ކޮންމެ މެޗަކުން ވެސް ކުރިއެރުން ފެނޭ: ސާންތީ
ކޮންމެ މެޗަކުން ވެސް ކުރިއެރުން ފެނޭ: ސާންތީ

ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމު ގޮވައިގެން މިހާތަނަށް މިވީ ކުރު މުއްދަތުގެ ތެރޭގައި ކުޅުނު ކޮންމެ މެޗަކުން ވެސް ކުރިއެރުން ފެންނަމުން އަންނަ ކަމަށް ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

ޒުވާން ގައުމީ ޓީމާ ސާންތީ ހަވާލުވީ މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅުގަ އެވެ. މަހެއްހާ ދުވަހު ފަރިތަކުރުމަށް ފަހު ރާއްޖެ ނުކުތީ ސެޕްޓެމްބަރު މަހު ބޫޓާނުގެ ތިމްޕޫގައި އޮތް 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށެވެ. އެ މުބާރާތުގައި ރާއްޖެ ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ސާންތީ އޭރު ބުނީ މުބާރާތަށް ތައްޔާރުވާން ވަގުތު ނުލިބޭ ކަމަށާއި އެހެން ޓީމުތަކުން ވަނީ ދުރާލާ މުބާރާތަށް ތައްޔާރުވެފައި ކަަމަށެވެ.

ޓީމާ ހަވާލުވިތާ ތިން މަސް ފަހުން މިހާރު ތަޖިކިސްތާނުގައި ކުރިއަށްދާ އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި މިހާތަނަށް ރާއްޖެ ކުޅުނު ދެ މެޗުގެ ތެރެއިން ސްރީލަންކާއާ އެއްވަރުވިއިރު ބަންގްލަދޭޝް އަތުން ވަނީ ބަލިވެފަ އެވެ.

"މި ޓީމުގައި މި ތިބި 80 ޕަސެންޓް ކުދިންނަކީ މި ކަހަލަ މެޗުތަކަށް އާ ކުދިން. ދުވަހަކަށް ވުރެ ދުވަހެއް އެކުދިން ރަނގަޅުކުރަމުން އަންނަނީ. ކުޅޭ ސްޓައިލް ވެސް ބަދަލުކުރަމުން މި އަންނަނީ. ބޭނުންވާ ޓާގެޓަށް ވާސިލްވާން ވަގުތު ބޭނުންވާނެ،" ސާންތީ ބުންޏެވެ.

ސާންތީ ބުނީ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އިން ރާއްޖެ ކޮޅަށް ފުރަތަމަ ހާފުގައި ދެ ލަނޑު ޖެހި ކަމަށާއި މި ފަހަރު ކޮލިފައިންގައި ބަންގްލަދޭޝް އިން މޮޅުވީ ފަހު ވަގުތު ލަނޑު ޖަހައިގެން ކަމަށެވެ. ބަންގްލަދޭޝް އިން އަންނަނީ މި އަހަރު ފެށުނުއިރުއްސުރެއް މި މުބާރާތަށް ފަރިތަކުރަމުންނެވެ. އެފްއޭއެމުން ވަނީ ސާންތީ އަށް ޒުވާން ގައުމީ ޓީމާ އެކު ފަސް އަހަރުގެ އެއްބަސްވުމެއް ދީފަ އެވެ.

މުބާރާތަށް ނުކުތުމުގެ ކުރިން ސާންތީ ބުނީ ލެވެލަށް ބަލާއިރު ރާއްޖެ އަށް ވާދަކުރެވޭނީ ބަންގްލަދޭޝާއި ސްރީލަންކާއާ ކަމަށެވެ. ދެން އޮތް ތަޖިކިސްތާނާއި އުޒްބެކިސްތާނަކީ މާ ވަރުގަދަ ދެ ޓީމު ކަމަށް ސާންތީ ވަނީ ބުނެފަ އެވެ.

"ފިޒިކަލީ ވެސް އެހެން ގޮތްގޮތުން ވެސް ތަފާތު ދެ ޓީމު ތަޖިކިސްތާނާއި އުޒްބެކިސްތާނަކީ. އަޅުގަނޑުމެން މި ދެ ޓީމާ އެކު މަސައްކަތް ކުރާނީ ބައިކޮޅަށް ވަންނަ ލަނޑު މަދުކުރަން،" ސާންތީ ބުންޏެވެ.

މުބާރާތުގައި މިއަދު ރާއްޖެ ނުކުންނާނީ އުޒްބެކިސްތާނާ ދެކޮޅަށެވެ. އުޒްބެކިސްތާން ވަނީ ކުޅުނު ފުރަތަމަ މެޗުން ސްރީލަންކާ އަތުން 10-0 އިން މޮޅުވެފަ އެވެ.