05 ނޮވެމްބަރ 2017 - 00:15

ތަޖިކިސްތާނުގައި މިހާރު ކުރިޔަށްދާ އޭއެފްސީ 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި މިއަދު ރާއްޖެ ކުޅުނު މެޗުން އުޒްބެކިސްތާން އަތުން 6-0 އިން ބަލިވެއްޖެ އެވެ.
މި މެޗުގެ ކުރިން ޒުވާން ގައުމީ ޓީމު ކުޅުނު ދެ މެޗުގެ ތެރެއިން ބަންގްލަދޭޝް އަތުން 1-0 އިން ބަލިވިއިރު، ސްރީލަންކާއާ ވަނީ 2-2 އިން އެއްވަރުވެފަ އެވެ. މިއަދުގެ މެޗުން ބަލިވިއިރު، ރާއްޖެ އަށް ދެން އޮތީ އެންމެ މެޗެކެވެ. އެއީ އަންނަ ހޯމަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ.
އުޒްބެކިސްތާނުން މި މެޗުގެ ފުރަތަމަ ހާފުގައި ވަނީ ދެ ލަނޑު ޖަަހައިފަ އެވެ. އަނެއް ހަތަރު ލަނޑު ކާމިޔާބުކުރީ ދެ ވަނަ ހާފުގަ އެވެ. އުޒްބެކިސްތާނުގެ އިސްލޮމް ކަންޔަބައެވް ދެ ލަނޑު ޖެހިއިރު އަބޮސްބެކް ޖުމަކުލޯވް، ދިލްޝޮދް ސައިދޯވް، ބޮބުރް އަސްކަރޯވް އަދި ޖާސުރް ރަކިމޯވް ކޮންމެ ކުޅުންތެރިއަކު އެއް ލަނޑު ޖެހި އެވެ.
މުބާރާތަށް ދިއުމުގެ ކުރިން ޒުވާން ގައުމީ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ ރާއްޖެ އަށް ނަތީޖާ ނެރެވޭނީ ސްރީލަންކާ އާއި ބަންގްލަދޭޝް މެޗުން ކަމަށާއި ދެން އޮތް އުޒްބެކިސްތާނާއި ތަޖިކިސްތާނަކީ މާ ތަފާތު ދެ ޓީމު ކަމަށްވުމުން އެ ދެ މެޗަށް ނުކުންނާނީ ބައިކޮޅަށް ވަންނަ ލަނޑު މަދުކުރުމަށް ކަމަށެވެ.
ގްރޫޕް ބީގެ އެއް ވަނައިގައި އުޒްބެކިސްތާން އޮތީ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ތަޖިކިސްތާނާއި ތިން ވަނައިގައި އޮތް ބަންގްލަދޭޝަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، މިއަދު ސްރީލަންކާ އަތުން 6-0 އިން މޮޅުވި ތަޖިކިސްތާނަށް ކުރިލިބެނީ ލަނޑުގެ ތަފާތުންނެވެ. ހަތަރު ވަނައިގައި އޮތް ރާއްޖެ އާއި ފަސް ވަަނައިގައި އޮތް ލަންކާ އަށް ވަނީ އެއް ޕޮއިންޓް ލިބިފަ އެވެ.