މިހާރު 30: ދިހައެއް، ޒުވާބު
މިހާރު 30: ދިހައެއް، ޒުވާބު

ޖުލައި 3، ގެ ބަޔާ ގުޅޭ

ރަސްގެފާނު ނެތް ދުނިޔެއެއްގައި ރާއްޖޭގެ ރަސްކަން އޭނާ އަށް ނުލިބޭނެކަން ވަލީއަހުދު ކައިރީގައި ބުނީ އެއް ރޭ ދަންވަރު ދޭއް ވެސް ޖެހި ފަހުން ރަސްގެފާނުގެ ލަޝްކަރުގެ ހަތަރު މީހުން ފޮނުވައިގެން ގަނޑުވަރަށް ގެނެސްގެންނެވެ.

ފާތިރުގެ ކާފައަށް ވިއްކާލި ގޭތެރޭގައި އެރޭ ވެސް އޮތީ ނާޗަރަންގީ އެވެ. ސިފައިންގެ ވަރުގަދަ ހަތަރު މީހުން ގޮސް، މައި ގޭގެ ދޮރު ވައްޓާލީ އެވެ. އެ މީހުން ވަދެ، އަށީގައި މަޖާކުރަން އޮތް ވަލީއަހުދުގެ ދެ އަތުގައި ހިފައި ގެއިން ނެރުނީ ދަމާފަ އެވެ.

ދަރިފުޅާ ވާހަކަ ދެއްކިއިރު އެތަނުގައި ރަސްގެފާނާ އެކު ހުރީ އެންމެ މީހެކެވެ؛ ބަޑޭރި އެވެ. ދޮރު ލައްޕާފައި، ސިފައިން ނުކުތީ ގަނޑުވަރުގެ މައި ބައިން ބޭރަށެވެ.

ރުޅިއައިސް ހުރިލެއް ގަދަކަމުން ރަސްގެފާނަށް ވާހަކަ ދައްކަން ފެށުނީ ވެސް އިރުކޮޅެއް ފަހުންނެވެ. ފުރަތަމަ ވެސް ބުނީ "މި ރާއްޖޭގެ ރަސްކަމުގެ ތަހުތު ދޭ ވަރަށް ވުރެ ކަލޭގެ އަގަލު ކުޑަ" މިހެންނެވެ. ކާބަފައިން ފެށިގެން މިހާތަނަށް އެ އާއިލާގެ އެއްވެސް މީހެއްގެ ދިރިއުޅުން އެހާ މުޑުދާރު ނޫން ކަމަށް ބުނެ ރުޅިވެރިކަމުގެ ބަސްތައް ރަސްގެފާނު ބުރުއްސި އެވެ. ހުރި ހަމައެކަނި ދަރި އެހާ ނުބައީ، އެހާ ވިޔާނުދައީ ކީއްވެގެންތޯ ތަކުރާރުކޮށް، ކޮންމެ ދެ ޖުމްލައެއްގެ ދެމެދު، ރަސްގެފާނަށް ބުނެވުނެވެ.

ވަލީއަހުދު ވެސް އެހާ ރުޅިގަދަ އެވެ. އޭނާގެ އިހުތިރާމެއް ނެތް ދެ ކަޅި ހުއްޓިފައި ހުރީ ބައްޕައާ ދިމާއަށެވެ. ބަލީގެ ސަބަބުން ވަރުދެރަވަމުން އަންނަ ހަށިގަނޑެކެވެ. ތަހުތުގައި އިންނަން އެކަށީގެންވާ ކަހަލަ ބުއްދިއެއް ބައްޕަގެ ނެތް ކަމަށް ބުނެލީ އޭނާގެ ބާރު ދައްކާލާ ފަދައަކުންނެވެ.

އަމިއްލަ ދިރިއުޅުމަކީ ބައްޕައާ ބެހޭ ކަމެއް ނޫނޭ ބުނެ ވަލީއަހުދު ހަޅޭއްލަވައިގަތެވެ. ބަޑޭރި ދިޔައީ ސިހިގެންނެވެ. އެ އޮތް ހުރިހާ އިރު، ކިޔަމަންތެރިކަމާ އެކު ތިރިއަށް ބަލަހައްޓައިގެން ހުރި ބަޑޭރި ދެބަފައިންނާ ދިމާއަށް ބަލައިލި އެވެ.

