ބޮލީވުޑުން ފުރުސަތު ނެތުމުން ފަވާދު ޚާން ހޮލީވުޑަށް
ބޮލީވުޑުން ފުރުސަތު ނެތުމުން ފަވާދު ޚާން ހޮލީވުޑަށް

ބޮލީވުޑްގައި ރަނގަޅު ކެރިއަރެއް ފަށަން ޕާކިސްތާނު އެކްޓަރު ފަވާދު ޚާން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. އެހެންވެ މިހާރު ފަވާދުގެ ކަޅި ހުރީ ހޮލީވުޑާ ދިމާލަށެވެ.

ހަގީގަތުގައި ހޮލީވުޑް ކަހަލަ އިންޑަސްޓްރީއެއްގައި މަސައްކަތްކުރާކަށް ފަވާދަކަށް އެހާ ކަމަކު ނުދެ އެވެ. އެއީ ގައިގޯޅި މަންޒަރުތައް ކުޅުމަށް ހިތްހަމަނުޖެހޭތީ އެވެ. ނަމަވެސް ހިންދީ ފިލްމު އިންޑަސްޓްރީގައި ވެސް ކުރިޔަށް ދެވޭނެ ގޮތެއް ނުވެ އަދި ޕާކިސްތާން އިންޑަސްޓްރީގައި ވެސް މާ ރަނގަޅު ފުރުސަތު ތަކެއް ނެތުމުން ހޮލީވުޑްގައި ހުރި ފުރުސަތު ތަކަކީ ކޮބައިތޯ ބަލަން އޭނާއަށް ޖެހުނީ އެވެ.

ފަވާދަކީ ޕާކިސްތާނުގެ އިތުރުން އިންޑިއާ އާއި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ މީހުންގެ މެދުގައި ވަރަށް މަގުބޫލު އެކްޓަރެކެވެ. އޭނާގެ ރީތިކަމާއި އެކްޓިން ހުނަރުގެ ސަބަބުންނެވެ. ނަމަވެސް އިންޑިއާ އާއި ޕާކިސްތާނުގެ ސިޔާސީ މަސްރަހު ގޯސްވުމުގެ އަގު އެންމެ ބޮޑަށް އަދާކުރަން ޖެހުނު ޕާކިސްތާނުގެ ފަންނާނުންގެ ތެރޭގައި އޭނާ ވަނީ ހިމެނިފަ އެވެ. ފަވާދުގެ އިތުރުން މާހިރާ ޚާން، އަލީ ޒަފަރް އަދި ލަވަކިޔުންތެރިޔާ އާތިފް އަސްލަމަށް ވެސް އިންޑިއާގައި ފިލްމީ ރޮނގުން ކުރިޔަށް ދިއުމުގެ މަގުވަނީ ބަންދުވެފަ އެވެ.

މި މީހުންނަށް ވަފާތެރި ފޭނުން އިންޑިއާގައި ވަރަށް ގިނަ އެވެ. މިހާރު ވެސް ފަވާދުގެ ޕާކިސްތާނު
ޝޯތައް އިންޑިއާ މީހުން ވަރަށް ގިނައިން ބަލަ އެވެ. ނަމަވެސް "ޚޫބްސޫރަތު" ގައި އޭނާ ކުޅުނު ރީތި ޕްރިންސްގެ ރޯލަށް ފަހު ދެން ފާހަގަ ކޮށްލެވޭ ރޯލެއް އަދާ ކުރެވުނީ "އޭ ދިލް ހެ މުޝްކިލް"ގަ އެވެ. ސިޔާސީ މީހުން ޕްރެޝަރު ކުރާ ވަރުން އެ ފިލްމުގެ ވެސް އޭނާގެ ގިނަ މަންޒަރުތަކެއް ދެއްކީ ކަނޑައިލައިފަ އެވެ. އަދި މިހާރު އެމީހުންނަށް އިންޑިއާ އަށް ދިއުމުގެ ހުއްދައެއް ވެސް ނެތެވެ.

ހޮލީވުޑް ފުރުސަތުތައް ބަލަމުން އަންނައިރު މިހާރު ފަވާދު ތައްޔާރުވަނީ އޭނާ އެންމެ ފަހުން ކުޅުނު ޕާކިސްތާނު ފިލްމު "މައުލާ" ރިލީޒްކުރުމަށެވެ. ބިލާލް ލަޝާރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ބަތަލާ އަކީ މާހިރާ ޚާން އެވެ. ފަަވާދު އާއި މާހިރާގެ އިތުރުން ހަމްޒާ އަލީ އައްބާސީ، އަދުނާން ޖައްފާރު، ޝައްމޫން އައްބާސީ އަދި ހުމައިމާ މަލިކު ވެސް މި ފިލްމުން ފެންނާނެ އެވެ.