ނޯތު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު ހުއްޓުވޭނީ އެއްގަމުން ހަމަލާދީގެން: ޕެންޓަގަން
ނޯތު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު ހުއްޓުވޭނީ އެއްގަމުން ހަމަލާދީގެން: ޕެންޓަގަން

ވޮޝިންޓަން (ނޮވެމްބަރު 5) - ނޯތު ކޮރެއާގެ ނިއުކްލިއާ ހަތިޔާރުތަކާއި ނިއުކްލިއާ ސައިޓްތައް ސަލާމަތް ކުރެވޭނީ އެއްގަމު މަގުން އެ ގައުމަށް އަރާ ހަމަލާދީގެން ކަމަށް ޕެންޓަގަނުން ބުނެފި އެވެ.

ޕެންޓަގަންގެ އޮފިޝަލުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ފޮނުވި ސިޓީއާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން ބުނީ އެ ފަދަ ހަމަލާއެއް އެމެރިކާ އިން ދޭން އުޅޭ ނަމަ ނޯތު ކޮރެއާ އިން ބަޔޮލޮޖިކަލް އަދި ކެމިކަލް ހަތިޔާރު ބޭނުންކޮށްފާނެ ކަމަށެވެ. މި ސިޓީ ލިޔެފައި ވަނީ ޕެންޓަގަންގެ ޖޮއިންޓް ސްޓާފުގެ ވައިސް ޑިރެކްޓަރެވެ.

ނޯތު ކޮރެއާ އަށް ހަމަލާ ދިނުމާ ބެހޭ ރިޕޯޓެއް އާއްމުވި އިރު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 12 ދުވަހުގެ ދަތުރުފުޅެއްގައި އޭޝިއާ އަށް ވަޑައިގެންފަ އެވެ. ޓްރަމްޕުގެ މި ދަތުރުފުޅުގެ އެޖެންޑާގެ މުހިންމު އެއް ކަމަކީ ނޯތު ކޮރެއާގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމް އެވެ.

އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން މި ސިޓީ ފޮނުވާފައި ވަނީ ކޮންގްރެސްގެ ދެ މެންބަރެއްގެ އެދިވަޑައިގަތުމަކަށެވެ. ކޮންގްރެސްގެ މެންބަރުން ވަނީ ނޯތު ކޮރެއާއާ އެކު ހަނގުރާމައެއް ފަށައިފި ނަމަ އެމެރިކާ އާއި އެ ގައުމުގެ ބައިވެރިންނަށް ލިބޭނެ ގެއްލުން ތަފްސީލް ކޮށްދިނުމަށް އެދިފަ އެވެ.

ޓްރަމްޕުގެ އޭޝިއާ ދަތުރުފުޅަށް ނޯތު ކޮރެއާ އިން އިއްޔެ ވަނީ މަރުހަބާ ކިޔައިފަ އެވެ. އަދި ނިއުކްލިއާ ހަތިޔާރު ޕްރޮގްރާމް އިތުރަށް ކުރިއަށް ގެންދާނެކަމުގެ އިންޒާރު ދީފައިވެ އެވެ. މީގެ އިތުރުން އެމެރިކާއާ އެކު މަޝްވަރާ އަށް ދިއުމަކީ އަވާމެންދުރެއް ކަމަށް ވަނީ ބުނެފަ އެވެ.