ހަމަ އެ ބާރު، ތުރުތުރު އަޅަމުން ދިޔަ އަޑުގައި "އަހަރެން އުޅޭނެ ގޮތް ބުނެދޭން ޖެހޭ މީހަކު މި ފަސްގަނޑަކު ނުހުންނާނޭ،" ގޮވާލި ގޮތުން ރަސްގެފާނަށް ދަތްތައް ބާރުކޮށްލެވުނު ތަން ބަޑޭރި އަށް ފެނުނެވެ. އެކަމަކު ބައްޕައާ މެދު ބިރެއް ނެތުމުން އޭނާގެ ނުބައި ދުލުން ބާރު ހުސްވެ، ހިމޭންވާ ގޮތެއް ނުވި އެވެ. ދެން އިވުނީ "ގެއަށް ސިފައިން ވަދެ، އަހަރެން ދަމާފައި ނެރެގެންނެއް ނުގެނެވޭނެއޭ" ބުނި އަޑެވެ.

ކާފަ ގާތު ބަޑޭރި ބުނި ގޮތުން ނަމަ އެވަރުގެ ޒުވާބެއް އޭނާގެ މުޅި ހަޔާތުގައި ވެސް ނުދެކެ އެވެ. ރާއްޖޭގެ އެންމެން ލޯބިވި، އިހުތިރާމްކުރި ރަސްގެފާނަށް އެންމެ ފަހުން ވާހަކަ ދެއްކޭނެ ހިތްވަރެއް ވެސް ނަ އެވެ. އަހަރެން ނޫން މީހަކަށް ތިޔަ ތަހުތެއް ނުލިބޭނެއޭ، ނުދެވޭނެއޭ، ދިނަކަ ނުވެސް ދޭނަމޭ ބުނެ، އިންޒާރުގެ އެތައް ތީރެއް ދޫކުރުމަށް ފަހު ވަލީއަހުދު ނުކުމެގެން ދިޔައީ އެވެ.

ރަސްގެފާނަށް ޚާއްސަ ބޮޑު ގޮނޑީގައި އިށީނެވެ. އިރުކޮޅެއް ފަހުން ބަޑޭރިއާ ދިމާއަށް ބަލައިލި އެވެ. ބަޑޭރި ކައިރިއަށް ޖެހިލި އެވެ.

"އެއީ އަހަންނަށް ލިބުނު ދަރީގެ ހުރި ފެންވަރު. ހެކިވާނެ މީހަކަށް ތިހިރީ ކަލޭ އެކަނި. މިއަދު އަހަރެން ނިންމާ ނިންމުން އެއީ ފަހުގެ ނިންމުން. އޭނާ އަށް ވެރިކަން ދީފިއްޔާ ގައުމަށް އުފުލަން ޖެހޭނީ ބުރައެއް. ގައުމު ހިންގުމުގެ ބުރަ އުފުލާނީ އޭނާއެއް ނޫން،" ރަސްގެފާނު، މަޑުމަޑުން ބުނި ކަމަށްވެ އެވެ. އޭރު ބަޑޭރި އަށް ފެނުނީ ކަރުނަ ހިލިފައި ހުރި ދެ ލޮލެވެ. ނިކަމެތި އަސަރުތަކުން ފުރިފައި ހުރި މޫނެކެވެ.

ފާތިރުގެ ކާފަ ކައިރި އަށް ބަޑޭރި ފޮނުވީ އެރެއަށް ފަހުކަން، ފާތިރުގެ ބައްޕަ ކިޔައިދިނެވެ.

އެއް ފަހަރަކު ރަސްގެފާނު ބުނި ގޮތުން ނަމަ ފާތިރުގެ ކާފަ އަކީ ދިވެހި ގައުމަށް ލިބުނު އަގުހުރި ދަރިއެކެވެ. ފަގީރުންނަށް ދޭ އެހީތައް އެކަންޏެއް ނޫނެވެ. މި ދިވެހި ރާއްޖޭގައި ދީނީ އިލްމުވެރިން ހަމަ ނެތޭ، އުފައްދަން ޖެހެޔޭ، އެކަމަކު އެހީވާނެ ބަޔަކު ކޮބައިހޭ ރަސްގެފާނު، ފާތިރުގެ ކާފަ ކައިރީގައި ބުނީ ތެދުވެރި ނިޔަތެއް އޮވެގެންނެވެ.

