08 ނޮވެމްބަރ 2017 - 06:42

ސައިފް އަލީ ޚާނާއި އަމްރިތާ ސިންގްގެ ދޮށީ ދަރިފުޅު ސާރާ ބޮލީވުޑަށް ތައާރަފްވާ ފިލްމު "ކެދާރްނާތު" ރިލީޒްކުރާ ތާރީޚު އިއުލާން ކޮށްފި އެވެ. ސުޝާންތު ސިންގް ރާޖްޕޫތު ބަތަލުގެ ބައި ކުޅޭ މި ފިލްމު ރިލީޒްކުރަން ހަަމަޖެހިފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.
ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކުރި ޓުވީޓެއްގައި ވަނީ ފިލްމު މި ތާރީޚުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ކަން ޔަގީން ކޮށްދީފަ އެވެ.
އަބީޝެކް ކަޕޫރު ޑައިރެކްޓްކުރާ މި ފިލްމުގައި ދައްކަނީ އިންޑިއާގެ ހިސާބެއްގައި ހިނގާ ފެންބޮޑުވުމުގެ ހާދިސާއެކެވެ. ސާރާ މި ފިލްމުގައި ކުޅެނީ ވަރަށް މުއްސަނދި ފަތުރުވެރިއެއްގެ ރޯލެވެ. ސުޝާންތު ކުޅެނީ ދަތުރުވެރިންގެ ފޮށިތަންމަތި އުފުލައިދޭ މީހެއްގެ ބައެވެ.
މި ފިލްމުގެ ފުރަތަމަ ޝެޑިއުލް މިހާރު ވަނީ ނިމިފަ އެވެ. އަދި ދެ ވަނަ ޝެޑިއުލް މުމްބައިގައި މި ހަފުތާގައި ފަށަން ވަނީ ހަމަޖެހިފަ އެވެ.
ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވާ ތާރީޚަކީ ވަރަށް ގިނަ އޭ ގްރޭޑް އެކްޓަރުންގެ ފިލްމުތައް ރިލީޒްކުރުމަށް މިހާރު ހަމަޖައްސާފައިވާ ތާރީޚެކެވެ. އެގޮތުން ޝާހްރުކް ޚާންގެ ފިލްމަކާއި ރަންވީރު ސިންގްގެ ފިލްމެއް ވެސް އެ ތާރީޚުގައި ރިލިޒްކުރަން ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. ނަމަވެސް މި ފިލްމުތައް ނެރޭ ދުވަސް އަދި ރަސްމީ ކޮށް އިއުލާން ކޮށްފައެއް ނުވެ އެވެ.