ޝާފިއުގެ އޯޑިއޯއެއް ފާރިސްއާ ދެކޮޅަށް، އޯޑިއޯ ބަލައިނުގަތުމަށް ވަކީލުން ހުށަހަޅައިފި
ޝާފިއުގެ އޯޑިއޯއެއް ފާރިސްއާ ދެކޮޅަށް، އޯޑިއޯ ބަލައިނުގަތުމަށް ވަކީލުން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގައި، އެ މައްސަލާގައި ތުހުމަތު ކުރި އަހުމަދު ޝާފިއުގެ އޯޑިއޯއެއް ފާރިސްއާ ދެކޮޅަށް ހުށަހަޅާފައިވާތީ، އެއީ ގާނޫނާ ޚިލާފް ހެއްކެއް ކަމަށް ބުނެ އެ ހެކި ބަލައިނުގަތުމަށް ފާރިސްގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

ޝާފިއު އަކީ ރިޝްވަތުގެ މައްސަލާގައި ފާރިސް އަށް ވުރެ ކުރިން ހައްޔަރުކޮށް، އެކަމަކު ހެކި ނެތުމުން ފަހުން ދޫކޮށްލާފައިވާ މީހެކެވެ. ފާރިސްއާ ދެކޮޅަށް ދައުވާ ކުރިއިރު ދައުލަތުން ވަނީ ޝާފިއު އެހެން މީހަކާ ދެއްކެވި ވާހަކައެއްގެ އޯޑިއޯ ރެކޯޑިން އާއި އޭގެ ސްކްރިޕްޓާއި އެ އޯޑިއޯ ތަހުލީލު ކުރި ފުލުސްމީހާ ހެކިންގެ ގޮތުގައި ހުށަހަޅައިފަ އެވެ.

އެެ ހެކިތައް ބަލައިނުގަނެވޭނެ ސަބަބެއްގެ ގޮތުގައި ދިފާއީ ވަކީލުން ފާހަަގަކުރީ އެއީ ކޯޓު އަމުރެއް ނެތި ހޯދާފައިވާ އެއްޗަކަށް ވާތީ އާއި ކޯޓު އަމުރެއް ނެތި، މީހުންގެ މުވާސަލާތުތައް އަޑު ނޭހޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާތީ އެވެ. އަދި މީހުންނަށް ޖާސޫސު ކުރުމާއި މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން ކުށެއް ކަމަށް ވާތީ އެ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ފާރިސް ވަކީލުން ފާހަގަކުރި އެވެ.

ރައްދުގައި ދައުލަތުން ބުނީ އެއީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު އޯޑިއޯއެއް ކަމަށާއި އިންޓެލިޖެންސަށް ލިބޭ މައުލޫމާތުތަކަކީ ހާމަ ކުރެވޭ އެއްޗެއް ނޫން ކަމަށެވެ. އަދި ޝާފިއުގެ ޒާތީ ވާހަކަތަކެއް ފުލުހުންގެ ތަހުގީގުގައި ރެކޯޑްކޮށް، އަޑުއަހާފައި ނުވާ ކަމަށް ދައުލަތުން ބުންޏެވެ.

އެ ދައުވާ ފާރިސްގެ މައްޗަށް ކުރަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަމަށް ބުނެ އެ ދައުވާ ބާތިލްކުރަން ވެސް ފާރިސްގެ ފަރާތުން ހުށަހެޅުމެއް ހުށަހެޅި އެވެ.

ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ރިޝްވަތުގެ މައްސަލާގައި މިދިޔަ ޖުލައި މަހު ޕީޖީގެ އެދުމަކަށް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރަން ދައުލަތުން ކޯޓުގައި އެދުނުއިރު، ފާރިސްއާ ދެކޮޅަށް އޭރު ބޭނުން ކުރި ހެކިތަކަކީ އެކަށީގެންވާ ހެކިތަކެއް ނޫން ކަމަށް ކްރިމިނަލް ކޯޓުން އޭގެ ކުރިން އޮތީ ކަނޑައަޅާފައި ކަމަށެވެ. އެހެންވެ، ދައުލަތުން މަސައްކަތް ކުރީ ކޯޓަށް އޮޅުވާލައިގެން ކަމަށް މައުމޫން ތުހުމަތު ކުރެއްވި އެވެ.

