05 ނޮވެމްބަރ 2017 - 10:39

ރިޔާޒް (ނޮވެމްބަރު 5) - ކޮރަޕްޝަނުގެ ތުހުމަތުގައި ސައުދީގެ ބައެއް ވަޒީރުން ހައްޔަރު ކުރުމާ އެކު ކެބިނެޓަށް ބަދަލުތަކެއް ގެނެސްފި އެވެ.
ކެބިނެޓުން ވަކިކުރި ސީނިއާ މެންބަރުންގެ ތެރޭގައި ނޭޝަނަލް ގާޑުގެ މިނިސްޓަރު ޕްރިންސް މިތާބު އަބްދުﷲ އާއި އިކޮނޮމީ މިނިސްޓަރު އާދިލް ފާކިހް ހިމެނެ އެވެ. ކުރީގެ ރަސްގެފާން އަބްދުﷲ ގެ ދަރިކަލުން މިތާބަކީ ވަލީ އަހުދު ކަމަށް ވަޑައިގަންނަވާނެ ކަމަށް އެއް ދުވަސްވަރެއްގައި ބެލެވުނު ބޭފުޅެކެވެ. ކަނޑުގެ ސިފައިންގެ ކޮމާންޑަރު އެޑްމިރަލް އަބްދުﷲ ބިން ސުލްތާން ބިން މުހައްމަދު އަލް ސުލްތާން ވެސް ވަނީ ވަކިކޮށްފަ އެވެ.
ތަޖްރިބާކާރުން ބުނާ ގޮތުގައި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވަނީ ސަލާމަތީ ހުރިހާ ކަމެއްގެ ފުރިހަމަ ކޮންޓްރޯލް ނަންގަވައިފަ އެވެ. ވަލީ އަހުދުގެ މަގާމަށް ޖުލައި މަހު ހަމަޖެއްސި މުހައްމަދަކީ ސައުދީގެ ޑިފެންސް މިނިސްޓަރު ވެސް ހިމެނެ އެވެ.
މުހައްމަދު ބިން ސަލްމާން އަށް ވަލީ އަހުދުގެ މަގާމު ދެއްވި އިރު އެ މަގާމުގައި ކުރިން ހުންނެވީ މުހައްމަދު ބިން ނާއިފެވެ. ވަލީ އަހުދުގެ މަގާމަށް ވަޑައިގަތުމަށް ފަހު މުހައްމަދު ގެންދަވަނީ ސައުދީ އަށް ބޮޑެތި ބަދަލުތައް ގެންނަވަމުންނެވެ.
ރަސްގެފާނުގެ ޚާއްސަ ގަރާރަކުން އިއްޔެ އުފެއްދި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގަށް އިއްޔެ ވަނީ ހަތަރު ވަޒީރަކާއި 11 ޕްރިންސަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ސައުދީގެ ބިލިއަނަރު ޕްރިންސް ވަލީދު ބިން ތަލާލް ވެސް ހިމެނެ އެވެ.