05 ނޮވެމްބަރ 2017 - 06:25

ބޮލީވުޑް މަޝްހޫރު ފިލްމު ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ "ޕަދްމާވަތީ" އިއުލާން ކުރީއްސުރެ އެ ފިލްމަށް ތަފާތު މައްސަލަތައް ދަނީ ދިމާވަމުންނެވެ. އަދި ފިލްމުގެ ޝޫޓިން ފެށުނު ފަހުން ވެސް އެތައް ފަހަރަކު ފިލްމުގެ ސެޓަށާއި ކެމަރާ ފަދަ ތަކެއްޗަށް ބޮޑެތި ގެއްލުންތައް ވަނީ ދީފަ އެވެ. އެހެންކަމުން ރިލީޒްކުރުމުގެ ކުރިން އިންޝުއަރެންސް ކުރުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ބަލައި މިހާރު މި ފިލްމު ވަނީ އިންޝުއާ ކޮށްފަ އެވެ.
ފިލްމުގެ ޔުނިޓްގައި މަސައްކަތްކުރާ މީހަކު އިންޑިއާ ޓައިމްސް އަށް ބުނި ގޮތުގައި ޕޮލިސީ އޮންނަ ގޮތުން ފިލްމުތައް އިންޝުއާ ކުރަނީ ސްޓޫޑިއޯތަކުންނެވެ. އެގޮތުން "ޕަދްމާވަތީ" ވެސް އިންޝުއާ ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެހެން ފިލްމުތަކަށް ވުރެ "ޕަދްމާވަތީ" އިންޝުއާކޮށްފައިވަނީ މާ ބޮޑު އަގެއްގަ އެވެ.
މިއީ ފިލްމު އަޅުވާފައިވާ ސިނަމާތަކަށް ގެއްލުންދިނުމާއި ފިލްމާ ދެކޮޅަށް ހަޅުތާލުކުރުމުން އަދި އެނޫންވެސް ގެއްލުމުގެ ބަދަލު ކަވަރުކޮށްދޭ އިންޝުއަރެންސް ޕޮލިސީއެކެވެ.
"ޕަދްމާވަތީ" އަޅުވާ ސިނަމާތަކަށް ވެސް ގެއްލުންދޭނެ ކަމުގެ އިންޒާރުތައް މިހާރު ވެސް ރާޖްޕޫތު ކަރްނީ ސޭނާ ކިޔާ ޖަމާއަތެއްގެ އެކްޓިވިސްޓުން ދަނީ ދެމުންނެވެ. އެހެންވެ ފިލްމު އިންޝުއާ ނުކުރާ ނަމަ އެއްވެސް ތިއޭޓަރެއްގައި ފިލްމު ދައްކަން އެގްޒިބިޓަރުން އެއްބަހެއް ވެސް ނުވާނެ އެވެ. ފުލުހުންނަށް ސިނަމާތައް ރަނގަޅަށް ހިމާޔަތް ނުކޮށްދެވިއްޖެ ނަމަ ވަރަށް ބޮޑެތި ގެއްލުންތަކެއް ސިނަމާތަކަށް ލިބުުމުގެ ނުރައްކާ ވަރަށް ބޮޑެވެ.
ބެލެވޭ ގޮތުގައި އިންޑިޔާގެ ބޮޑު ތިން ސްޓޭޓެއްގައި މި ފިލްމާ ދެކޮޅަށް ވަރުގަދަ މުޒާހަރާތައް ބާއްވައި ފިލްމު އަޅުވާ ސިނަމާތަކަށް ގެއްލުންދޭން އެކްޓިވިސްޓުން ވަރަށް މަަަސައްކަތް ކުރާނެ އެވެ. މިހާރުވެސް މިކަން ކޮންމެވެސް ވަރަކަށް ވަނީ ފެށިފަ އެވެ.
މިގޮތަށް މީހުން ދެކޮޅު ހަދާ ހަޅުތާލުކުރުމަކީ "ޕަދްމާވަތީ"ގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އަށް އާ ކަމެއް ނޫނެވެ. އޭނާގެ "ރާމް-ލީލާ" އާއި "ބާޖީރާއޯ މަސްތާނީ" އަށް ވެސް މި ކަންތައްތަކާ ކުރިމަތިވި އެވެ. ނަމަވެސް ފިލްމު ޑިސްޓްރިބިއުޓްކުރާ ފަރާތްތަކާއި ސިނަމާތަކުގެ ވެރިން ގަބޫލުކުރާ ގޮތުގައި އެންމެ ރަނގަޅުގޮތަކީ ފިލްމާ ދެކޮޅުހަދާ މީހުންނާއި ބާންސާލީ މަޝްވަރާކޮށް އެއްބަސްވުމަކަށް އައުމެވެ.
"ޕަދްމާވަތީ" އަކީ ކުރީ ޒަމާނުގައި އިންޑިއާގައި ހިނގި ހަގީގީ ހާދިސާއެއްގެ މައްޗަށް ކުޅެފައިވާ ފިލްމެއް ކަމަށް ބުނެވެ އެވެ. އަދި ފިލްމުގައި ދީޕިކާ ޕަދުކޯން ކުޅޭ ޕަދްމާވަތީގެ ކެރެކްޓާއަކީ ވެސް އެ ޒަމާނުގައި އުޅުނު ރާނީއެއް ކަމަށްވެ އެވެ. މިހާރު ފިލްމާ ދެކޮޅަށް ނުކުމެގެން އުޅެނީ އެ ރާނީގެ އާއިލާގެ މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބި މީހުންގެ ތެރެއިން ބައެކެވެ. އެމީހުން މައްސަލަ ޖައްސަނީ ފިލްމުގައި ޕަދްމާވަތީ އާއި އަލާއުއްދީން ޚިލްޖީ (ރަންވީރު ސިންގް)ގެ ލޯބީގެ މަންޒަރުތަކެއް ހިމެނޭ ކަމަށް ގަބޫލު ކުރެވިގެންނެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އަލާއުއްދީން ޚިލްޖީ އުޅެފައިވަނީ ޕަދްމާވަތީ ދެކެ ލޯބިން އޭނާ ހާސިލު ކުރުމަށެވެ. ނަމަވެސް އެ ދެ މީހުން ދުވަހަކު ބައްދަލުވެފައި ވެސް ނުވާ ކަމަށް ބުނެވެ އެވެ.
ޝާހިދު ކަޕޫރާއި އަދިތީ ރާއޯ ހައިދްރީ ވެސް މުހިއްމު ކެރެކްޓާތަކެއް ކުޅެފައިވާ "ޕަދްމާވަތީ" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު 1 ވަނަ ދުވަހު އެވެ.