06 ނޮވެމްބަރ 2017 - 06:36

އާމިރު ޚާނަކީ ބޮލީވުޑްގެ ގިނަ ބައެއްގެ ވެސް ފޭވަރިޓެވެ. އާމިރުގެ ފޭނުންގެ ތެރޭގައި ބޮލީވުޑް އެކްޓަރު އަކްޝޭ ކަންނާ ހިމެނެ އެވެ. އަކްޝޭ ބުނި ގޮތުގައި އާމިރު އިތުރު ފިލްމުތައް ޑައިރެކްޓްކުރާނެ ނަމައޭ އޭނާ ހިތަށް އަރަ އެވެ.
އަކްޝޭ މިހެން ބުނެފައި ވަނީ އޭނާގެ އެންމެ ފަހުގެ ރިލީޒް ކަމަށްވާ "އިއްތިފާގު" ޕްރޮމޯޝަން އިވެންޓެއްގައި، ފިލްމު ޑައިރެކްޓްކުރުމާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
އަކްޝޭ ބުނި ގޮތުގައި ފިލްމު ޑައިރެކްޓްކުރުން ފަދަ ބޮޑު ޒިންމާއެއް ކޮނޑުގައި އަޅާކަށް އަދި އޭނާ ތައްޔާރެއް ނޫނެވެ. ކުރިމަގުގައި ފަހަރެއްގައި އޭނާ ފިލްމު ޑައިރެކްޓްކުރުމާ މެދު ވިސްނަފާނެ ކަމަށާއި ނަމަވެސް މި ވަގުތު އެކަހަލަ ޚިޔާލެއް ނުގެންގުޅޭ ކަމަށް ވެސް އަކްޝޭ ބުންޏެވެ.
ނަމަވެސް އާމިރު ފިލްމު ޑައިރެކްޓްކުރަން އަކްޝޭ ވަރަށް އެދެ އެވެ. އަދި ދާދިފަހުން އާމިރުއާ ބައްދަލުވެ މި ކަމާ ގުޅޭ ގޮތުން ވާހަކަ ވެސް ދެކެވުނު ކަމަށް އަކްޝޭ ބުންޏެވެ.
"އަހަރެން ބަލާހިތްވަނީ އެންމެ މީހަކު ޑައިރެކްޓްކުރާ ތަން. އެއީ އާމިރު ޚާން. ސަބަބަކީ އަހަރެންނަށް 'ތާރޭ ޒަމީން ޕަރް' ހިތްގައިމުކަމުން. އަހަރެން ކުރީ ދުވަހު އޭނާއާ ދިމާވެގެން އެހިން ކީއްވެހޭ އިތުރު ފިލްމު ޑައިރެކްޓް ނުކުރަނީ. އޭނާ ބުނި ފިލްމެއް ޑައިރެކްޓް ކުރަންޏާ އޭނާގެ ހަޔާތުން ދެ އަހަރު ގެއްލޭނޭ. އެހެންވެ އޭނަ ބޭނުންވަނީ މިވަގުތު އެކްޓްކުރާށޭ. ފަހަރެއްގައި ފަހުން ޑައިރެކްޓް ކޮށްފާނަމޭ،" އަކްޝޭ ބުންޏެވެ.
އާމިރު ވަނީ 2007 ގައި "ތާރީ ޒަމީން ޕަރް" ޑައިރެކްޓްކޮށްފަ އެވެ. އޭގެ ފަހުން މިހާތަނަށް އިތުރު ފިލްމެއް ޑައިރެކްޓް ނުކުރިޔަސް އެ ފިލްމު ބެލި ގިނަ ބަޔަކު އޭނާ ޑައިރެކްޓްކުރާ އިތުރު ފިލްމަކަށް އިންތިޒާރު ކުރެ އެވެ.
ވަރަށް ގިނަ އެކްޓަރުން މިހާރު ޕްރޮޑަކްޝަން ހައުސްތައް ހަދައިގެން ފިލްމު ޕްރޮޑިއުސްކުރުމުގެ މަސައްކަތް ކުރިޔަސް ގިނަ މީހުން ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތަށް ވަންނާކަށް ގަސްތެއް ނުކުރެ އެވެ. އެކަަމަކު މިއާ ޚިލާފު ބައެއް އެކްޓަރުން ވެސް އެބަތިއްބެވެ. އަޖޭ ދޭވްގަން، އަނޫޕަމް ކޭރް، ހެމާ މާލިނީ އަދި ނާނާ ޕަޓޭކަރް ފަދަ އެކްޓަރުން ވަނީ ފިލްމުތައް ޑައިރެކްޓްކޮށްފަ އެވެ.