯދޭނެ ކަމަށާއި ވަގުތު ބޭނުންވާނެ ކަމަށެވެ.