04 ނޮވެމްބަރ 2017 - 08:02

ޗެންނާއީ (ނޮވެމްބަރު 4) - އިންޑިއާގެ ދެކުނުގެ ޗެންނާއީ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި އެ ސިޓީގައި އަނެއްކާވެސް ފެންބޮޑުވުމުގެ ބިރު ބޮޑުވެއްޖެ އެވެ.
ޗެންނާއީ އަށް 2015 ވަނަ އަހަރު ކުރި ބޯ ވިއްސާރައިގައި އެ ސިޓީ ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އަދި 100 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.
ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ޑިޕްރެޝަނެއްގެ ސަބަބުން ޗެންނާއީ އަށް ދަނީ ހޯމަ ދުވަހުން ފެށިގެން ބޯކޮށް ވާރޭ ވެހެމުންނެވެ. ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށްފައިވާ އިރު މަގުތަކުގައި ފެންބޮޑުވުމުން ޓްރެފިކް މައްސަލަތައް ވެސް ވަނީ ދިމާވެފަ އެވެ. އަދި ފްލައިޓްތައް ވެސް ވަނީ ޑިލޭ ކުރަން ޖެހިފަ އެވެ.
މޫސުމާ ބެހޭ އޮފިޝަލުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޗެންނާއީ އަށް ބޯކޮށް ވާރޭ ވެހޭނެ އެވެ. ޗެންނާއީގެ މުނިސިޕަލް ކޮމިޝަނާ ޑީ. ކަރްތިކޭޔަން ވިދާޅުވީ ބޯކޮށް ވާރޭ ވެހުނު ނަމަވެސް ރައްޔިތުން ބިރުގަންނަން ޖެހޭ ހިސާބަށް ކަންތައް އަދި ނުދާ ކަމަށެވެ. އެންޑީޓީވީ އަށް އޭނާ ވިދާޅުވީ 2015 ވަނަ އަހަރު ދިމާވި ފަދަ ހާދިސާއެއް ތަކުރާރުވެދާނެހެން ހީނުވާ ކަމަށެވެ.
ޗެންނާއީ އަށް 2015 ވަނަ އަހަރު ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އިންޑިއާ ސިފައިންގެ އެތައް ބަޔަކު ހަރަކާތްތެރިވި އެވެ. އެ ފަހަރުގެ ފެންބޮޑުވުމާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓުގައި ބުނެފައި ވަނީ ފެންބޮޑުވުމުގެ ހާލަތު ގޯސްވީ ކޯރުތައް ބަންޑުންވެގެން ކަމަށެވެ.