05 ނޮވެމްބަރ 2017 - 10:11

ލަންޑަން (ނޮވެމްބަރު 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި މުހައްމަދު ސަލާހު ޖެހި ދެ ލަނޑާ އެކު 4-1 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ލިވަޕޫލް މޮޅުވެއްޖެ އެވެ.
މި މޮޅާ އެކު ލިވަޕޫލް ވަނީ ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. ކުޅުނު 11 މެޗުން ލިވަޕޫލަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. ވެސްޓް ހޭމް އޮތީ ކުޅުނު 11 މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު ލީގުގެ 17 ވަނައިގަ އެވެ.
ކައުންޓަ އެޓޭކުގައި ރޭ ލިވަޕޫލްގެ ފުރަތަމަ ލަނޑު މެޗުގެ 21 ވަނަ މިނިޓްގައި ކާމިޔާބުކުރީ ސަލާހު އެވެ. އޭނާ މި ލަނޑު ޖެހީ އަނިޔާ އަށް ފަހު އަލުން ޓީމާ ގުޅިގެން ފުރަތަމަ ފަހަރަށް ކުޅުނު ސަޑިއޯ މާނޭ ދިން ބޯޅައަކުންނެވެ. އޭގެ ތިން މިނިޓް ފަހުން ލިބުނު ކޯނަރަކުން ލިވަޕޫލްގެ ލީޑުފުޅާކޮށްދިނީ ކެމަރޫންގެ ޑިފެންޑަރު ޖޮއެލް މަޓިޕް އެވެ.
ދެ ވަަނަ ހާފް ފަށައިގެން މެޗުގެ 55 ވަނަ މިނިޓްގައި ވެސްޓް ހޭމަށް ކުޅޭ އާޖެންޓީނާގެ މިޑްފީލްޑަރު މެނުއަލް ލަންޒިނީ ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ. އެހެން ނަމަވެސް އެ ލަނޑު ޖެހިތާ 57 ސިކުންތު ފަހުން އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން ވަނީ ލިވަޕޫލަށް ތިން ވަނަ ލަނޑެއް ޖަހައިދީފަ އެވެ. މިއީ 40 މިލިއަން ޕައުންޑަށް އާސެނަލް ދޫކޮށް ލިވަޕޫލަށް ބަދަލުވި ފަހުން އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ޗަމްބަލެއިން ކުޅުނު ފުރަތަމަ މެޗެވެ.
ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ސަލާހު އެވެ. މާނޭ ދިން ބޯޅައަކުން ސަލާހު ވަނީ ވެސްޓް ހޭމްގެ ކީޕަރު ޖޯ ހާޓަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މެޗުން މޮޅުވުމުން ލިބުނު ހިތްހަމަ ޖެހުމުގެ އިތުރަށް އޭނާ ބޮޑަށް އުފާވަނީ އޭނާގެ ރޭވުން ކާމިޔާބުވުމުން ކަމަށެވެ.
"އަހަރެން މި މެޗަށް ނުކުތީ ހާއްސަ ރޭވުމަކާ އެކު. އެއީ ވެސްޓް ހޭމް އިން މީގެ ކުރިން ކުޅެފައި ހުރި މެޗުތައް ބެލުމަށް ފަހު އަހަރެން ވިސްނީ ކައުންޓަ އެޓޭކަށް. އެ ގޮތަށް ކުޅެގެން މޮޅުވީމަ އުފާވޭ. މިއީ ކުރިއަށްދާން ރަނގަޅު ނަތީޖާއެއް،" ކްލޮޕް ބުންޏެވެ.
ރޭގެ މެޗުން ބަލިވުމުން ވެސްޓް ހޭމްގެ ކޯޗު ސްލަވެން ބިލިޗުގެ މަގާމުގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.