ފާރިސްގެ ދިފާއީ ހެކިންގެ ގޮތުގައި ދައުލަތުގެ އިސް ވެރިންގެ ނަން ހުށަހަޅައިފި
ފާރިސްގެ ދިފާއީ ހެކިންގެ ގޮތުގައި ދައުލަތުގެ އިސް ވެރިންގެ ނަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ދިފާއުގައި ފާރިސްގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅި މީހުންގެ ތެރޭގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި މަޖިލިސް މެމްބަރުންނާއި ނޫސްވެރިން ވެސް ހިމަނައިފި އެވެ.

ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރެއްވި ކަމަށް ބުނެ ފާރިސަށް ކުރާ ދައުވާގައި ފާރިސްގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި 47 މީހަކާއި 22 ލިޔުމެއް ހުށަހެޅި އެވެ.

ފާރިސްގެ ވަކީލުން އާންމުކޮށްފައިވާ އެ ހެކިންގެ ލިސްޓުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް ރީކޯ މޫސާ މަނިކާއި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލާއި އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނާއި ޕީޕީއެމަށް ނިސްބަތްވާ އިތުރު ހަ މަޖިލިސް މެމްބަރަކާއި މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދާއި މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވެސް އެ ލިސްޓުގައި ހިމެނެ އެވެ.

ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި ފުލުހުންގެ އިތުރު ތިން އޮފިސަރެއް ވެސް ހިމެނޭއިރު އެކި މީޑިއާތަކުގެ ހަ ނޫސްވެރިއަކު ވެސް ހެކިންގެ ގޮތުގައި ވަނީ ޖަހައިފަ އެވެ. ބެލެވޭ ގޮތުގައި ނޫސްވެރިންގެ ނަން ހުށަހަޅާފައިވަނީ އެ ދައުވާގައި ބަޔާންކުރާ، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކޮށްގެން ފާރިސް ބޭއްވެވި ކަމަށް ބުނާ ޕްރެސް ކޮންފަރެންސްގައި އެ ނޫސްވެރިން ބައިވެރިވެފައި ވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ.

މީގެ އިތުރުން ޕީޕީއެމްގެ ބައެއް ކޮމެޓީތަކުގެ މެމްބަރުންނާއި އެ ޕާޓީގެ ކުރީގެ ބައެއް އިސް ވެރިންނާއި މިހާރުގެ ބައެއް އިސް ވެރިން ވެސް ހެކިންގެ ލިސްޓުގައި ހިމެނެ އެވެ. އޭގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގްގެ ނަން ވެސް ލިސްޓުގައި ވަނީ ހިމަނައިފަ އެވެ.

އެ މައްސަލާގައި ފާރިސްއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވަނީ ސިއްރު ދެ ހެކިވެރިއެކެވެ. މައްސަލާގައި އިބްތިދާއީ މަރުހަލާ ނިމި ޝަރީއަތުގެ އަޑުއެހުންތައް މިހާރު ވަނީ ފަށައިފަ އެވެ.

ޝަހްސު އޮޅުވާލި ކަމަށް ބުނެ ފާރިސަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް އަންނާނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް އަޔަސް މެމްބަރުކަމުގެ ގޮޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.

އެ މައްސަލައިގެ އިތުރުން މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނެ ވެސް ފާރިސަށް ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ އިބްތިދާއީ މަރުހަލާ އެވެ.