03 ނޮވެމްބަރ 2017 - 20:11

އިސްލާމްއާބާދު (ނޮވެމްބަރު 3) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ކޮރަޕްޝަނުގެ ޝަރީއަތް މިއަދު ފެށި ނަމަވެސް ޝަރީއަތް ވަކި ހިސާބަކުން މެދު ކަނޑާލުމަށް ފަހު އަންނަ އަންގާރަ ދުވަހު އަލުން ކުރިއަށް ގެންދަން ނިންމައިފި އެވެ.
ލަންޑަނުގައި އުޅުއްވުމަށް ފަހު ނަވާޒް ޝަރީފް ޕާކިސްތާނަށް ވަޑައިގެންނެވީ އިއްޔެ އެވެ. ނަވާޒް ޝަރީފާއި ދަރިކަނބަލުން މަރިޔަމް އަދި ދަނބިދަރިކަލުން މިއަދު ހެނދުނު ވަނީ އިސްލާމްއާބާދުގެ އެކައުންޓެބިލިޓީ ކޯޓަށް ހާޒިރުވެފަ އެވެ. ނަމަވެސް ހައި ކޯޓުގެ އަމުރެއް ލިބިފައި ނުވާތީ ޝަރީއަތް ވަނީ ފަސްކޮށްފަ އެވެ.
ނަވާޒް ޝަރީފާއި އެމަނިކުފާނުގެ އާއިލާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި ކޮރަޕްޝަނުގެ މައްސަލަތަކެވެ. މި މައްސަލަތައް ބެލުމަށް ފަހު ސުޕްރީމް ކޯޓުން ވަނީ ބޮޑު ވަޒީރުކަމުގައި ނަވާޒް ޝަރީފު ހުންނެވުމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ޖުލައި މަހު ފަހުކޮޅު ނިންމައިފަ އެވެ. އަދި ނަވާޒް ޝަރީފުގެ ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯ އަށް ސުޕްރީމް ކޯޓުން ވަނީ އަންގައިފަ އެވެ.
ޕެނަމާ ޕޭޕާސް އިން ބުނެފައިވާ ގޮތުގައި ނަވާޒް ޝަރީފާއި އެމަނިކުފާނުގެ އާއިލާ އިން ގައުމުން ބޭރުގައި ކުންފުނި ހަދައިގެން ވިޔަފާރިކޮށް ބޮޑު ވަޒީރުގެ އާމްދަނީ ވަނީ ސިއްރުކޮށްފަ އެވެ. ނަވާޒް ޝަރީފުގެ އާއިލާ އިން ވަނީ ލަންޑަނުން ފްލެޓް ވެސް ގަނެފަ އެވެ.