07 ނޮވެމްބަރ 2017 - 06:10

އަޑުއިވުމުން މަހްރޫމްވެފައިވާ ތުއްތު ކުއްޖަކަށް ފުރަތަމަ ފަހަރަށް އޭނާގެ މަންމަ އަޑު އިވުމުން ކުރި އަސަރާއި އެ ތުއްތު މޫނަށް ވީ ގޮތް ފެންނަ މި ވީޑިއޯއިން ގިނަ ބަޔަކަށް އަސަރުކުރި އެވެ. މި ވީޑިއޯ އިން ފެންނަނީ މަންމަގެ އުނގުގައި އިން އުމުރުން އެންމެ ދެ މަހުގެ ޗާލީ ކީން އަށް އޭނާގެ މަންމަ "އައި ލަވް ޔޫ" އޭ ބުނި އަޑު އަހާފައި ހިނިތުން ވެލާފައި ރޮވެނިކޮށެވެ.
އެއީ ހިއަރިން އެއިޑް އެޅުވުމަށް ފަހު މަންމަ ހަލޯ، އައި ލަވް ޔޫ ބުނެލި އަޑު ޗާލީ އަށް އިވުނު ފުރަތަމަ ފަހަރެވެ.
ޗާލީގެ ބައްޕަ ނަގާފައިވާ މި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން 10 މިލިއަނަށް ވުރެ ގިނަ ފަހަރު މިހާރު ވަނީ ބަލައިފަ އެވެ.
ޗާލީގެ މަންމަ ކްރިސްޓީ އޭނާގެ އިންސްޓަގްރާމްގައި ލިޔެފައިވާ ގޮތުގައި ޗާލީ އަށް ފުރަތަމަ ފަހަރަށް މަންމަގެ އަޑު އިވުނު ފަހަރު މަންމަ ފަދައިން ވަރަށް ޖަޒުބާތީ ވި އެވެ.
ހިއަރިން އެއިޑްގެ އެހީގައި ޗާލީއަށް އަޑު އިވެގެން ފެށި ދުވަހަކީ އޭނާގެ ހަޔާތުގައި ވެސް އައި އެންމެ އުފާވެރި ދުވަހުގެ ގޮތުގައި ކްރިސްޓީ ސިފަކުރި އެވެ.
ކްރިސްޓީ ބުނި ގޮތުގައި ޗާލީ މޫނަށް އެ ގޮތްތައް ހަދަނިކޮށް މީގެ ކުރިން އޭނާ ދުވަހަކުވެސް ނުދެކެ އެވެ.
ޗާލީގެ އެއްވެސް މައްސަލައެއް ހުރި ކަމެއް ބަނޑުބޮޑުއިރު ވެސް ކްރިސްޓީ ދެއްކި ޑޮކްޓަރުންނަކަށް ވެސް ފާހަގަކުރެވިފައެއް ނުވެ އެވެ. އޭނާގެ މައިންބަފައިންނަށް، އޭނާއަށް އަޑު ނީވޭ ކަމަށް ޝައްކުވާން ފެށީ އުފަންވިތާ ދެ މަހެއްހާ ދުވަސް ވީއިރު ވެސް ގޮވާލިޔަސް އަދި އަޑެއް އިވުނަސް އެ އަޑަށް ހަރަކާތް ނުކުރާތީ އެވެ.
ޓެސްޓްތަކެއް ހެދުމަށް ފަހު ޑޮކްޓަރުން ބުނެފައިވަނީ ޗާލީ އަކީ އުފެދުމުގައި ވެސް އަޑުއިވުމުގެ ހިއްސުން މަހްރޫމްވެފައިވާ ކުއްޖެއް ކަމަށާއި އޭނާއަކަށް ދުވަހަކު ވެސް އަޑު ނީވޭނެ ކަމަށެވެ. އެހެންކަމުން ހިއަރިން އެއިޑެއްގެ އެހީގައި ޗާލީ އަށް އިވޭތޯ ކުރި މަސައްކަތް ވަނީ ކާމިޔާބުވެފަ އެވެ. ނަމަވެސް ޗާލީ ތަންކޮޅެއް ބޮޑުވުމުން އެމީހުންނަށް ޖެހޭނީ ކޮކްލިއާ އިމްޕްލާންޓް ހަދަން ކަމަށް ކްރިސްޓީ ބުންޏެވެ.