ސެވިއްޔާ ބަލިކޮށް ބާސެލޯނާ ލީޑު ދަމަހައްޓައިފި
ސެވިއްޔާ ބަލިކޮށް ބާސެލޯނާ ލީޑު ދަމަހައްޓައިފި

ބާސެލޯނާ (ނޮވެމްބަރު 5) - ފްރާންސިސްކޯ އަލްކަސެރުގެ ދެ ލަނޑުން 2-1 އިން ސެވިއްޔާ ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ކުރީގައި ލީޑު ދަމަހައްޓައިފި އެވެ.

ބާސެލޯނާ ލީގުގެ އެއް ވަނައިގައި އޮތީ 11 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި ވެލެންސިއާ އޮތީ ރޭ ލެގަނޭސް އަތުން 3-0 އިން ހޯދި މޮޅާ އެކު 11 މެޗުން 27 ޕޮއިންޓް ހަމަކޮށްގެންނެވެ. ރަށުން ބޭރުގައި ޑިޕޯޓިވޯ އަތުން 1-0 އިން ހޯދި މޮޅާ އެކު އެތުލެޓިކޯ މެޑްރިޑް ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް 11 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ.

ލީގުގެ ހަތަރު ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އޮތީ 10 މެޗުން 20 ޕޮއިންޓާ އެކު އެވެ. މިރޭ ލަސް ޕަލްމާސް އަތުން މޮޅުވެގެން ރެއާލަށް އަލުން ތިން ވަނަ އަށް އެރޭނެ އެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ބާސެލޯނާގެ އަންދްރެސް އިނިއެސްޓާ ދިން ބޯޅަ އަކުން ލުއިސް ސުއަރޭޒަށް ލަނޑުޖަހަން ލިބުނު ފުރުސަތު އޭނާ އަތުންވީ ބޭކާރެވެ. މެޗުގެ 23 ވަނަ މިނިޓްގައި އަލްކަސެރު ބާސެލޯނާ އަށް ލީޑުނަގައިދިނީ ސުއަރޭޒް ދިން ބޯޅައަކުންނެވެ.

ދެ ވަނަ ހާފު ފަށައިގެން މެޗުގެ 59 ވަނަ މިނިޓްގައި ސެވިއްޔާ އަށް އެއްވަރުކޮށްދިނީ ގުއީޑޯ ޕިޒާރޯ އެވެ. އެބަ ބަނޭގާ ނެގި ކޯނަރަކުން ޕިޒާރޯ މި ލަނޑު ޖެހީ ބޮލުންނެވެ. އޭގެ ތިން މިނިޓް ފަހުން ބާސެލޯނާ އަށް ލީޑުނަގައިދޭން ޖެރާޑް ޕީކޭ ޖެހި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ބާސެލޯނާ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިިދިން ލަނޑު މެޗުގެ 65 ވަނަ މިނިޓްގައި އަލްކަސެރު ކާމިޔާބުކުރީ ކުރިން ސެވިއްޔާ އަށް ކުޅުނު އިވާން ރަކިޓިޗް ނަގައިދިން ބޯޅައަކުންނެވެ.

ލީގުގެ ފުރަތަމަ 11 މެޗުގެ ތެރެއިން 10 މެޗުން މޮޅުވުމުން ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފަ އެވެ. ރޭގެ މެޗަށް ފަހު އޭނާ ބުނީ ކުރިއަށް އޮތްތަނުގައި ބާސެލޯނާ ދާނީ އިތުރަށް ވަރުގަދަވަމުން ކަމަށެވެ.