ޔުނައިޓެޑްގެ ސަޕޯޓަރުންނާ ބައްދަލުކުރަން މޮރީނިއޯ ދެކޮޅުހަަދައިފި
ޔުނައިޓެޑްގެ ސަޕޯޓަރުންނާ ބައްދަލުކުރަން މޮރީނިއޯ ދެކޮޅުހަަދައިފި

މެންޗެސްޓާ (ނޮވެމްބަރު 4) - ފާއިތުވި ހަފްތާތަކުގައި އެކި ނޫސްވެރިންގެ ބައްދަލުވުން ތަކުގައި މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުންނަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ފާޑުކިޔުމުން އޭނާއާ ބައްދަލުކުރަން މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓާސް ޓްރަސްޓް (މަސްޓް) އިން ދިން ދައުވަތަށް މޮރީނިއޯ ފުރަގަސްދީފި އެވެ.

ރަށުންބޭރުގައި ލިވަޕޫލާއި އަމިއްލަ ދަނޑުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑުން ކުޅުނު ސްޓައިލާ ގުޅިގެން އެ ޓީމުގެ ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ބެންފީކާ އަތުން މޮޅުވި މެޗަށް ފަހު މޮރީނިއޯ ސަޕޯޓަރުންނަށް އިޝާރާތްކޮށް ބުނީ ޓޮޓެންހަމް މެޗަށް ވުރެ މި މެޗާ މެދު ޔުނައިޓެޑްގެ ބައެއް ސަޕޯޓަރުން ހިތްހަމަ ޖެހޭނެ ކަަމަށް އުއްމީދުކުރާ ކަމަށެވެ.

މީގެ އިތުރުން މޮރީނިއޯ ވަނީ އެ ޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް ފާޑުކިޔަމުން އަންނަ އެ ކްލަބްގެ ސަޕޯޓަރުންނަށް ވެސް ނުރުހުން ފާޅުކޮށްފަ އެވެ.

މި ކަންތައްތައް ހައްލުކުރުމަށް މަސްޓް އިން މޮރީނިއޯ އަށް ދައުވަތުދިނީ ލީގުގައި މާދަމާ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގައި ހުރިހާ ކަމެއް ރަނގަޅު ކުރުމަށެވެ. އެހެން ނަމަވެސް މޮރީނިއޯ ދައުވަތު ގަބޫލުނުކުރީ އެއީ ޔުނައިޓެޑްގެ ބައެއް ސަޕޯޓަރުން ކަމަށް ބުނެ އެވެ.

"މި ޕްލެނެޓްގެ ހަތަރު ބައި ކުޅަ އެއްބައި ސަޕޯޓަރުންނާ އަހަރެން ބައްދަލެއް ނުކުރާނަން. ބައްދަލުކުރަން އެ ބުނަނީ ހަމައެކަނި މި ސަރައްހަދުގައި އޮތް ޔުނައިޓެޑް ސަޕޯޓަރުން. އަހަރެމެންނަށް އެމީހުންނާ ބައްދަލެއް ނުކުރެވޭނެ،" މޮރީނިއޯ ބުންޏެވެ.

ލީގުގައި މާދަމާރޭ ޗެލްސީއާ ދެކޮޅަށް ނުކުންނައިރު މީގެ 12 މަސް ކުރިން އެ ޓީމު އަތުން މޮރީނިއޯގެ ޔުނައިޓެޑް ވަނީ 4-0 އިން ބަލިވެފަ އެވެ. އަދި އެ މެޗަށް ފަހު މޮރީނިއޯއާ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަންނަނީ އެކި ފަހަރު މަތިން ބަހުގެ ހަމަލާ ބަދަލުކުރަމުންނެވެ.

މޮރީނިއޯ ބުނީ ކޮންޓޭއާ ވެސް އަދި ޗެލްސީގެ ސަޕޯޓަރުންނާ ވެސް އެއްވެސް ހަސަދައެއް ނެތް ކަމަށެވެ. ލީގުގައި ޗެލްސީ އާއި ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން 21:30 ގަ އެވެ.