ގޭންގު ލީޑަރު ސިފަ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން އޮއްވާ މަރާލައިފި
ގޭންގު ލީޑަރު ސިފަ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން އޮއްވާ މަރާލައިފި

މެކްސިކޯ ސިޓީ (ނޮވެމްބަރު 4) - މެކްސިކޯގެ ވަރުގަދަ ގޭންގު ލީޑަރަކު ސިފަ ބަދަލުކުރުމަށް ޕްލާސްޓިކް ސާޖަރީ ހަދަން އޮއްވާ ބަޑި ހިފައިގެން ތިބި ބަޔަކު ކްލިނިކަށް ވަދެ ހަމަލާދީ އޭނާ މަރާލައިފި އެވެ.

ޖީސަސް "އެލް ކަލިމްބާ" މާޓިންގެ ނަމުން މަޝްހޫރު ގޭންގު ލީޑަރުގެ މޫނުގެ ސިފަ ބަދަލު ކުރުމުގެ އިތުރުން އޭނާ ވަނީ ފިންގަޕްރިންޓް ފޮހެލެވޭތޯ އިނގިލިތަކުގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. މެކްސިކޯގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ޕުއެބްލާގެ ކްލިނިކެއްގައި އޮޕަރޭޝަން ކުރަމުން ދަނިކޮށް ދިން ހަމަލާގައި އެލް ކަލިމްބާގެ އިތުރުން ތިން މީހުން މަރުވި އެވެ.

އެލް ކަލިމްބާ އަކީ މެކްސިކޯގައި ތެޔޮ ވަގަށް ނަގައިގެން ވިއްކުމުގެ ކުށުގައި ފުލުހުން ހޯދަމުންދާ ނުރައްކާތެރި ގޭންގް ލީޑަރެކެވެ. ޕްރޮސެކިއުޓަރުން ބުނީ އެލް ކަލިމްބާ ސިފަ ބަދަލު ކުރަން މަސައްކަތް ކުރީ ފުލުހުންނަށް އޮޅުވާލަން ކަމަށެވެ. އެލް ކަލިމްބާ މަރާލި ކަމަށް ޕްރޮސެކިއުޓަރުން ލަފާ ކުރަނީ ވާދަވެރި އެހެން ގޭންގެއްގެ ބައެއް ކަމަށެވެ.

މެކްސިކޯގައި ޑްރަގުގެ ވިޔަފާރި ނެގުމަށް ފަހު ގޭންގުތަކުން އެންމެ ބޮޑަށް ދެން ކުރަނީ ތެލުގެ ވަގު ވިޔަފާރި އެވެ. ގޭންގުތަކުން ތެޔޮ ހޮޅިތައް ފަޅާލައިގެން ވަގަށް ތެޔޮ ނެގުމުން ސަރުކާރުގެ ތެޔޮ ކުންފުނި ޕެމެކްސް އަށް 2010 ވަނަ އަހަރުގެ ފަހުން ވަނީ ގާތްގަނޑަކަށް 2.4 ބިލިއަން ޑޮލަރުގެ ގެއްލުންވެފަ އެވެ.