ޖާންވީ އާއި އިޝާންގެ ފިލްމު އަންނަ މަހު ފަށަނީ
ޖާންވީ އާއި އިޝާންގެ ފިލްމު އަންނަ މަހު ފަށަނީ

ޝްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރާއި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާންގެ ފުރަތަމަ ފިލްމު "ސައިރަތު"ގެ ރިމޭކް އަންނަ މަހު 1 ވަނަ ދުވަހު ފަށަން ހަމަޖެހިއްޖެ އެވެ.

ޓްރޭޑް އެނަލިސްޓް ރަމޭޝް ބާލާ ކުރި ޓުވީޓެއްގައި މިކަން ވަނީ ޔަގީން ކޮށްދީފަ އެވެ. މި ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން އޮންނާނީ މުމްބާއީގަ އެވެ.

މިއީ ޖާންވީގެ ފުރަތަަމަ ފިލްމު ނަމަވެސް އިޝާން ވަނީ "ބިޔޯންޑް ދަ ކްލައުޑްސް" ކިޔާ އިންޓަނޭޝަނަލް ފިލްމެއްގައި މަސައްކަތްކޮށް ގިނަ ބައެއްގެ ތައުރީފު ހޯދާފަ އެވެ. ޝްރީދޭވީ އަކީ ބޮލީވުޑް ބަތަލާއިންގެ ތެރެއިން އެންމެ ހުނަރުވެރި އެކްޓަރުންގެ ލިސްޓުގައި ހިމެނޭ އެކްޓަރެކެވެ. އެހެންކަމުން އޭނާގެ ދަރިފުޅުގެ ފަރާތުން ވެސް މިފަދަ ކުޅަދާނަކަމެއް ފެންނާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެ އެވެ.

"ސައިރަތު" އަކީ ނާގްރާޖް މަންޖުލޭ ޑައިރެކްޓްކުރި މަރާޓީ ފިލްމެކެވެ. ލޯތްބާއި ކައިވެނީގެ ކަންތައްތަކުގައި ނަސްލީ ތަފާތުކުރުންތައް އަދިވެސް އިންޑިއާގައި އޮތް މިންވަރު މި ފިލްމުގައި ދައްކާނެ އެވެ. މި ފިލްމަށް ބެލުންތެރިންނާއި ކްރިޓީކްސްގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ. އެހެންވެ ޕްރޮޑިއުސަރު ކަރަން ޖޯހަރް މި ފިލްމުގެ ރިމޭކެއް ހަދަން ގަސްތުކޮށް ފިލްމުގެ ރައިޓްސް ވަނީ ގަނެފަ އެވެ.

ޝަޝާންކު ޚައިތާން ޑައިރެކްޓްކުރާ މި ފިލްމުގައި ޖާންވީ އަކީ ވަރަށް މުއްސަނދި އާއިލާއެއްގެ ކުއްޖެއްގެ ރޯލެވެ. އިޝާން ކުޅެނީ ފަގީރު ނަމަވެސް ވަރަށް ވަރުގަދަ މީހެއްގެ ރޯލެވެ. މީގެ އޮރިޖިނަލް ފިލްމުގައި މަސްވެރިއެއްގެ ފިރިހެން ދަރިއަކާއި މުއްސަނދި ސިޔާސީ މީހެއްގެ އަންހެން ދަރިއަކު ލޯބިވުމުން ދިމާވާ މައްސަލަތައް ދައްކުވައިދީފައިވެ އެވެ.

މި ފިލްމަށް އިޝާން އާއި ޖާންވީ ތަމްރީނުތައް ހޯދަމުން އަންނަތާ މިހާރު އެތައް މަހެއް ވެއްޖެ އެވެ. ޖިމް ޓްރޭނިން އާއި ޑާންސިން އަދި އެކްޓިން ކްލާސްތަކުގައި ގަވާއިދުން ބައިވެރިވުމުގެ އިތުރުން ކެމިސްޓްރީ ރަނގަޅުކުރުމަށްޓަކައި ވަރަށް ގިނަ ވަގުތު އެކުގައި ހޭދަކުރާތަން ވެސް ވަނީ ފެނިފަ އެވެ.

ޖާންވީ އަކީ އޭނާގެ މަންމަ ޝްރީދޭވީ ކަހަލަ މަޑުމައިތިރި، ނަމަވެސް ކެމެރާ އަށް ކުރިމަތިލުމާއެކު އެ ކުޅޭ ކެރެކްޓާއަކަށް ވަރަށް ފުރިހަމައަށް ފިޓްވެލާ ކުއްޖެއް ކަމަށްވެ އެވެ. އަދި ކިތަންމެ އޭނާގެ އަސްލު މިޒާޖާ ނުގުޅޭ ރޯލެއް ނަމަވެސް އެއްވެސް ޖެހިލުމެއް ނެތި ފުރިހަމަ ކޮށްލަން ކެރޭ ކަމަށް ވެސް ވެއެވެ.

"ސައިރަތު" ރިމޭކް ފަށާ ތާރީޚެއް މި ހަމަޖެހުނީ ފިލްމު ނުފެށި ލަސްވާތީ ޖާންވީީ އާއި ޝްރީދޭވީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެން އުޅޭ ކަމުގެ ޚަބަރުތަކެއް ފެތުރިފައި ވަނިކޮށެެވެ.