ސިވިލް ސާވަންޓުންގެ ފްލެޓް މި ބުރުގައި 11 ދާއިރާއަކަށް ނުލިބޭނެ
ސިވިލް ސާވަންޓުންގެ ފްލެޓް މި ބުރުގައި 11 ދާއިރާއަކަށް ނުލިބޭނެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ސިވިލް ސާވަންޓުންނަށް ދޫކުރާ 1،000 ފްލެޓަށް ބައެއް ދާއިރާތަކުގެ މުވައްޒަފުންނަށް ކުރިމަތި ނުލެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ހުޅުމާލޭގައި އަލަށް އިމާރާތްކުރާ ފްލެޓްތަކުގެ ތެރެއިން ސިވިލް ސާވަންޓުންނަށް ޚާއްސަކުރާ 1،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ 31 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ އެވެ.

އެކަމަކު 11 ދާއިރާއެއްގެ މުވައްޒަފުންނަށް އެ ފްލެޓްތައް މި ބުރުގައި ނުލިބޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެގޮތުން ޓީޗަރުންނާއި ނަރުހުންނާއި ހެލްތް ވޯކަރުންނާއި ޖެނެރަލް ޑޮކްޓަރުންނާއި ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ޑެންޓިސްޓުންނާއި އިމިގްރޭޝަން އޮފިސަރުންގެ އިތުރުން މީޓިއޮރޮލޮޖީގެ ދާއިރާގެ މުވައްޒަފުންނާއި އޭވިއޭޝަން އޮފިސަރުންނާއި ވާއިޒުން އަދި ނޭޝަނަލް ސެންޓަ ފޯ އިމްފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ މުވައްޒަފުންނަށް ވެސް މިފަހަރު ދޫކުރާ ފްލެޓްތަކަށް ކުރިމަތި ނުލެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ސިވިލް ސާވަންޓުންނަށް ފްލެޓް ދެނީ ކޮންމެ މިނިސްޓްރީއެއްގެ މުވައްޒަފުންގެ އަދަދަށް ބަލައި، ހަމަހަމަ އުސޫލުން ބަހާލައިގެންނެވެ. ފްލެެޓް ދެނީ މުވައްޒަފުން ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އިދާރީ މުވައްޒަފުންނަށް 300 ފްލެޓާއި ފަންނީ އަދި މެނޭޖީރިއަލް ލެވެލްގެ މުވައްްޒަފުންނަށް 300 ފްލެޓާއި ސަޕޯޓް ސާވިސް މުވައްޒަފުންނަށް 400 ފްލެޓެވެ.

ފްލެޓް ދިނުމުގައި އެ މުވައްޒަފަކު މަސައްކަތް ކޮށްފައިވާ މުއްދަތަށާއި ތައުލީމީ ގޮތުން މަތީ ސަނަދެއް އޮންނަ މުވައްޒަފުންނަށް ގިން ޕޮއިންޓް ލިބެ އެވެ. އަދި ސަޕޯޓް ސާވިސްގެ މުވައްޒަފެއް ނަމަ ދަރިން ތިބޭ އަދަދަށް ވެސް ބަލަ އެވެ. އެކަމަކު ފްލެޓް ލިބޭ މުވައްޒަފަކީ ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓް ނުވަތަ އެއަށް ވުރެ ބޮޑު ގޯއްޗެއް އޮތް މީހަކަށް ވެގެން ނުވާނެ އެވެ. އަދި އެއަށް ވުރެ ކުޑަ ގޯއްޗެއް އޮތް ނަމަ ފްލެޓް ލިބުމުން އެތަން ދޫކޮށްލަން އެއްބަސްވާން ޖެހެ އެވެ.