ހައިސިއްޔަތު
ހައިސިއްޔަތު

(ބުދަ ދުވަހާ ގުޅޭ)

އަޔާޒަށް ލިބުނީ ޝޮކެކެވެ. އަހަރެން އެހެން ބުނެފާނެކަމަކަށް އޭނަ ފަހަރެއްގައި ވެސް ހިޔެއް ނުކުރެއެވެ.

"އަހަރުމެން އަރާރުން ނުވާ ރެޔެއް މިހާރަކު ނާދޭ. އަޔާ ރުހޭ ގޮތަކަށް އަހަންނަކަށް ހަމަ އެއްވެސް ކަމެއް ނުކުރެވޭ،" އިތުރަށް އަހަރެން ބުނީމެވެ. "ދިމާލަށް ތި ބުނަނީ އަހަރެންދެކެ އެއްވެސް ލޯތްބެއް ނުވެޔޭ! އަހަރެންގެ ބޮލުގަރިހުމެއް މިހާރަކު ނުކެނޑޭ. ނިންޖެއް ހަމައަކަށް ނުލިބޭ! އޮފީހަށް ގޮސް މަސައްކަތެއް ނުކުރެވޭ! ކުދިންގެ ކަންތައްތަކެއް ރަނގަޅަކަށް ނުކުރެވޭ! އެއްފަހަރު ސްކޫލަށް، އަނެއް ފަހަރު ޤުރުއާން ކްލާހަށް. އެއް ފަހަރު ކޮންސަޓަށް، އަނެއް ފަހަރު ޓިއުޝަން ކްލާހަށް. ހިނގާފަ އުޅެން މި ޖެހެނީ. އެއްވެސް ކަމެއް ކުރާކަށް އަޔާއަކަށް ނާދެވޭ. ފިރިޔަކު ހުރެގެން ކޮން ބޭނުމެއް ފުދެނީ؟ އަޔާ ނުކުމޭ މި ގެއިން."

"ތި ކުރެވެނީ ކިހާ ބޮޑު ފާފައެއްކަން އެނގޭތަ؟" އަޔާޒު އެހިއެވެ.

"ނުކުމޭ މި ގެއިން." އަނެއްކާ ވެސް އަހަރެން ބުނީމެވެ.

"އޭރުން ކުދިންނަށް ވާނީ ކިހިނެއް؟" އަޔާޒު އެހިއެވެ.

"މިހާރު ވެސް މަގޭ ދަރިންނަށް ޚަރަދުކުރާ ގޮތަށް ދެން ވެސް ކުރެވޭނެ." އަޔާޒާ ދިމާއަށް ނުވެސް ބަލައި އަހަރެން ބުނީމެވެ.

"ބަދޫރާގެ މައިންބަފައިން..." އަޔާޒަށް ބުނެވުނީ އެ ހިސާބަށެވެ.

"މިހާރު ވެސް އެ މީހުން ބަލާ ގޮތަކަށް ދެން ވެސް މަށަށް ބެލޭނެ." އަހަރެން ޖަވާބު ދިނީމެވެ.

އަޔާޒުގެ އަނގަ ބަންދުވިއެވެ. ނުކުންނަން ހިނގައިގަތެވެ. ވަކި ހިސާބަށް ގޮސްފައި، ފަސްއެނބުރި ބަލައިލިއެވެ. އޭނައަށް ހީވި ކަހަލައެވެ. ހުއްޓޭށޭ އަހަރެން ބުނާނެއެވެ. ބުދެއްހެން އަހަރެން ހުރީއެވެ. އުފަލެއް ނުވެއެވެ. ބޮޑައެއް ވެސް ނުވެއެވެ. އަޔާޒަކީ އަހަރެން ވަރަށް ލޯބިން ކައިވެނިކުރި މީހެކެވެ. ފޮނި އުންމީދުތަކެއް ކުރީމެވެ. ހުވަފެންތަކެއް ދުށީމެވެ. ހުރިހާ ހުވަފެންތައް ބިލާހަކަށް ވެދާނެކަމަކަށް ހިޔެއް ނުކުރަމެވެ. އަހަރެންގެ ހަމައެކަނި ކުށަކީ، ފިރިމީހާއަށް ވުރެ ބޮޑު މުސާރައެއް އަހަންނަށް ލިބުމެވެ. އެ ކަން އަޔާޒަށް ބަލައިނުގަނެވުނީއެވެ. ކަށްޓެއް ފަދައިން ކަރުގައި ހުރަސްވެ، ދިރުވައިލަން އުނދަގޫވީއެވެ. އަހަރެން ނުހުއްޓުވާނެކަން ކަށަވަރުވުމުން، އަޔާޒު ނުކުމެގެން ދިޔައީއެވެ. ދިޔައީ ކޮންތަނަކަށްތޯ އަހަންނެއް ނުބަލަމެވެ. ފޫހިވެފައި ހުރި ވަރުންނެވެ. އެހާމެ ދެރަ ވެސް ވިއެވެ. ދަރިންގެ ހުރިހާ ސުވާލެއް ކުރިމަތިކުރާނީ އަހަންނަށެވެ. މައިންބަފައިންގެ ސުވާލުތަކަށް ވެސް އަހަރެން ތައްޔާރުވާން ޖެހެއެވެ.

