04 ނޮވެމްބަރ 2017 - 12:48

މާސޭ، ފްރާންސް (ނޮވެމްބަރު 4) - ޔޫރޮޕާ ލީގުގައި ޕޯޗުގަލްގެ ވިޓޯރިއާއާ ދެކޮޅަށް ފްރާންސްގެ މާސޭ ކުޅުނު މެޗު ފެށުމުގެ ކުރިން އެ ޓީމުގެ ޕެކްޓްރިސް އެވްރާ ސަޕޯޓަރެއްގެ ގައިގައި ފައިން ޖެހި މައްސަލައިގައި އޭނާ ސަސްޕެންޑް ކޮށްފި އެވެ.

އުމުރުން 36 އަހަރުގެ އެވްރާ ސަޕޯޓަރު ގައިގައި ފައިން ޖެހީ ތަކުރާރުކޮށް އެ ސަޕޯޓަރު އޭނާއާ ނަސްލީ ގޮތުން ދިމާކުރި ކަމަށް ބުނެ އެވެ. ޔުއެފާ އިން ވަނީ މި މައްސަލައިގެ ތަހުގީގު ފަށައިފަ އެވެ. އަދި ވަގުތީގޮތުން އެއް މެޗުގެ ސަސްޕެންޝަނެއް ވަނީ ދީފަ އެވެ.
މާސޭ އިން ވެސް މި މައްސަލަ ބަލަމުން އަންނައިރު އެ ޓީމުން ވެސް ވަނީ އެވްރާ ސަސްޕެންޑްކޮށްފަ އެވެ. އަދި އެވްރާއާ ނަސްލީ ގޮތުން ދިމާކުރި ސަޕޯޓަރުގެ މައްސަލަ ވެސް އެ ކްލަބުން ބަލާނެ ކަމަށް އެ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"ޕްރޮފެޝަނަލް ކުޅުންތެރިއަކު ވެއްޖިއްޔާ ސެލްފް ކޮންޓްރޯލް ހުންނަން ޖެހޭނެ. އެކަމަކު އެވްރާގެ ފަރާތުން އެކަމެއް ނުފެނުނު. އެކަން މި ކްލަބުން ކުށްވެރިކުރަން. ދެން އެވްރާއާ ނަސްލީ ގޮތުން ދިމާކުރި ސަޕޯޓަރަށް ވެސް މި މައްސަލައިގައި އަދަބު ލިބެން ޖެހޭ. އެއީ ފުޓްބޯޅައިގައި ރޭސިޒަމަށް އެއްވެސް ޖާގައެއް ނުދެވޭނެ،" މާސޭ އިން ނެރުނު ބަޔާނުގައިވެ އެވެ.
މި މައްސަލަ ހިނގައިދިޔަ ވަގުތު މާސޭ ސަޕޯޓަރުން ދަނޑަށް އަރާފައިވާތީ ޔުއެފާ އިން ވަނީ އެ ކްލަބަށް ވެސް ފިޔަވަޅު އަޅަން ނިންމައިފަ އެވެ. މާސޭގެ ކޯޗު ރޫޑީ ގާސިއާ ބުނީ ސަޕޯޓަރުގެ އަމަލުތައް ވެސް ކުށްވެރިކުރަން ޖެހޭ ކަމަށާއި އެހެން ނަމަވެސް އޭނާގެ ނަޒަރުގައި ބޮޑަށް ގޯހީ އެވްރާ ކަމަށެވެ.
ކުރިން މެންޗެސްޓާ ޔުނައިޓެޑާ އެކު ފަސް ފަހަރު ޕްރިމިއާ ލީގު ހޯދާފައިވާ އެވްރާ މާސޭ އަށް ބަދަލުވީ މިދިޔަ ޖެނުއަރީ މަހު ޔުވެންޓަސް އިންނެވެ.މީގެ ކުރިން ސަޕޯޓަރަކަށް ހަމަލާދީގެން އެންމެ ބޮޑު ސަސްޕެންޝަނެއް އައިސްފައިވާ އެއް ކުޅުންތެރިއަކީ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިއާ އެރިކް ކެންޓޯނާ އެވެ. ކްރިސްޓަލް ޕެލަސްގެ ސަޕޯޓަރެއް ގައިގައި ފައިން ޖަހައިގެން 1995 ވަނަ އަހަރު ކެންޓޯނާ ވަނީ ނުވަ މަހަށް ސަސްޕެންޑްކޮށްފަ އެވެ.