ކެޓަލޯނިއާގެ ލީޑަރު ހައްޔަރުކުރުމުގެ އަމުރު ސްޕޭން ކޯޓުން ނެރެފި
ކެޓަލޯނިއާގެ ލީޑަރު ހައްޔަރުކުރުމުގެ އަމުރު ސްޕޭން ކޯޓުން ނެރެފި

މެޑްރިޑް (ނޮވެމްބަރު 4) - ކެޓަލޯނިއާގެ ވެރިކަމުން ދުރުކުރި ކާލްސް ޕުޖްޑެމޮން ހައްޔަރުކުރުމުގެ އަމުރު ސްޕޭނުގެ ކޯޓަކުން މިއަދު ނެރެފި އެވެ.

ޕުޖްޑެމޮންއާ އެކު މިހާރު ބެލްޖިއަމްގައި ތިބި ކެޓަލޯނިއާގެ ހަތަރު ވަޒީރަކު ހައްޔަރު ކުރުމަށް ވެސް ޔޫރަޕިއަން އެރެސްޓް ވޮރެންޓްސް (އީއޭޑަބްލިއު) ނެރެފައިވެ އެވެ.

މި ފަސް މީހުން ވަނީ ސްޕޭނުގެ ހައި ކޯޓަށް ބުރާސްފަތި ދުވަހު ހާޒިރުވުމަށް އެންގި އަމުރަށް އިޖާބަ ނުދީފަ އެވެ. ކޯޓު އަމުރާ އެއްގޮތަށް ހާޒިރުވި ނުވަ ވަޒީރުންގެ ތެރޭން އަށް މީހުން ވަނީ ޝަރީއަތް ނިމެންދަން ޖަލުގައި ބޭތިއްބުމަށް އަމުރުކޮށްފަ އެވެ. މީގެ ތެރޭން އެކަކު ވަނީ 58،000 ޑޮލަރުގެ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. މި އެންމެންގެ މައްޗަށް ވެސް ވަނީ ބަޣާވާތް ކުރަން އުޅުނުކަމުގެ ދައުވާ ކުރަން ނިންމައިފަ އެވެ.

ސްޕޭނުގެ ހައި ކޯޓުން ޔޫރަޕިއަން އެރެސްޓް ވޮރެންޓް (އީއޭޑަބްލިއު) ނެރުމާ އެކު އެ އަމުރު ބެލްޖިއަމްގެ ޕްރޮސެކިއުޓަރުންނަށް ފޮނުވާނެ އެވެ. އަދި އަމުރަކީ ސައްހަ އެއްޗެއްތޯ 24 ގަޑިއިރުތެރޭ ބެލްޖިއަމުން ނިންމަން ޖެހެ އެވެ. އަމުރު ރަނގަޅު ނަމަ ޕުޖްޑެމޮން އާއި ހަތަރު މެންބަރުން ހައްޔަރު ކުރަން 15 ދުވަސް ލިބޭނެ އެވެ. މީގެ ތެރޭން އެކަކު ވެސް އަމުރު އިސްތިއުނާފް ކޮށްފި އިތުރަށް 15 ދުވަސް ލިބޭނެ އެވެ.

އެ މީހުން ހައްޔަރު ކުރުމަށް ފަހު ސްޕޭނަށް ފޮނުވުމަށް ބެލްޖިއަމަށް 60 ދުވަސް ލިބޭނެ އެވެ. އަމުރު ނެރެފައިވާ މީހުންގެ އިންސާނީ ހައްގަކަށް ގެއްލުން ލިބިދާނެ ކަމަށް ފެނިއްޖެ ނަމަ އެ ގައުމަކުން އަމުރާ ދެކޮޅު ހެދުމުގެ ފުރުސަތު އޮވެ އެވެ. މީގެ ތެރޭގައި އިންސާފުވެރި ޝަރީއަތެއް ނުލިބުން ވެސް ހިމެނެ އެވެ.

ކެޓަލޯނިއާގައި އޮކްޓޯބަރު 1 ވަނަ ދުވަހު ބޭއްވި ޚިޔާލު ހޯދުމުގެ ވޯޓަށް ފަހު މިދިޔަ ހަފުތާގައި މިނިވަންކަން އިއުލާން ކުރުމާ ގުޅިގެން ސްޕޭނުން ވަނީ ކެޓަލޯނިއާގެ މައްޗަށް ސީދާ ބާރު ހިންގައިފަ އެވެ. އަދި އަންނަ މަހު 21 ވަނަ ދުވަހު އާ އިންތިޚާބެއް ބާއްވަން ވަނީ ނިންމައިފަ އެވެ. ޕުޖްޑެމޮން ވަނީ އެ އިންތިޚާބުގައި އޭނާ ވާދަކުރައްވާނެ ކަމަށް ބެލްޖިއަމް ޓީވީގައި ވާހަކަ ދައްކަވަމުން އިއްޔެ ވިދާޅުވެފަ އެވެ. އަދި ސްޕޭނަށް އެނބުރި ވަޑައިގަންނަވާނީ އިންސާފުވެރި ގޮތުގައި ޝަރީއަތް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ލިބުމުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.