ސައުދީ ވެރިރަށަށް ދޭން އުޅުނު މިސައިލް ހަމަލާއެއް ނާކާމިޔާބުކޮށްލައިފި
ސައުދީ ވެރިރަށަށް ދޭން އުޅުނު މިސައިލް ހަމަލާއެއް ނާކާމިޔާބުކޮށްލައިފި

ރިޔާޒް (ނޮވެމްބަރު 5) - ސައުދީ އަރަބިޔާގެ ވެރިރަށް ރިޔާޒަށް ހަމަލާ ދޭން ޔަމަނުގެ ހޫތީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ސައުދީ ރަސްމީ ނޫސް އެޖެންސީން ބުނީ އަމާޒަށް ވާސިލްވުމުގެ ކުރިން މިސައިލް ވަނީ ރިޔާޒުގެ މަތިން ގޮއްވާލާފައި ކަމަށެވެ. އަދި ރިޔާޒުގެ އުތުރުން އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާ ކައިރިއަށް މިސައިލުގެ ބައިތައް ވެއްޓިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ޓީވީ ޗެނަލަކުން ބުނި ގޮތުގައި ހޫތީން ހަމަލާދޭން އުޅުނީ ކިންގް ޚާލިދު އެއާޕޯޓަށެވެ.

ސައުދީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ އެއާ ޓްރެފިކަށް އެއްވެސް ބުރުލެއް އަރާފައި ނުވާ ކަމަށެވެ.

ޔަމަނުގެ ހޫތީން މީގެ ކުރިން ފޮނުވާލި މިސައިލްތައް ވެސް ސައުދީ ސިފައިން ވަނީ ވައްޓާލައިފަ އެވެ. ހޫތީންގެ އެއްވެސް މިސައިލެއް ސައުދީގައި މީހުން ދިރިއުޅޭ ހިސާބަކަށް އަރައިފައެއް ނުވެ އެވެ.

"ހޫތީން އެންމެ ފަހުން ފޮނުވާލި މިސައިލް އަމާޒުކޮށްފައި ވަނީ އާއްމުން ވީހާވެސް ގިނައިން އުޅޭ ހިސާބަކަށް. މިސައިލުގެ އަމާޒަށް ވާސިލްވުމުގެ ކުރިން ގޮއްވާލުމުން އޭގެ ބައިތައް ވެއްޓިފައި ވަނީ އެއާޕޯޓުގައި މީހުން ނޫޅޭ ސަރަހައްދަކަށް. އެއްވެސް މީހަކު ޒަޚަމްވެފައެއް ނުވޭ،" ސައުދީ ކޯލީޝަނުގެ ތަރުޖަމާން ތުރްކީ އަލް މާލިކީ ވިދާޅުވި އެވެ.

ސައުދީގެ އަލް އަރަބިއްޔާ ޓީވީން ބުނީ މިސައިލުގެ ބައިތައް އެއާޕޯޓުގެ ކާރު ޕާކިން ސަރަހައްދަށް ވެއްޓުނު މަންޒަރު ބައެއް މީހުންނަށް ފެނިފައިވާ ކަމަށެވެ. ރިޔާޒުގެ އުތުރުގެ ބައެއް ހިސާބުތަކުގައި ދިރިއުޅޭ މީހުން ބުނެފައި ވަނީ ގޮއްވާލި އެއްޗެއްގެ ބާރުގަދަވުމުގެ ސަބަބުން އެ މީހުންގެ ގެތަކުގެ ކުޑަދޮރުގެ ބިއްލޫރިތައް ތެޅިފައިވާ ކަމަށެވެ.

ހޫތީން ހިންގާ ޔަމަނުގެ ސަބާ ނިއުސް އެޖެންސީން ބުނެފައި ވަނީ ސައުދީ އަށް ފޮނުވާލާފައި ވަނީ ބުރްކާން- އެޗް2 ގެ މިސައިލެއް ކަމަށެވެ.

ހޫތީން ވަނީ މިދިޔަ މެއި މަހު ވެސް ރިޔާޒަށް މިސައިލް ހަމަލާއެއް ފޮނުވާލައިފަ އެވެ. އެ ފަހަރު ހަމަލާދިނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަށް ވަޑައިގަތުމަށް އެއް ދުވަހަށްވެފައި ވަނިކޮށެވެ. އެ މިސައިލް ވައްޓާލާފައި ވަނީ ރިޔާޒާ 200 ކިލޯ މީޓަރު ދުރުންނެވެ.

ސައުދީ ކޯލީޝަނުން ޔަމަނުގެ ހޮޓަލަކަށާއި މާރުކޭޓަކަށް ބުދަ ދުވަހު ދިން ވައިގެ ހަމަލާތަކެއްގައި އާއްމުންގެ 26 މީހުން ވަނީ މަރުވެފަ އެވެ.