އެކަށީގެންވާ ހެއްކެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ކުރިން ކަނޑައެޅީ ފާރިސްއާ އެއް މައްސަލައެއްގެ ތުހުމަތު ކުރެވުނު ޝާފިއުގެ މައްސަލާގައި ކަމަށާއި ހައި ކޯޓުން ވެސް ނިންމީ އެގޮތަށް ކަމަށްވާއިރު ފާރިސް ހައްޔަރު ކުރުމާއި ބަންދުގެ މުއްދަތު އިތުރު ކުރަން ދައުލަތުން ބޭނުން ކުރީ އެ ހެކިތައް ކަމަށް މައުމޫން ވިދާޅުވި އެވެ.

ފާރިސްއާ ދެކޮޅަށް އިތުރު ހެކިތަކެއްގެ ގޮތުގައި އޭރު ހުށަހެޅީ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓް ހުޅުވަން ބޭނުންކުރާ ސިންގޭޗާ ކާޑުތަކެއް ކަމަށާއި އެކަމަކު ދައުވާ އުފުލިއިރު އެ ހެކިތައް ފާރިސްއާ ދެކޮޅަށް ހުށަހަޅާފައި ނުވާ ކަމަށް މައުމޫން ވިދާޅުވި އެވެ. އެކަންކަން ފާހަގަކޮށް، މައުމޫން އެދިވަޑައިގަތީ އެއީ ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށްގެން ޕީޖީ އުފުލާފައިވާ ދައުވާއެއް ކަމަށް ކަނޑައަޅައި، އެ ދައުވާ ބާތިލްކޮށް ދިނުމަށެވެ.

އޭގެ ރައްދުގައި ދައުލަތުން ބުނީ ޝާފިއުއާ ދެކޮޅަށް ބޭނުންކުރި ހެކިތަކަކީ ފާރިސްއާ ދެކޮޅަށް އެކަށީގެންނުވާ ހެއްކެއް ކަމަށް ކޯޓަކުން ކަނޑައަޅާފައި ނުވާ ކަމަށެވެ. ކްރިމިނަލް ކޯޓާއި ހައި ކޯޓުގެ ނިންމުމަކީ ޝާފިއުގެ މައްސަލާގައި ނިންމި ނިންމުމެއް ކަމަށާއި އެއީ ފާރިސްގެ މައްސަލާގައި ނިންމި ނިންމުމެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.

ފާރިސްގެ ބަންދު މުއްދަތު އިތުރު ކުރިއިރު ފާރިސްއާ ދެކޮޅަށް ބޭނުންކުރި ސިންގޭޗާ ކާޑުތައް އޭރު ބޭނުންކުރީ އެފަދަ ކާޑުތަކަކީ އާންމު ގޮތެއްގައި ކުންފުނިތަކުގެ އެކައުންޓްތައް ހުޅުވަން ބޭނުންކުރާ ބާވަތުގެ އެއްޗަކަށް ވެފައި އެއީ ވަކި ފަރުދުންނަށް ބޭންކުން ދޫކުރާ އެއްޗެއް ކަމަށް ނުވާތީ ކަމަށް ދައުލަތުން ބުންޏެވެ.

އެ ދައުވާ ފާރިސްގެ މައްޗަށް އުފުލީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ މުއްދަތު ހަމަވި ފަހުން ކަމަށް ބުނެ ދައުވާ ބާތިލްކުރަން ވެސް ފާރިސްގެ ފަރާތުން ހުށަހެޅުމެއް ހުށަހެޅި އެވެ.

