ބިގް ބޮސްގެ ގެއިން މި ހަފުތާގައި ނުކުންނަން ޖެހުނީ ސަބްޔާސަޗީ އަށް
ބިގް ބޮސްގެ ގެއިން މި ހަފުތާގައި ނުކުންނަން ޖެހުނީ ސަބްޔާސަޗީ އަށް

މި ހަފުތާގައި އެންމެ މަދު ވޯޓު ލިބިގެން "ބިގް ބޮސް"ގެ ގެއިން ނުކުންނަން ޖެހުނީ ސަބްޔާސަޗީ ސަތުޕަތީ އަށެވެ. އޭނާ އަކީ ބޮލީވުޑް ފަންނާނުންގެ ތެރޭގައި ވަރަށް މަގުބޫލު މީހެކެވެ. ކުކިން ޝޯއެއް ހޯސްޓްކުރުމުގެ އިތުރުން އޭނާއަކީ ވަރަށް މޮޅަށް ނެށުމުގެ ތަމްރީނު ހޯދާފައިވާ މީހެކެވެ. ނަމަވެސް ބިގް ބޮސްގެ ގޭގައި އޭނާއަށް ބެލުންތެރިިންގެ މުނިފޫހި ފިލުވައިދެވޭ ގޮތެއް ނުވި އެވެ.

ޝޯގައި ބައިވެރިވާ ސެލެބްރިޓީންގެ ޑްރާމާތަކުގެ ސަބަބުން ބިގް ބޮސްގެ ގޭގައި އަޑުހިއްޕާލާފައި ވާތީ ސަބްޔާސަޗީ ކަހަލަ އާދައިގެ މީހަކަށް މި ޝޯގައި މާ ބޮޑުކަމެއް ކުރެވޭ ގޮތެއް ނުވެ އެވެ.

އޭނާ ބިގް ބޮސްގެ ގޭގައި އުޅެމުން ދިޔައީ އެއްވެސް ޑްރާމާއެއްގައި ބައިވެރިނުވެ ތަންކޮޅެއް ދުރުދުރުންނެވެ.

ސަބްޔާސަޗީ ގެއިން ނެރުމުން ބިގް ބޮސްގެ ގޭގައި މިހާރު ތިބި ބައިވެރިންގެ ވާދަވެރިކަން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. މިފަހަރުގެ ސީޒަން ފެށުނު ދުވަހުން ފެށިގެން ވެސް ބައެއް ބައިވެރިން ވަނީ އެމީހުންގެ ޑްރާމާ ވަރުގަދަކޮށްފަ އެވެ.

ސަބްޔާސަޗީ މި ޝޯގައި ބައިވެރިވީ ލަވް ތިޔާގީ، ލުސިންޑާ ނިކޮލަސް، މެހްޖަބީ ސިއްދީގީ އާއެކު ޕަޅޯސީ (އަވަށްޓެރިޔާ)ގެ ގޮތުގަ އެވެ. ލުސިންޑާ ވަނީ ޝޯގެ ވަރަށް ކުރީކޮޅު ގެއިން ބޭރުކޮށްފަ އެވެ. ނަމަވެސް އަނެއް ދެ ބައިވެރިން އަދި ވަރަށް ހިތްވަރުކޮށްފައި އެބަތިއްބެވެ.

ސަބްޔާސަޗީ އަކީ ބިގް ބޮސްގެ ގެއިން ނުކުންނަން ޖެހުނު ދެ ވަނަ ޕަޅޯސީ އެވެ. ބިގް ބޮސް ގެއިން ސަބްޔާސަޗީ މި ހަފުތާގައި ބޭރުކޮށްލި ނަމަވެސް ޝޯ އެންމެ ބޮޑަށް ފޯކަސް ވެގެން ދާނީ ޝިލްޕާ އާއި ވިކާސް އަށް ކަމަށް ބެލެވެ އެވެ.

އެ ދެ މީހުންގެ އަރާރުން ޝޯގެ ހޯސްޓް ސަލްމާން ޚާނަށް ވެސް ވަރަށް ކަމުދެ އެވެ. ސަލްމާން ބުނި ގޮތުގައި ދެ މީހުން އަރާރުންވާއިރު ވަރަށް ލޯތްބެވެ. އަދި އެހެން މީހުން އެ ދެ މީހުންގެ އަރާރުމުގައި ބައިވެރި ނުވުމަށް ސަލްމާން އެދުނެވެ. އަދި ވިކާސް އާއި ޝިލްޕާގެ ޒާތީ މައްސަލަތަކުގެ ވާހަކަތައް ޝޯގައި ނުނެގުމަށް ވެސް ސަލްމާން އެދުނެވެެ.

ޝިލްޕާ އާއި ވިކާސް ކައިވެނި ކުރުމުގެ ޕްލޭންތަކެއް ވެސް ފަހުން ސަލްމާން ހުށަހެޅި އެވެ.

"ތި ދެ މީހުންނަށް ލޯބި ވެވުނީއޭ ހީކޮށްލާ. ތި ދެ މީހުންގެ އަރާރުން ވަރަށް ލޯބި. ތި ދެ މީހުން އުޅޭ ގޮތް ފެނިފައި އަހަރެން ހިތަށް އަރަނީ އަހަރެން ދުވަހަކުވެސް އެ ކަހަލަ ނުކުރާނަމޭ. ތި ދެ މީހުންގެ އެކަން ކޮށް ކާމިޔާބު ވެއްޖެ ނަމަ ވިސްނާނަން އަހަރެން ވެސް އެކަން ކުރުމާ ދޭތެރޭ،" "ކައިވެނި" މި ލަފުޒު ބޭނުން ނުކޮށް ސަލްމާން ބުންޏެވެ.