05 ނޮވެމްބަރ 2017 - 06:24

ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ސިލްސިލާ އެއް ކަމަށްވާ "ވީރް ކީ އަރްދާސް - ވީރާ"ގެ ބަތަލާ ދިގަންގަނާ ސޫރްޔަވަންޝީ ބޮލީވުޑަށް ތައާރަފްވާ ފިލްމުގެ މަސައްކަތް މިހާރު އިންޑިއާގެ ދިއްލީގައި ވަރަށް ބާރަށް ކުރިޔަށް އެބަދެ އެވެ. ދިގަންގަނާގެ ފުރަތަމަ ފިލްމަކީ "ފްރައި ޑޭ" ކިޔާ ކޮމެޑީއެކެވެ. ފިލްމުގައި އޭނާ ކުޅެނީ ފިލްމުގެ ބަތަލު ގޯވިންދާގެ ލޯބިވެރިޔާގެ ރޯލެވެ.
ދިގަންގަނާގެ އުމުރުން އަދި އެންމެ 20 އަހަރަށް ވެފައި ގޯވިންދާ އަކީ އޭނާގެ ބައްޕަގެ އުމުރުގެ މީހެކެވެ.
މި ފިލްމު ޑައިރެކްޓްކުރަނީ ސޯނަމް ކަޕޫރުގެ "ޑޯލީ ކީ ޑޯލީ" ޑައިރެކްޓްކުރި އަބީޝެކް ޑޮގްރާ އެވެ.
ފިލްމުގައި ގޯވިންދާގެ އިތުރުން ވަރުން ޝަރުމާ އާއި ޕްރަބްލީން ސަންދޫ ވެސް އުޅެ އެވެ. ޕްރަބްލީން ކުޅެނީ ގޯވިންދާގެ އަންހެނުންގެ ރޯލެވެ.
ދިގަންގަނާ ވަނީ ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ވަރަށް ގިނަ ސިލްސިލާތަކުގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި "ކިޔާ ހާދްސާ ކިޔާ ހަގީގަތު"، "ޝަކުންތަލާ"، "ރުކް ޖާނަ ނެހޭ" އަދި "ބާލިކާ ވަދޫ" ހިމެނެ އެވެ. ނަމަވެސް އޭނާ މަޝްހޫރުވެގެން ދިޔައީ "ވީރާ" ކުޅުނު ފަހުންނެވެ. އެ ސިލްސިލާ ނިމުމުން ދެން ބައިވެރިވީ "ބިގް ބޮސް ސީޒަން 9" ގައެވެ.
އުމުރުން 50 އަށް ވުރެ މަތީގައި އުޅޭ ގޯވިންދާއާ އެކު ބަތަލާގެ ރޯލު ކުޅުމުގައި ދިގަންގަނާގެ އެއްވެސް މައްސަލައެއް ނެތެވެ. ސަބަބަކީ ފިލްމުގައި ދައްކަނީ ވެސް އުމުރުން ދުވަސްވީ މީހަކު ޅަ އަންހެންކުއްޖަކާ ހެދި އުޅޭތީ ކަމަށް ވާތީ އެވެ.