03 ނޮވެމްބަރ 2017 - 12:35

މެޑްރިޑް (ނޮވެމްބަރު 3) - ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރުމުގައި އިސްކޮށް އުޅުނު މީހުން ސްޕޭނުގެ ހައި ކޯޓަށް ހާޒިރުވާން ނެރުނު އަމުރަށް އިޖާބަދީ ކޯޓަށް ހާޒިރުވި އަށް މީހަކު ޖަލުގައި ބޭތިއްބުމަށް ފަނޑިޔާރު އަމުރުކޮށްފި އެވެ.
ކޯޓަށް ހާޒިރުވި މީހުންގެ ޝަރީއަތް ކުރިއަށްދާ އިރު އެ މީހުން ޖަލަށް ގެންދަން ކޯޓުން ނިންމީ ޕްރޮސެކިއުޓަރުން އެ ގޮތަށް އެދުމުންނެވެ. އެ މީހުންގެ މައްޗަށް ވަނީ ބަޣާވާތް ކުރުމާއި ސަރުކާރުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އުފުލައިފަ އެވެ.
ޕްރޮސެކިއުޓަރުން ވަނީ ކެޓަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުޖްޑެމޮން ހައްޔަރު ކުރަން ޔޫރަޕިއަން އެރެސްޓް ވޮރެންޓެއް ނެރެ ދިނުމަށް ވެސް ކޯޓުގައި އެދިފަ އެވެ. މީގެ އިތުރުން ކޯޓަށް ހާޒިރު ނުވާ ހަތަރު މެންބަރަކަށް ވެސް އެ އަމުރު ނެރެ ދިނުމަށް އެދިފައިވެ އެވެ. އެ ހަތަރު މީހުން ވެސް ތިބީ ޕުޖްޑެމޮންއާ އެކު ބެލްޖިއަމްގަ އެވެ.
ސްޕޭނުގެ ހައި ކޯޓުން ޔޫރަޕިއަން އެރެސްޓް ވޮރެންޓް (އީއޭޑަބްލިއު) ނެރެފި ނަމަ އެ އަމުރު ބެލްޖިއަމްގެ ޕްރޮސެކިއުޓަރުންނަށް ފޮނުވާނެ އެވެ. އަދި އަމުރަކީ ސައްހަ އެއްޗެއްތޯ 24 ގަޑިއިރުތެރޭ ބެލްޖިއަމުން ނިންމަން ޖެހެ އެވެ. އަމުރު ރަނގަޅު ނަމަ ޕުޖްޑެމޮން އާއި ހަތަރު މެންބަރުން ހައްޔަރު ކުރަން 15 ދުވަސް ލިބޭނެ އެވެ. މީގެ ތެރޭން އެކަކު ވެސް އަމުރު އިސްތިއުނާފް ކޮށްފި އިތުރަށް 15 ދުވަސް ލިބޭނެ އެވެ.
އެ މީހުން ހައްޔަރު ކުރުމަށް ފަހު ސްޕޭނަށް ފޮނުވުމަށް ބެލްޖިއަމަށް 60 ދުވަސް ލިބޭނެ އެވެ. އަމުރު ނެރެފައިވާ މީހުންގެ އިންސާނީ ހައްގަކަށް ގެއްލުން ލިބިދާނެ ކަމަށް ފެނިއްޖެ ނަމަ އެ ގައުމަކުން އަމުރާ ދެކޮޅު ހެދުމުގެ ފުރުސަތު އޮވެ އެވެ. މީގެ ތެރޭގައި އިންސާފުވެރި ޝަރީއަތެއް ނުލިބުން ވެސް ހިމެނެ އެވެ.
ކެޓަލޯނިއާ ޕާލަމެންޓުގެ އިސް ފަސް މެންބަރަކަށް ވެސް ވަނީ ދައުވާ ކުރަން ނިންމައިފަ އެވެ. އެކަމަކު އެ މީހުންނަށް ލިބިފައިވާ އިމްތިޔާޒުގެ ދަށުން އެ ފަސް މެމްބަރުންގެ މައްސަލަ ބަލާނީ ސުޕްރީމް ކޯޓުންނެވެ. ޕާލަމެންޓް މެންބަރުން މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި ވަނީ ނޮވެމްބަރު 9 އަށެވެ.
ކެޓަލޯނިއާގައި އޮކްޓޯބަރު 1 ވަނަ ދުވަހު ބޭއްވި ޚިޔާލު ހޯދުމުގެ ވޯޓަށް ފަހު މިދިޔަ ހަފުތާގައި މިނިވަންކަން އިއުލާން ކުރުމާ ގުޅިގެން ސްޕޭނުން ވަނީ ކެޓަލޯނިއާގެ މައްޗަށް ސީދާ ބާރު ހިންގައިފަ އެވެ. އަދި އަންނަ މަހު 21 ވަނަ ދުވަހު އާ އިންތިޚާބެއް ބާއްވަން ވަނީ ނިންމައިފަ އެވެ.