ހެނދުނު އަޔާޒު ސައިބޯން ނައުމުން، އާދައިގެމަތިން މަންމަގެ ސުވާލު ފޮށި ހުޅުވައިލިއެވެ.

"އޭނަ ނުކުމެގެން ހިނގައްޖެ!" ޙަޤީޤަތާ އަހަރެން ކުރިމަތިލީމެވެ.

"އެއީ ކީއްވެ؟" ހައިރާންވެފައި މަންމަ ބުންޏެވެ.

"އަހަރެން ބުނީ ނުކުންނާށޭ،" އަހަންނަށް ބުނީމެވެ. "ކޮންމެ ކަމަކަށް ވެސް އޮންނާނެ ހައްދެއް."

"ހެޔޮނުވާނެ އެހެން ހަދަން،" މަންމަ ދިފާޢުގައި ތެދުވިއެވެ. "އެ ކަހަލަ ރަނގަޅު ފިރިހެނެއް މަދުވާނެ. ކިހާ ހަރުދަނާ، ދީންވެރި މީހެއް އެއީ."

މަންމައަށް ޖަވާބުދޭން އަހަރެން އަނގަ ހުޅުވައިލީމެވެ. ބޭނުމަކީ ކޮބައިހޭ ހިތަށްއެރިއެވެ. މަންމައަށް ނޭނގޭ އެއްޗެއް ނޯންނާނެއެވެ.

"ދެމަފިރިއެއް ވެއްޖިއްޔާ ކުދިކުދި މައްސަލަޖެހޭނެ. އެކަމަކު ފިރިމީހާ ގެއިން ނެރެލާކަށް ނުވާނެއްނު،" މަންމަގެ ވާހަކައިން ހީވަނީ ދަރިއަކީ އަޔާޒުހެންނެވެ. "އޭނަ ކޮންތާކަށް ވަންނާނީ؟ މާލޭގަ ގެދޮރެއް ހުރީކީ ނޫން. ދަރިފުޅު ވިސްނާލަބަލަ އޭނަ އައިފަހުން އަހަރުމެންނަށް ލިބުނު އުފާވެރިކަން. ދަރިފުޅު ވިސްނާލިންތަ ކުދިން ވާނެ ދެރަ؟ ބައްޕަ ގެއްލުނީމަ ކުދިން ކޮންފަދަ ހާލެއްގަ ޖެހޭނެ؟ ބައްޕައަށް ތި ކަން އެނގިއްޖެއްޔާ ވަރަށް ރުޅިއަންނާނެ. އަވަހަށް އޭނަ ގެނޭ."

