މިހާރުވެސް ކުރިމަތިވަނީ ނުރައްކާތެރި އުދުވާންތައް: ރައީސް
މިހާރުވެސް ކުރިމަތިވަނީ ނުރައްކާތެރި އުދުވާންތައް: ރައީސް

ރާއްޖެއިންނާއި ބޭރުން މިހާރު ވެސް ކުރިމަތިކުރުވަމުން ގެންދަނީ ނުރައްކާތެރިކަން ކުޑަ އުދުވާންތަކެއް ނޫން ކަމަށާއި އުދުވާނުތަކުގެ ފޮރުވިފައިވާ ސިއްރަކީ އެބައެއްގެ އަމިއްލަ އެދުންތައް ހާސިލް ކުރުމަށް މަސައްކަތްކުރުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މީގެ 29 އަހަރު ކުރިން ދިވެހިންގެ ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު ރާއްޖެއަށް އަރައި ވެރިކަން ވައްޓާލަން ދިން އުދުވާނީ ހަމަލާއާ ގުޅިގެން ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ފޮނުއްވި ހިތާބުގައި، ނޮވެމްބަރު 3ގެ އުދުވާނުން ސަލާމަތްވުމަށް ދިވެހި ސިފައިން ދެއްކި ހަރުދަނާ އިހްލާސްތެރި ނަމޫނާއިން ހިތްވަރު ލިބިގަންނަން ގައުމު ދިފާއުކުރުމުގެ އަޒުމުގައި ސާބިތުވެ ތިބުމަށް އެދިވަޑައިގެންނެވި އެވެ.

"އެފަދަ އުދުވާނުތަކުގެ ފޮރުވިފައިވާ ސިއްރަކީ، އެބައެއްގެ އަމިއްލަ އެދުންތައް ހާސިލުކުރުމަށް އެކިގޮތްގޮތުން މަސައްކަތްކުރުމެވެ. ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމާއި، ގައުމުގެ ވެރިކަން ހޯދުމެވެ. އެހެންކަމާއެކު، މިއަދުވެސް ދިވެހި ރައްޔިތުން ސާބިތުކޮށްދެއްވަން ޖެހެނީ، ވަރަށް ވަރުގަދަ ގައުމީ އެއްބައިވަންތަ ކަމަކާއި ކިޔަމަންތެރި ކަމެކެވެ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ދިވެހި ގައުމުގެ ސަރަހައްދުގެ ކިތަންމެ ކުޑަ މިންވަރެއް ވެސް، ބޭރު ބައެއްގެ ނުފޫޒުގެ ދަށަށް، ކުޑަ ހިނދުކޮޅަކަށް ނަމަވެސް ދިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވުމަށް ރައީސް ޔާމީން ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ ނޮވެންބަރު 3، 1988ގެ އުދުވާނީ ހަމަލާއާ ދޭތެރޭގައި ފިކުރު ހިންގާލާއިރު، އެ ހަމަލާ ރޭވުމުގެ އަޑީގައި ތިބީ ދިވެހި ގައުމަށް ޣައްދާރުވި ދިވެހިންގެ މަދު ބައެއް ކަމަށާއި، މިއަދު ވެސް އެފަދަ ޣައްދާރުން ދިވެހިންގެ ތެރޭގައި ތިބިކަން ދަންނަންޖެހޭ ކަމަށެވެ.

އެ އުދުވާނީ ހަމަލާގައި ދުޝްމަނުންނަށް ނާކާމިޔާބުވުމުގެ އެންމެ ބޮޑު ސަބަބަކީ، އެދުވަހު ރާއްޖޭގެ ހުރިހާ ރައްޔިތުން ސާބިތުކޮށްދިން އެއްބައިވަންތަކަމާއި ވެރިންނަށް ކިޔަމަންތެރިވުމުގެ ނަމޫނާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެ ދުވަހު ހިނގި ބިރުވެރި ނާމާން ކަންތައްތަކަކީ، ދިވެހިންގެ ހިތްތަކުން ފިލައިގެންދާނެ ކަންތައްތަކެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ.

ދިވެހިން ވިސްނަންވީ އެންމެ މުހިންމު އެއްކަމަކީ، މިފަދަ ނުރައްކާތެރި ދުވަހެއް ދެން ގައުމަށް ކުރިމަތިވިޔަ ނުދިނުމަށް ވިސްނައި ތައްޔާރުވެ، ނުގުޑާފަދަ ވަރުގަދަ އަޒުމެއްގައި ސާބިތުވެ ތިބުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި، އެކަން ކުރެވޭނީ، ދިވެހިންގެ ހިތްތަކުގައި ގައުމުދެކެ ލޯބިވުމުގެ ރޫހު އާލާކޮށްގެން، އިހްލާސްތެރިކަމުގެ ރޫޙު ދަމަހައްޓައި ގައުމީ ސަލާމަތުގެ އަށްޑަނަ އުފުލައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ނޮވެމްބަރު 3ގެ ހަމަލާގެ އިސް މޭސްތިރި އަކަށް ހުރީ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އެވެ. އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުއްޓާ 2011 ވަަނަ އަހަރު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ގެންދިއުމުން އޭނާ ވަނީ ފިލައިފަ އެވެ. ލުތުފީ އާއި އިތުރު ދިވެހިންތަކެއް ލަންކާގެ ޕްލޮޓް ޖަމާއަތުގެ ބަޔަކާ ގުޅިގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި ގިނައީ ސިފައިންނެވެ.