ވަކީލް މައުމޫން ވިދާޅުވީ ދައުވާ އުފުލުން ކަމަށް ގާނޫނުގެ ދަށުން ބެލެވޭނީ ޝަރީއަތުގެ މަޖިލީހުގައި ދައުވާ އުފުލުމުން ކަމަށާއި އެކަމަކު އެގޮތަށް އަޑުއެހުމެއް ބާއްވައި، ދައުވާ ހުށަހަޅާފައިވަނީ އެ މުއްދަތު ހަމަވިފަހުން ކަމަށް ވާތީ އެއީ ދައުވާ ބާތިލް ކުރަންޖެހޭ ސަބަބެއް ކަމަށެވެ.

ރައްދުގައި ދައުލަތުން ބުނީ ދައުވާ އުފުލި ކަމަށް ބެލެވޭނީ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހެޅުމުން ނޫން ކަމަށެވެ.

ފާރިސް ދިރިއުޅުއްވާ ގެ ފާސްކޮށް، އެތަނުން ފުލުހުން ހޯދި ހެކިތައް ވެސް ބަލައި ނުގަނެވޭނެ ކަމަށް ކަނޑައަޅަން އޭނާގެ ފަރާތުން ހުށަހެޅި އެވެ. އެއީ އެތަން ފާސްކޮށްފައިވަނީ ފުލުހުންގެ ސްޓޭންޑަޑް އޮޕަރޭޝަން ޕްރޮސީޖާއާ ޚިލާފަށް ކަމަށް ވާތީ ކަމަށް ފާރިސްގެ ވަކީލުން ބުންޏެވެ. އެކަމަކު އެ ހުށަހެޅުމަށް ވެސް ދައުލަތުން ދެކޮޅު ހަދައި، އެ އަށް ރައްދު ދިނެވެ. ދައުލަތުން ބުނީ އެ ގެ ފާސްކުރީ ޖިނާއީ އިޖްރާއާތުގެ ގާނޫނާ އެއްގޮތަށް ކަމަށާއި ފުލުުހުންގެ ސްޓޭންޑާޑް އޮޕަރޭޝަން ޕްރޮސީޖާ އަކީ ގާނޫނެއް ނޫން ކަމަށެވެ.

ދިފާއުވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ނުލިބޭ ކަމަށް ބުނެ އެ ފުރުސަތު ހޯދައި ދިނުމަށް ފާރިސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ދައުލަތުން ވަނީ އެ ހުށަހެޅުމަށް އިންކާރު ނުކުރާ ކަމަށް ބުނެފަ އެވެ. އެހެންވެ، އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ފާރިސްއާ ބައްދަލުކުރަން ދިފާއީ ވަކީލުން ބޭނުންވަނީ ކިހާ ފުރުސަތެއް ސުވާލު ކުރައްވައި، އެކަން ސާފު ކުރައްވައިފަ އެވެ.

ފާރިސް ހުރީ ޣައިރު ގާނޫނީ ބަންދެއްގައި ކަމަށް ބުނެ ވެސް ފާރިސްގެ ފަރާތުން އަނެއްކާވެސް ހުށަހެޅުމެއް ހުށަހެޅި އެވެ. އެކަމަކު އެއީ ކުރިން ގޮތެއް ނިންމާފައިވާ ކަމެއް ކަމަށް ވާތީ އާއި ފާރިސްގެ ބަންދުގެ މައްސަލަ ހައި ކޯޓުގައި ހިނގަމުންދާތީ އެ ހުށަހެޅުން ހުށަނޭޅޭނެ ކަމަށް ގާޒީ އާދަމް ވިދާޅުވި އެވެ. އެކަމަކު ފާރިސްގެ ވަކީލުން އެދުނީ އެކަމުގައި ކޮންމެވެސް ގޮތެއް ނިންމައި ދިނުމަށެވެ.

ފާރިސްގެ ފަރާތުން އިތުރަށް ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް އަންނަ އަންގާރަ ދުވަހު ވެސް އަޑުއެހުމެއް ބާއްވާނެ އެވެ.