05 ނޮވެމްބަރ 2017 - 06:23

ޝާހްރުކް ޚާންގެ އުފަން ދުވަހަކީ އޭނާގެ ފޭނުންނަށް އާދައިގެ މުނާސަބަތެއް ނޫނެވެ. އިންޑިއާގެ މުމްބާއިގައި ހުންނަ ޝާހްރުކްގެ ގެ "މަންނަތު" ދޮށަށް އޭނާ ލޮލުކޮޅުން ނަމަވެސް ދެކިލުމަށް އެ ދުވަހު އެތައް ހާސް ބަޔަކު ޖަމާވި އެވެ. ނަމަވެސް މީގެ ތެރެއިން ބައެއް މީހުންނަށް ކުރެވުނީ ވަރަށް ހިތްދަތި ތަޖުރިބާ އެކެވެ.
އެ ސަރަހައްދުގެ ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި އެ ދުވަހު ޝާހްރުކް ދެކިލުމުގެ ބޭނުމުގައި އޭނާގެ ގެ ކައިރިއަށް އެއްވެ އެތައް އިރަކު ތިބި މީހުންގެ ތެރެއިން 13 މީހަކު ވަނީ އެމީހުންގެ ފޯނު ވަގަށް ނަގައިގެން ފުލުހުންނަށް މައްސަލަ ހުށަހަޅައިފަ އެވެ.
މީހުންތައް ފުރިބާރުވެ މުޅި މަގު ބްލޮކް ވުމުން ފުލުހުން ގޮސް މީހުންތައް ދުރުކުރަން އުޅުމުގެ ތެރޭގައި ބައެއް މީހުންނަށް އަނިޔާވިއިރު ދަނޑިވަޅު ބަލައި ބައެއް މީހުން ވަނީ މީހުންގެ ފޯނުތައް ފޭރި، ވައްކަން ކޮށްފަ އެވެ.
ބުދަ ދުވަހު ޝާހްރުކް ވަނީ އަލީބާގްގައި ހުންނަ އޭނާގެ ފާމްހައުސްގައި އާއިލާ އާއި އެކުވެރިންނާއެކު އުފަން ދުވަސް ފާހަގަކޮށްފަ އެވެ. އަދި ބުރާސްފަތި ދުވަހު އޭނާ އެނބުރި މުމްބައި އަށް ދިޔައީ ފޭނުންނާއެކު އުފަން ދުވަސް ފާހަގަކުރުމަށެވެ.
މީޑިއާއާ ވާހަކަ ދައްކަމުން ޝާހްރުކް ބުނި ގޮތުގައި އޭނާ ދެކެ އެހާ ގިނަ ބަޔަކު ލޯބިވާކަން އެނގުމުން ކުރެވެނީ ވަރަށް އުފާވެރި އިހްސާސެކެވެ.
ޝާހްރުކް ބުނި ގޮތުގައި އުފަން ދުވަހު އޭނާއަކަށް ދަރިންގެ ފަރާތުން އެއްވެސް ހަދިޔާއެއް ނުލިބުނެވެ. ނަމަވެސް އޭނާގެ ހަގު ފިރިހެން ދަރިފުޅު އަބްރާމް "ހެޕީ ބާތުޑޭ، ބާތުޑޭ ބޯއި" އޭ ބުނި ކަމަށްވެ އެވެ.
ނޮވެމްބަރު 1 ގައި ޝާހްރުކް ފާހަގަކުރީ އޭނާގެ 52 ވަނަ އުފަން ދުވަހެވެ.