ފާތިރުގެ ކާފަ ރާއްޖޭގެ ދިހަ ރަށަކުން، ދިހަ ކުދިން ނެގުމަށް ފަހު މިސްރަށް ކިޔަވަން ފޮނުވީ އަހަރެއްގެ ތެރޭގަ އެވެ. ރަސްގެފާނު ސިފަކުރި ގޮތުން ނަމަ އެއީ ދިވެއްސެއްގެ އަމިއްލަ ޚަރަދުގައި ކުދިންތަކެއް ބޭރަށް ކިޔަވަން ފޮނުވި ފުރަތަމަ ފަހަރެވެ.

އެ ހުރިހާ ކުދިން އެނބުރި އައީ ބަރާބަރު 15 އަހަރު ފަހުންނެވެ. އެއީ ބޮޑެތި އިލްމުވެރިންނެވެ. ރާއްޖޭގައި އޭރު އެއް ފަހަރާ އެންމެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ތިބީ އެދުވަސްވަރު އެވެ. ފާތިރުގެ ކާފަގެ އެ ހިދުމަތް ރަސްގެފާނުގެ ހިތުން ފިލައިގެން ނުދިޔަ އެވެ.

މަރުވުމުގެ ކުރިން އާއިލާގެ ސިއްރު ބިންގަރާސް އޭނާގެ އަތަށް ދޫކޮށްލި މައިގަނޑު ސަބަބަކީ އެ އެވެ. އެ އާއިލާ އިން ރާއްޖޭގައި ރަސްކަން ކުރަމުން އަންނަތާ އޭރު ދެ ގަރުނު ވެއްޖެ އެވެ. ހޫރުކާފަ، މުނިކާފަ، ކާފަ އަދި ރަސްގެފާނުގެ ބައްޕަގެ ފަރާތުން ވާރުތަވަމުން އައި އެހާމެ އަގުބޮޑު އެއްޗެހިތަކެއް ފާތިރުގެ ކާފަ އަށް ވިއްކާލީ ދީންވެރި، ތެދުވެރި އަދި ދީލަތިކަމުގެ މައްޗަށް ބަލައިފަ އެވެ.

އެ ވާހަކަތައް ކިޔައިދީ ނިމުމާ އެކު، މޭޒު މަތީގައި އޮތް ތަޅުދަނޑިފަތި ނެގި އެވެ. ދެން ފާތިރުގެ ބައްޕަ ތެދުވި އެވެ. ފާތިރު ވެސް ފަހަތުން ތެދުވި އެވެ. ބައްޕަ ގޮސް ކަބަޑުތައް ކައިރީގައި މަޑުކޮށްލި އެވެ. ކޮންމެ ކަބަޑެއްގެ ދޮރުގެ ކަނާތް ފަރާތު ކަނުގައި، އަރަބި އަކުރުން އެ ކަބަޑެއްގެ ނަންބަރު ޖަހާފައި ހުއްޓެވެ.

ދަރިފުޅު ތައްޔާރުހޭ، ބައްޕަ އަހާލި އެވެ. ފާތިރު އާއެކޭ ބުންޏެވެ. އެއް ނަންބަރު ކަބަޑުގެ ތަޅުދަނޑި ވަޅަށް ތަޅުދަނޑި ކޮއްޕާލި އެވެ. ތޫލި އަޑެއް އިވުމާ އެކު ތަޅު ހުޅުވުނެވެ. ދެން މަޑުމަޑުން ދޮރު ހުޅުވާލި އެވެ. ބައްޕަ އެއްކައިރި އަށް ޖެހިލާފައި ރަނގަޅަށް ބަލާނެ ފުރުސަތު ފާތިރަށް ދިނެވެ.