މަންމަގެ މައްސަލައެއް ނެތެވެ. މައްސަލައަކީ އަހަންނެވެ. އަޔާޒުގެ އަސްލު ސިފަ މައިންބަފައިންނަށް ކިޔައިދޭން ހުރީ އަހަންނެވެ. އަހަރެން ހުރިހާ ކަމެއް ސިއްރުކުރީއެވެ. ދަނޑިވަޅު ގެއްލުވައިލައި، ބޭނުން ކަމެއް ކުރަން އަޔާޒަށް ހިތްވަރުދެވުނީއެވެ. މަންމަ ކޮންމެ އެއްޗެއް ކިޔަސް، އަލުން އަޔާޒު ގެނައުމުގެ އެއްވެސް ޝައުޤުވެރިކަމެއް އަހަރެންގެ ނެތެވެ. އިސާހިތަކު ބައްޕައަށް އެ ކަން އެނގިއްޖެއެވެ. އެ ނިންމުން ބައްޕަޔަކަށް ކަމަކުނުދިޔައެވެ. ހަގު ދަރިފުޅު ނިންދަވަން އުޅެނިކޮށް ބައްޕަ ކޮޓަރިއަށް ވަނެވެ. ބޮޑު ތަގުރީރެއް ދޭން ފެށިއެވެ. ބައްޕަ ހިތުން ބައްޕަ ކުޅެމުންދިޔަ ކުޅިވަރެއް އަހަންނަކަށް ނޭނގޭނެއެވެ. އަހަންނަށް ހީވީ އަހަރެންނަށް ވަރަށް ބޮޑު ކުށެއް ކުރެވުނުހެންނެވެ. އެއްގޮތަކީ، އަޔާޒު ގެއިން ބޭރަށްލާން ޖެހުނު ސަބަބު މަންމަ ނުކިޔައިދީ އޮތުމެވެ. އަނެއް ގޮތަކީ، ބައްޕަގެ ނަޒަރުގައި އަޔާޒުގެ އެއްވެސް ކުށެއް ނެތުމެވެ. އަހަރެންގެ ކެތްތެރިކަމެއް ނެތީއެވެ. ދަރިންނާ ދޭތެރޭގައި އަހަރެން ނުވިސްނީއެވެ. ދިރިއުޅުމަކީ ކޮބައިކަން އަހަންނަށް ނޭނގެނީއެވެ. ނުވާތާކަށް، ފިރިހެނުންނަށް ލިބިފައިވާ އިޚުތިޔާރުތައް ވެސް އަހަންނަށް ނޭނގެނީއެވެ.

ޖެހިގެންއައި ދުވަހު އަހަރެން އަޔާޒަށް ގުޅީމެވެ. ގެއަށް އައުމަށް އެދުނީމެވެ. އަޔާޒު އޮފީހަކަށް ނުދެއެވެ. ގެއަށް އައީ ރޭގަނޑުއެވެ. އޭނަ ހީވަނީ ކަށްވަޅުން އަރައިގެން އައި މީހެއް ހެންނެވެ. އަބަދު ނަލަކޮށް ފަރިކޮށް ހުންނަ މީހާގެ ހުރިހާ އޮފެއް ހުރީ ކެނޑިފައެވެ. އެންމެ ބައި ދުވަސް ތެރޭގައެވެ. ގެއަށް އަންނަން އެދުނަސް ކޮޓަރިއަށް ވަންނާކަށް އަހަރެން ނުބުނަމެވެ. ނުބުނާތީ ވަންނާކަށް އޭނަ ބޭނުމެއް ނޫނެވެ. ހިތަށްއެރިއެވެ. އެއީ އެހާ ގޮތްހުރި މީހެއް ހެއްޔެވެ؟ ކޮންމެ ކަމެއް އޭނަ ކުރަނީ އަހަރެން ބުނެގެން ހެއްޔެވެ؟ އެހެން ނަމަ އެ ދުވަހެއް ނައީހެވެ. ގެއިން ނުކުންނާކަށް އޭނައަކަށް ނުޖެހުނީހެވެ. އަޔާޒަކީ އަހަރެންގެ ފިރިމީހާއެވެ. ކޮޓަރިއަށް ވަނުމަށް އޮންނާނީ ކޮން ހުރަހެއް ހެއްޔެވެ؟ އެކަމަކު، އަހަރެން އެއްބަސްވެގެން ވަންނަންޏާ، އަޔާޒު ވެސް އެއްބަސް ވާންޖެހޭ ކަންތައްތަކެއް ހުއްޓެވެ. މައްސަލަ ފެށުނީ ވެސް އެ ހިސާބުންނެވެ. ލީލާ ދޫކޮށްލަން އެއްބަސް ނުވާހާ ހިނދަކު އަހަރެންގެ ރުހުމެއް އަޔާޒަކަށް ދޭހިތެއް ނެތެވެ.

އަޔާޒު ގެޔަށް އާދެއެވެ. ބޮޑަށް ގުޅުންބާއްވަނީ އަހަރެންގެ މައިންބަފައިންނާއެވެ. ފިތާ ހުތެއް ފިތަނީ އެ މީހުންގެ ބޮލަށެވެ. އަބަދު ނަލަވެގެން ހުންނަ އަޔާޒު މިލާފައި ހުންނާތީ މަންމަގެ ލޮލަށް ވަރަށް ތުރާވެއެވެ. އަޔާޒު ދާއިރަށް އެ ޝަކުވާ ކުރެއެވެ.

