ކުޑަކުދިންނާ ބެހުނު 75 އަހަރުގެ މީހާ ގޭ ބަންދަށް ބަދަލުކޮށްފި
ކުޑަކުދިންނާ ބެހުނު 75 އަހަރުގެ މީހާ ގޭ ބަންދަށް ބަދަލުކޮށްފި

ގދ. އަތޮޅުގެ ރަށެއްގައި އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި 75 އަހަރުގެ ފިރިހެން މީހާ ގޭ ބަންދަށް އިއްޔެ ބަދަލުކޮށްފި އެވެ.

ފުލުހުން ބުނީ މުއްދަތު ޖެހުމަށް އެ މީހާ އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން އެތަނުން އަމުރުކުރީ 15 ދުވަހުގެ މުއްދަތަށް ގޭގައި ބަންދު ކުރަން ކަމަށެވެ. އެނގިފައިވާ ގޮތުގައި ބޮޑު ތުހުމަތެއް ކުރާ އެ މީހާ ގޭ ބަންދަށް ބަދަލުކުރީ އޭނާގެ އުމުރަށް ބަލާފަ އެވެ.

މި ހަތަރު ކުދިންނާ ބެހުނު ކަމުގެ ތުހުމަތުގައި، އޭނާގެ އިތުރުން އޭނާ ގެންގުޅޭ ބިދޭސީއަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އޭނާގެ ބަންދުގެ މުއްދަތާ ގުޅޭ ގޮތުން އަދި މައުލޫމާތެއް ނުލިބެ އެވެ.

އުމުރުން ދުވަސްވީ މީހާ ރާއްޖެއިން ފުރުން މަނާކޮށް އޮކްޓޫބަރު ފަސް ވަނަ ދުވަހު ވަނީ ޕާސްޕޯޓު ހިފަހައްޓާފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ ބޭސް ފަރުވާއަށް ކަމަށް ބުނެ އިންޑިއާއަށް ފުރަން ތައްޔާރުވަނިކޮށެވެ.

މިހާރު މާލޭގައި އުޅެމުން އަންނަ އަދި ރަށުގައި ނުފޫޒު ގަދަ ކަމަށް ބުނާ އެ މީހާ މާލެ އައީ، ހަތަރު ކުދިންނާ ގަދަކަމުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ ބެލުމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ޓީމެއް އެ ރަށަށް ދިޔުމުންނެވެ.

އެ ހަތަރު ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާ ފިލައިގެން މާލެ އައުމުން ދެން އެ ފިރިހެން މީހާގެ ޖިންސީ ޝިކާރައަކަށް ވީ ދޮށީ ކުއްޖާގެ ހަގަށް ތިބި ތިން ކޮއްކޮ އެވެ. މީގެ 12 އަހަރު ކުރިއްސުރެ އޭނާ އަންނަނީ އެކި ކުދިންނަށް ޖިންސީ ގޯނާ ކުރަމުން ކަމަށް އޭގެ ތެރެއިން ބައެއް ކުދިން ބުނެ އެވެ.

އޭނާ ވަނީ އެ ކުދިން އުޅޭ ގެ މަރާމާތުކޮށް، ދިރިއުޅެވޭނެ ގޮތް ހަދައިދީފަ އެވެ. އަދި އެ މީހުން ކައިބޮއި ހެދުމަށް، ދަރަންޏަށް އެއްޗެހި ނަގަނީ އެ މީހާގެ ފިހާރައިންނެވެ. ކުދިންނާ ގުޅުން ހިންގީ އެއީ ސަބަބެއް ކަމަށް ބަލައިގެން ކަމަށް އެ ކުދިން ބުނެ އެވެ.