އޭނާ ހަމަ ހައިރާންވި އެވެ. ރަތް ކުލައިގެ މަހުމާ ފޮތި އަޅާފައި ހުރި، ހަތަރެސްކަން އެއްވަރު އެއްޗެއްގެ މަތީގައި ބާއްވާލާފައި އޮތީ ތިން ޖަވާހިރެވެ. އެއިން ކޮންމެ އެއްޗެއް ކުޑަ ކުކުޅު ބިހެއް ވަރުވެ އެވެ. ބިއްދޮށުގައި ދިވެސް އަކުރުން ލިޔެފައިވާ ކަރުދާސްގަނޑެއް އޮތެވެ. އޭގައި ވަނީ ޖަވާހިރުތަކުގެ ތަފްސީލެވެ. އެ ތިން ޖަވާހިރު ފެނުނީ ކާށިދޫ ބޭރަށް ލެއްގި ފްރާންސްގެ މަނަވަރަކުން ނެގި ފޮއްޓެއްގެ ތެރެއިންނެވެ. އެ މަނަވަރުގައި ދިރިހުރި އެކަކު ވެސް ނެތެވެ. މަނަވަރުގެ އެންމެ ރީތި ކޮޓަރީގައި، އަންހެނަކާއި ފިރިހެނެއްގެ އިތުރުން ކުޑަ އަންހެން ކުއްޖަކު މަރުވެފައި އޮތެވެ. ފޮށި ފެނުނީ އެ ކޮޓަރިންނެވެ.

ބައްޕަ ހުޅުވި ނުވަ ކަބަޑު ތެރޭގައި ވެސް ހުރީ އޭގެ އަގު ވަޒަން ވެސް ކޮށްނުލެވޭ ކަހަލަ ޖަވާހިރާއި ރަނުގެ ރީތި ގަހަނާ އެވެ. ދިހަ ވަނަ ކަބަޑެއް ނުހުޅުވަ އެވެ. އޭގެ ބަދަލުގައި ތަޅުދަނޑިތައް ދިނީ ފާތިރުގެ އަތަށެވެ. ދެން އޭނާ ބުނީ "މިއީ މިހާރު ދަރިފުޅުގެ ހައްގު" ކަމަށެވެ. އަމާނާތްތެރިކަމާ އެކު ބެލެހެއްޓުމަށާއި ގޮތެއް ނެތިއްޔާ ނޫނީ އެއްވެސް އެއްޗެއް ވިއްކައިގެން ނުވާނެ ކަމަށް ބުނެ، ފާތިރުގެ ޔަގީންކަން ހޯދި އެވެ. އެކަމަކު އޭރު ވެސް ދިހަ ވަނަ ކަބަޑާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ތަޅުދަނޑި ފައްޗާ ދިމާއަށް ރަނގަޅަށް ނަޒަރު ހުއްޓާލުމަށް ފަހު ގުނާލުމުން އެނގުނީ އޭގައި އޮތީ ނުވަ ތަޅުދަނޑި ކަމެވެ. ދިހަ ވަނަ ތަޅުދަނޑި ކޮބައިހޭ ސުވާލުކުރުމުން، ފާތިރުގެ ބައްޕަގެ މޫނުމައްޗަށް އެރީ ހިނިތުންވުމެކެވެ.

ސުވާލަށް އެއްވެސް ޖަވާބެއް ނުދިނެވެ. ފާތިރު ކައިރީ ބުނީ މޭޒު މަތީގައި ތަޅުދަނޑިތައް ބެހެއްޓިޔަސް ވަގަށް ގެންދާނެ މީހަކު ނުހުންނާނެ ކަމަށެވެ. ދެން ބިންގަރާހުން ނުކުމެ، ބައްޕަގެ ކޮޓަރި އަށް ވަނެވެ. އޭނާ ހުރީ ބައްޕަގެ ފަހަތުގަ އެވެ. ބައްޕަ ގޮސް މަޑުކޮށްލީ ކޮޓަރީގެ އެއް ކަނުގައި ހުރި ފަސް ފޫޓުގެ ބޮޑު ތިޖޫރި ކައިރި އަށެވެ. ނަންބަރުތަކެއް ދިމާކުރުމަށް ފަހު ހުޅުވާލި އެވެ. އޭގެ ކުރިން ދުވަހަކު ވެސް އެ ތިޖޫރީގެ ތެރެ ފެނިފައެއް ނުވެ އެވެ. ދިވެހި ފައިސާ އާއި ބޭރުގެ އެކި ކަހަލަ ފައިސާ އިން ތިޖޫރި ހުރީ ފުރިފަ އެވެ. ބައްޕަ ނެގީ އެންމެ މަތީ ބައިގައި އޮތް ކުޑަކުޑަ ފޮއްޓެކެވެ. ފާތިރާ ދިމާއަށް އެނބުރުނެވެ. ދެން ކަނާތް ތިލަ މަތީގައި އެ ބެހެއްޓުމަށް ފަހު ބުނެލީ "10 ވަނަ ކަބަޑުގެ ތަޅުދަނޑި އޮންނާނީ މީގައި" ކަމަށެވެ.