"ކުރިން ކިހާ ރީތިކޮށް އޭނަ ހުންނަނީ؟" މަންމަ ބުންޏެވެ. "ބަލާލަބަލަ މިހާރު ހުންނަ ގޮތް. ދަރިފުޅު ހިތަކަށް އެކައްޗެއް ވެސް ނާރާ؟"

އަހަރެންގެ ހިތަށް އެއްޗެހި އަރައެވެ. ނޭނގެނީ، ހިތަށްއަރާ އެއްޗެހި މަންމައަށް ކިޔައިދޭނެ ގޮތެކެވެ. ކުރިން ނޭނގޭ ކިތަންމެ އެއްޗެއް ފަހުން އަހަންނަށް އެނގިއްޖެއެވެ. ލީލާއަކީ އަޔާޒުގެ ހަތަރުވަނަ ލޯބިވެރިޔާއެވެ. އަހަންނާ ކައިވެނިކުރި ފަހުން ހަތަރު އަންހެނުންނާ އަޔާޒު ހިތާވެއްޖޭ މަންމަ ގާތުގައި ބުނާނީ ކިހިނެއް ހެއްޔެވެ؟ އޭނަ އުޅެނީ ދެއަންބަށް މީހަކާ ނީނދެވިގެންނޭ ބައްޕަ ގާތުގައި ބުނާނީ ކިހިނެއް ހެއްޔެވެ؟ ދައްކަންހުންނަ ވާހަކަ ގިނަކަމުން ގޮސް ދައްކާނެ ވާހަކައެއް އަހަންނަކަށް ނޭނގެއެވެ. އެހެންވެ، އެއްޗެއް ނުބުނަނީއެވެ. އަޔާޒަކަށް އެހެނެއް ނުވެއެވެ. ގެއިން ނެރުނު ވާހަކަ ވެސް އޮފީހުގައި އޭނަ ދެއްކިއެވެ. ހަމްދަރުދީ ހޯދާށެވެ. ނުވަތަ އަހަރެންގެ ނުބައިކަން މީހުންނަށް ސާބިތުކޮށްދޭށެވެ. އެހެންނޫނީ އަހަރެން ލަދުގަންނަވާށެވެ. އަހަރެން ހިތަށްއަރައެވެ. ފިރިމީހާއަށް ލިބެންޖެހޭ ޙައްޤުތަކުގެ ވާހަކަ އަޔާޒު ދައްކާއިރު، އަހަންނަށް ކުރަންވާ އިޙުތިރާމު އޭނައަށް ނޭނގެނީ ކީއްވެގެން ހެއްޔެވެ؟ ފޮތުގެ އެއް ގަނޑު ކިޔައިފައި އަނެއް ގަނޑު ދޫކޮށްލަނީ ހެއްޔެވެ؟

މައިންބަފައިންނާ ޒުވާބުކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. ހަމައެކަނި ނަމަކަށް ފިރިޔަކު ހުންނާނަކަށް ވެސް ބޭނުމެއް ނޫނެވެ. ދަރިފުޅު ގޮވައިގެން އިސްކޫލު ދޮށަށް ދަނީ އަހަންނެވެ. ދަރިންނަށް ޚަރަދު ކުރަނީ އަހަންނެވެ. ފިރިޔެއްގެ ޒިންމާ އަހަރެން އަދާކުރަނީ އެކަންޏެއް ނޫނެވެ. ފިރިމީހާގެ ބަލަދު ވެސް އަރަނީ އަހަންނަށޭ ހީވާ ކަހަލައެވެ. މައިންބަފައިން ބުންޏަސް، އެ ކަހަލަ ފިރިޔަކަށް ވުރެ ހުސްހަށިބަޔަށް ހުރުން ވެސް މާ ރަނގަޅެވެ. އަހަރެން ދޫދީގެން، އަޔާޒުގެ ފައިބުޑަށް ވެއްޓޭކަށް ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އަހަރެންގެ ހިތުގައި އެތައް ސުވާލުތަކެއް އެނބުރުނެވެ.

