05 ނޮވެމްބަރ 2017 - 11:49

މިދިޔަ ސެޕްޓެމްބަރު މަހު ރިލީޒް ކުރި ފިލްމް "ހައްދު" މިހާތަނަށް 64 ރަށެއްގައި ދައްކާފައިވާ ކަމަށާއި އަމާޒަކީ ފެބްރުއަރީ މަސް ނިމޭ އިރު، މުޅި ރާއްޖޭގައި ފިލްމް ދައްކައި ނިންމުން ކަމަށް ޕްރޮޑިއުސަރު/ޑައިރެކްޓަރު އަބްދުލް ފައްތާހް ބުނެފި އެވެ.
އޭނާ ބުނީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ފިލްމް ދައްކަމުން އަންނަ އިރު، އަދި އެއްގޮތަކަށް ވެސް ފިލްމް ނާޅުވަނީ ލ. އާއި ށ. އަތޮޅުގައި ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އެ ދެ އަތޮޅުތަކުގެ ރަށްރަށުގައި ވެސް ފިލްމު އަޅުވަން ފަށާނެ ކަމަށް ބުންޏެވެ.
ފައްތާހް ބުނީ އޭނާގެ 12 ވަނަ ފީޗާ ފިލްމް "ހައްދު" މިހާތަނަށް އެޅުވި އަތޮޅުތަކަށް ބަލާ އިރު، ގދ. އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު ފިލްމް ދައްކައި ނިމިފައިވާ ކަމަށެވެ.
"ކުރިއަށް އޮތް މި ދުވަސްތަކުގައި ހަމަ ފިލްމް އަޅުވަމުން ގެންދާނީ. އަދި ބާކީ ސަތޭކަ ތިރީހަށް ވުރެ ގިނަ ރަށް އެބަ އޮތް އަޅުވަންޖެހޭ،" އޭނާ ބުންޏެވެ. "ޓާގެޓަކީ ފެބްރުއަރީގެ ނިޔަލަށް ހުރިހާ ރަށެއްގައި ފިލްމް ދައްކައި ނިންމުން. މި ފިލްމް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދައްކަން ވޭނުން. އެ ހެޔޮ ކިތަންމެ ކުޑަ އާބާދީއެއް ވިޔަސް. ހަމަ މިއާ އެކު ހުރިހާ ރިސޯޓްތަކެއްގައި ފިލްމް ދެއްކުން ބޭނުމަކީ."
ފައްތާހާއި ބަތަލާ ނިއުމާ މުހައްމަދު ގުޅިގެން ހަ ލައްކަ ރުފިޔާގެ ބަޖެޓަކުން ހެދި "ހައްދު" 64 ރަށެއްގައި ދެއްކި އިރު، އޭގެ ތެރޭގައި ހަ ރިސޯޓް ވެސް ހިމެނެ އެވެ.
"މިހާތަނަށް މި ފިލްްމް ބަލައިފި ސޯޅަހާހަށް ވުރެ ގިނަ މީހުން. އަހަރެންގެ ޓާގެޓަކީ އެއްކޮށް އަޅުވައި ނިމޭ އިރު، ފިލްމް ބެލި މީހުންގެ އަދަދު ފަންސަވީސްހާހަށް ވުރެ މައްޗަށް ގެންދިއުން،" އޭނާ ބުންޏެވެ.
"ހައްދު" އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ. މި ފިލްމްގައި ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވި އަހުމަދު ޝިބާންއާ އެކު، މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ.
ފައްތާހް ބުނީ "ހައްދު" ދެވަނަ ބުރެއްގެ މަތިން ޖެނުއަރީ މަހުގެ ތެރޭގައި އަލުން އޮލިމްޕަހަށް ވެސް ގެންނާނެ ކަމަށެވެ. މި ފިލްމް ރިލީޒް ކުރި ދުވަސްވަރު އޮލިމްޕަހާ އެކު މާލެ އާއި ހުޅުމާލެ ޝްވެކް ސިނަމާގައި ވެސް ދެއްކި އެވެ.
"ހައްދު" ރަށްރަށުގައި އަޅުވަމުން އަންނަ އިރު، މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ރިލީޒް ކުރި ފާތުމަތު ނަހުލާގެ ލޯބީގެ ފިލްމް "ބޮސް" ވެސް މިހާރު ވަނީ ރަށްރަށުގައި ދައްކަން ފަށައިފަ އެވެ.