ފޮށި އަލުން އޭގެ ތެރެއަށް ލުމަށް ފަހު ތިޖޫރި ތަޅުލި އެވެ. ބައްޕައާ އެކު ފާތިރު ކޮޓަރިން ނުކުތެވެ. ބޭރު އުދޯލީގައި އިށީނެވެ. ބައްޕަ އޭނާގެ ޔަގީންކަން ދެން ހޯދީ އެންމެ ކަމަކަށެވެ. ވަކި މީހެއްގެ ސަބަބުން ދިރިއުޅެން އުނދަގޫވެ، އޭނާގެ ކިބައިން ސަލާމަތްވާނެ އެއްވެސް ހައްލެއް ނުފެނިއްޖެ ހާލަތުގައި ނޫނީ 10 ނަންބަރު ކަބަޑު ނުހުޅުވުމަށެވެ. އެގޮތުން ވެސް އެ ހުޅުވުމުގެ ކުރިން ޖެހިޖެހިގެން ތިން ރޭ، ދަމުނަމާދަށް ފަހު، ތިމަން އަޅާޔަށް މި ނޫން ހައްލެއް ހޯއްދަވައި ދެއްވަން ﷲގެ ހަޒުރަތުގައި ދަންނަވަން ޖެހެ އެވެ.

ބައްޕަ ލައްވާ ކާފަ ވެސް ވަނީ އެގޮތަށް ވައުދުވެފަ އެވެ. އަދި ކާފަގެ ކިބައިން ރަސްގެފާނު ވެސް ހަމަ އެހެން އެދިފައި އޮތުން ވަރަށް ކައިރި އެވެ. ފާތިރަށް އެނގޭ އެއްޗަކީ، ވަލީއަހުދުގެ ނުބައިކަމުން ރަސްގެފާނު ސަލާމަތް ނުވިއިރު ވެސް 10 ނަންބަރު ކަބަޑު ހުޅުވާފައި ނުވާ ކަމެވެ. އަދި ކާފަ އާއި އޭނާގެ ބައްޕަ ވެސް އެ ކަބަޑުގެ ތަޅުދަނޑި، އެ ކުޑަކުޑަ ފޮށިން ނަގާފައި ނުވާ ކަމެވެ.

އެރޭ ފާތިރު ބިންގަރާސް ތެރެއަށް ފޭބީ އެ ކަބަޑު ހުޅުވާކަށެއް ނޫނެވެ. އެކަމަކު ޖަޕާނަށް ފުރާ އިރު އޭގެ ތެރެއިން ބައެއް ޖަވާހިރު ގެންދާށެވެ. އޭނާ ހުޅުވީ ތިން ނަންބަރު ކަބަޑެވެ. އޭގައި ފަސް އިންޗީގެ ބިއްލޫރި ފޮއްޓެއްގެ ތެރޭގައި އޮތީ ކުޑަކުޑަ ފަސް ޖަވާހިރެވެ. މީހަކަށް ދިނުމުގެ ގޮތުން އޭގެ ކުރިން އެ ފޮށިން އެއް ޖަވާހިރު އޭނާ ނެގި އެވެ. މަޑު ނޫ ކުލައެއްގެ އެ ޖަވާހިރު ދެ ރޭ ވަންދެން އޭނާގެ ކޮޓަރީ ޑްރެސިން ޓޭބަލް މަތީ އޮތެވެ. އޭރު އޭނާގެ ފުރަތަމަ ކައިވެންޏަށް ތައްޔާރުވަނީ އެވެ. އޭނާ ބޭނުންވީ އަލަތު އަނބިމީހާ އަށް ހަދިޔާއަކަށް އެ ދޭށެވެ. އެކަމަކު ދެ ވަނަ ރޭ ފަތިހު ފަތިސް ނަމާދަށް ހޭލުމާ އެކު ފާތިރުގެ ހިޔާލު ވަނީ ބަދަލުވެފަ އެވެ. އެ ޖަވާހިރު ފޮއްޓަށް ލީ ގޮތަށް އަދިވެސް އެ އޮތީ އޭގެ ތެރޭގަ އެވެ.

