ކެޓަލޯނިއާގެ ކުރީގެ ލީޑަރު އަމިއްލަ އަށް ފުލުހުންނަށް ހަވާލުވެއްޖެ
ކެޓަލޯނިއާގެ ކުރީގެ ލީޑަރު އަމިއްލަ އަށް ފުލުހުންނަށް ހަވާލުވެއްޖެ

ބްރެސަލްސް (ނޮވެމްބަރު 6) - ކެޓަލޯނިއާގެ ރައީސްގެ މަގާމުން ދުރުކުރި ކާލްސް ޕުޖްޑެމޮން އާއި އިތުރު ހަތަރު ވަޒީރަކު ބެލްޖިއަމް ފުލުހުންނާ ހަވާލުވެއްޖެ އެވެ.

ޕުޖްޑެމޮން އާއި ކެޓަލޯނިއާ ސަރުކާރުގެ ކުރީގެ ހަތަރު ވަޒީރަކު ހައްޔަރު ކުރުމަށް ޔޫރަޕިއަން އެރެސްޓް ވޮރެންޓް ސްޕޭނުގެ ހައި ކޯޓުން ނެރުނީ ހުކުރު ދުވަހު އެވެ. އެރެސްޓް ވޮރެންޓް ތަންފީޒު ކުރާނީތޯ ނުވަތަ ނޫންތޯ ބެލްޖިއަމްގެ ފަނޑިޔާރުން މާދަމާ ހެނދުނު ނިންމާނެ އެވެ. ވޮރެންޓް ތަންފީޒު ކުރަން ފަނޑިޔާރުން ނިންމައިފި ނަމަ ޕުޖްޑެމޮން އާއި ހަތަރު މެންބަރުން ސްޕޭނަށް ފޮނުވުމަށް ބެލްޖިއަމަށް 60 ދުވަސް ލިބޭނެ އެވެ. އަދި އަމުރާ ދެކޮޅު ހެދުމުގެ ހައްގު ވެސް ފަނޑިޔާރުންނަށް ލިބިގެންވެ އެވެ.

ޕުޖްޑެމޮން އާއި ހަތަރު ވަޒީރަކު ބެލްޖިއަމަށް ވަޑައިގެންނެވީ ސްޕޭނުން ކެޓަލޯނިއާގެ ކޮންޓްރޯލް ނެގުމުންނެވެ. ޕުޖްޑެމޮން އާއި އޭނާގެ ސަރުކާރުގެ ވަޒީރުން މިދިޔަ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުވުމަށް ވަނީ އަމުރު ނެރެފަ އެވެ. ނަމަވެސް ޕުޖްޑެމޮން އާއި ހަތަރު ވަޒީރަކު ނިންމީ ކޯޓަށް ދިއުމުގެ ބަދަލުގައި ބެލްޖިއަމްގައި ތިބުމަށެވެ. އަމުރާ އެއްގޮތަށް ކޯޓަށް ދިޔަ ނުވަ ވަޒީރުންގެ ތެރޭން އަށް މެންބަރަކު ވަނީ ޝަރީއަތުގެ މަރުހަލާގައި ޖަލުގައި ބޭތިއްބުމަށް އަންގައިފަ އެވެ.

ޕުޖްޑެމޮން ކުރިން ވިދާޅުވެފައި ވަނީ އޭނާ ސްޕޭނަށް އެނބުރި ދާނީ އިންސާފުވެރިކޮށް ޝަރީއަތް ހިންގާނެ ކަމުގެ ޔަގީންކަން ލިބުމުން ކަމަށެވެ. ޕުޖްޑެމޮން އާއި އޭނާގެ ސަރުކާރުގެ ވަޒީރުންގެ މައްޗަށް ވަނީ ބަޣާވާތް ކުރުމުގެ ދައުވާ އުފުލައިފަ އެވެ.

ކެޓަލޯނިއާގެ ސަރުކާރާއި ޕާލަމެންޓް އުވާލުމަށް ފަހު އަންނަ މަހު 21 ވަނަ ދުވަހު އާ އިންތިޚާބެއް ބޭއްވުމަށް ސްޕޭނުން ވަނީ ނިންމައިފަ އެވެ.