04 ޖުލައި 2016 - 19:38

އިނގިރޭސިވިލާތުގެ ޔުނިވާސިޓީއެއް ކަމަށްވާ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑު (ޔޫޑަބްލިއުއީ)ގެ ތިން ކޯހެއް ވިލާ ކޮލެޖުން ތައާރަފްކޮށް އަންނަ ސެޕްޓެމްބަރު މަހު އެ ކޮލެޖުން ފަށަން ހަމަޖައްސާފައިވާ 53 ކޯހަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ވިލާ ކޮލެޖުން މިއަދު ތައާރަފްކުރި ކޯސްތަކަކީ، ބީއޭ އޮނާސް އިން އާލީ ޗައިލްޑް ހުޑާއި ބީއޭ އޮނާސް އިން ޕްރައިމަރީ ޓީޗަ އެޑިއުކޭޝަން އަދި އެމްއެސްސީ އިންފޮމޭޝަން ޓެކްނޮލޮޖީ ކޯހެކެވެ. މި ކޯސްތަކުގެ ފީ އުޅެނީ 35،000ރ. އިން މަތީގަ އެވެ.
ވިލާ ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވިީ ސެޕްޓެމްބަރު މަހު ފަށާ ކޯސްތަކުގައި ބައިވެރިވާން އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ކޯސްތަކަށް ކުރިމަތިލެވޭނެ ކަމަށެވެ.
ސެޕްޓެމްބަރު މަހު ފަށާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ އައިޓީ، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، ޝަރީއާ، ލޯ، ހިއުމަން ރިސޯސަސް، އެކައުންޓިން އަދި މެރިންސްޓަޑީޒެވެ. މި ކޯސްތަކުން ޖުމްލަ 1000 ދަރިވަރުންނަށް ޖާގަ ދޭނެ އެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު ވިދާޅުވީ އެ ކޮލެޖުން ފާއިތުވި އަހަރު ތައާރަފްކުރި އާ ކޯސްތައް ވަރަށް ކާމިޔާބު ކަމަށާއި އޭގެ މަންފާ ދަރިވަރުންނަަށް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކޮލެޖުން މަސައްކަތް ކުރަމުން އަންނަނީ ބޭރު ދުނިޔޭގެ ފެންވަރު ރަނގަޅު ކޯސްތައް ހެޔޮ އަގެއްގައި ދިވެހީންނަށް ފޯރުކޮށްދިނުމަށް ކަމަށް ވެސް އަންވަރު ވިދާޅުވި އެވެ.