ތިން އަހަރުގެ ކައިވެނި ރޫޅުނީ އޭނާ އަށް ދަރިއަކު ނުލިބޭނެކަން ޔަގީންވި ހިސާބުންނެވެ. ދެ ވަނަ ކައިވެންޏެއް ކުރީ ދަރިއަކު ނުލިބުނަސް އޭނާއާ އެކު އުޅޭނެކަމުގެ ޔަގީންކަމާ އެކުގަ އެވެ. އެކަމަކު ވަކި ހިސާބަކުން އަންހެނުންނަށް އިހުސާސްކުރެވުނީ ދަރިއެއް ނެތް ދިރިއުޅުމެއްގެ އެކަނިވެރިކަން މުއްސަނދިކަމަކުން ވެސް ނުފިލާނެ ކަމެވެ. ފާތިރަށް އެއީ ވަރަށް ހިތްދަތި ހަގީގަތެކެވެ. ނަމަވެސް އޭނާ އެ ހަގީގަތް ގަބޫލުކުރި އެވެ.

ބިންގަރާހުން އޭނާ ނުކުތީ ކުޑަކުޑަ އެ ފޮށި ހިފައިގެންނެވެ. ޖަޕާނަށް އޭނާ ފުރީ ވެސް އެ ފޮށި ހިފައިގެންނެވެ. އަދި ސަލާމަތީ ގޮތުން ވަރުގަދަ ބޭންކަކުން ސޭފް ޑިޕޮސިޓް ބޮކްސްއެއް ނަގައި، އޭގެ ތެރޭގައި އާއިލީ އެ މުއްސަނދިކަމުގެ ފުރަތަމަ ފޮށި ރައްކާކުރި އެވެ. ޒަވީން އާއި ނާވިޝްއާ އެކު ޖަޕާންގައި އެ ހެދި އެއްޗެއް ހަދައި ނިންމާލި އިރު ފާތިރުގެ ސިކުނޑީގެ ފަހަތުގައި ރޭވިގެން އައީ އެނބުރި މާލެ ގޮސް، 10 ނަންބަރު ކަބަޑު ނޫން އެހެން ހުރިހާ ކަބަޑެއް ހުސްކޮށް، ބޭރުގެ އެކި ބޭންކްތަކަށް އާއިލީ ހަޒާނާ ބަދަލުކުރާށެވެ. އޭގެ ފަހުން ބިންގަރާސް ޒަމާނީ ގޮތަކަށް މަރާމާތުކޮށް، އެ މީހުންގެ މަސައްކަތް އެތަނުގައި ފަށާށެވެ.

އިންސާފުގެ ޗެމްބަރު އަސްލު އޮތީ ފާތިރުގެ ގޭގެ 10 ފޫޓު އަޑީގަ އެވެ. ޖަޕާނުން އޭނާ އެނބުރި އައީ ދުނިޔޭގެ އެންމެ ސިއްރު ބިންގަރާސްތައް ހެދި ކުންފުނީގެ ތަޖުރިބާކާރަކާ އެކުގަ އެވެ. އޭގެ ދެ މަސް ފަހުން ޖަޕާންގެ މަސައްކަތްތެރިންގެ ޓީމެއް މާލެ އައިސް ބިންގަރާސް ޒަމާނީ ފެންވަރަކަށް ބަދަލުކޮށް، ފާތިރު ބޭނުންވި ގޮތަށް ހަދައިދިނެވެ. އަދި ދިހަ ނަންބަރު ކަބަޑު އެހުރި ތަނުގައި ބަހައްޓާ، އެ ނުފެންނަ ގޮތަށް ހާއްސަ ބިއްގަނޑެއް ޖަހައިދިނެވެ. އެ ބިއްގަނޑު ހުޅުވެނީ އޭނާގެ ކޮޓަރީގައި ޖަޕާން ކުންފުނިން އަލަށް ބެހެއްޓި ތިޖޫރީގެ ޑިޖިޓަލް ތަޅުގައި ޖަހާ ނަންބަރުތަކަކުންނެވެ.

ދިހަ ނަންބަރު ކަބަޑުގެ އެއްވެސް މައުލޫމާތެއް ޒަވީން އާއި ނާވިޝްއަކަށް ވެސް ނޭނގެ އެވެ. އެއީ ހަމައެކަނި ފާތިރުގެ ސިއްރެކެވެ.