އަޔާޒުގެ ހައިސިއްޔަތަކީ ކޮބައި ހެއްޔެވެ؟ ފިރިޔެއްގެ މަޤާމަކަށް އޭނަ ކުފޫހަމަވޭ ހެއްޔެވެ؟ އޭނައަކީ ހުސްހަށިބައި މީހެއް ހެއްޔެވެ؟ ކުރަންޖެހޭ ކަމަކީ ފޮނިކަނޑަމުން އޮފީހުގައި ހިނގުން ހެއްޔެވެ؟ ނުވަތަ ފިރިއަކަށް ހެދިގެން އަހަރެން މޮޔަހެއްދުން ހެއްޔެވެ؟ އަހަރެންގެ މޯހިރުންއުޅުން ހެއްޔެވެ؟ ނޫނެކެވެ. އެ ފުރުޞަތު ދެނެއް ނުދޭނަމެވެ. ކޮންމެ މީހަކު ބުންޏަސް އަޔާޒާ އެއްކޮށެއް ދެނެއް ނޫޅޭނަމެވެ. އަހަންނަކީ އަންހެނެކެވެ. ނުވަ މަސް ވާންދެން ދަރިފުޅު ބަނޑުގައި ގެންގުޅުނީމެވެ. ވިހެއުމުގެ ވޭނަށް އަހަރެން ކެތްކުރީމެވެ. އެ ބުރަ ދެ ފަހަރު އުފުލީމެވެ. އޯގާތެރިކަމާއި އަމާނާތްތެރިކަމާ އެކުގައެވެ. އިރާދަކުރެއްވިއްޔާ، މި ދުނިޔޭގައި އަހަންނަށް ދެން ކުރިމަތިނުލެވޭނެ ގޮންޖެހުމެއް ނޯންނާނެއެވެ. ދެ ދަރިން ގޮވައިގެން އެކަނި ވެސް އަހަންނަށް އުޅެވޭނެއެވެ.

ވަރިއަށް އެދޭ ފޯމު ނެގީމެވެ. އެކަނިމާއެކަނި އިނދެގެން ފޯމު ފުރީމެވެ. އުފަލަކުން ނޫނެވެ. ހިތްދަތިކަމާ އެކުގައެވެ. ކޯޓަށް ފޯމު ނުލައި ވެސް ދުވަސްކޮޅަކު ބޭއްވީމެވެ. ކައިވެންޏެއް ރޫޅައިލުމަކީ ކުޑަ ކަމެއް ނޫނެވެ. އެހެންނަމަވެސް، އެކަކަށް އެކަނި އެ ކަން ވިސްނުނަސް ވާނެ ފައިދާއެއް ނޯވެއެވެ. އަޔާޒުގެ މިޒާޖަކަށް ބަދަލެއް ނައެވެ. ލީލާއެއްގެ ލޯބީގައި އަޔާޒު ހުރީ ދީވާނާވެފައެވެ. އެންމެ ފަހުން އެޕާޓުމަންޓެއް ކުއްޔަށް ހިފައިފައި އެ ތަނުގައި ލީލާ ބެހެއްޓިއެވެ. އެ ކަން އެނގުނު ދުވަހު ކޯޓަށް ފޯމު ލީމެވެ.

އަހަރެން ވަރިވީމެވެ. ބޭނުން ވަގުތަކު ދަރިންނާ ބައްދަލުކުރުމުގެ ފުރުޞަތު އަޔާޒަށް ދިނީމެވެ. ވަރިވާން މަޖުބޫރުވި ސަބަބާއި އަޔާޒު ކަންތައް ކުރިގޮތުގެ ވާހަކަ، އެންމެން ގާތަކު އަހަރެން ނުދައްކަމެވެ. ދެއްކި ނަމަ، ގޮތްކުޑަކަމުގެ ގޮތުން އަޔާޒާއި އަހަންނާ ދެމެދު އެއްވެސް ފަރަޤެއް ނުއޮތީހެވެ. ފިރިމީހާ ބޭޒާރުކުރުމަކީ، އޭނަ ދަށުކުރުމަކީ އަހަރެން ކުރި ކަމެއް ނޫނެވެ. ކުރާނެ ކަމެއް ވެސް ނޫނެވެ. މިހާރު ހިތަށްއަރައެވެ. ތިމާ ކިތަންމެ ޤުރުބާނީއެއް ވިޔަސް، ކިތަންމެ ކެތްކުރިޔަސް ބައެއް ކައިވެންޏަކުން އުފަލެއް ނުލިބޭނެއެވެ. ބައެއް ކައިވެނި ސަލާމަތެއް ވެސް ނުކުރެވޭނެއެވެ. އެންމެ ރަނގަޅު ގޮތަކީ ވަކިވުމެވެ. އޭރުން ހިތާމަތަކަކާ ވެސް ވަކިވެވޭނެއެވެ. އުފާތަކެއް އަލުން އެނބުރިއަންނާނެއެވެ. ހިތްދަތިކަމުން ސަލާމަތްވެވޭނީ ހިތްވަރެއް ވެސް ހުރެގެންނެވެ.

ނިމުނީ