މީޑިއާގެ ސުވާލުތަކާ ހެދި ރޮނާލްޑޯ ރުޅިގަދަވެއްޖެ
މީޑިއާގެ ސުވާލުތަކާ ހެދި ރޮނާލްޑޯ ރުޅިގަދަވެއްޖެ

މެޑްރިޑް (ނޮވެމްބަރު 2) - ރެއާލް މެޑްރިޑާ އެކު ކްރިސްޓިއާނޯ ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން އާ ކުރުމަށް އުޅޭ ކަމަށް ފެތުރިފައިވާ ވާހަކަތަކާ ގުޅޭގޮތުން މީޑިއާ އިން ތަކުރާރުކޮށް ސުވާލުކުރާތީ އޭނާ އެކަމާ ރުޅިގަދަވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލީގުގައި މިދިޔަ އާދިއްތަ ދުވަހު އަލަށް ޕްރޮމޯޓްވި ޖިރޯނާ އަތުން ރެއާލް ބަލިވި މެޗަށް ފަހު ރޮނާލްޑޯއާ އޭނާގެ އެއްބަސްވުން އާ ކުރުމާ ގުޅޭގޮތުން ސުވާލުކުރުން އޭނާ އެ ސުވާލުތަކަށް ޖަވާބު ނުދެ އެވެ.

އެހެން ނަމަވެސް ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމް އަތުން ބަލިވި މެޗަށް ފަހު އަނެއްކާ ވެސް ނޫސްވެރިން އެ ސުވާލުތައް ތަކުރާރުކުރުމުން ރޮނާލްޑޯ ބުނެފައިވަނީ އެއްބަސްވުން އާ ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"މިހާރު އޮތް އެއްބަސްވުމާ މެދު އަހަރެން ހިތްހަމަ ޖެހޭ. އަހަރެން މިހުރީ އުފަލުން. ކޮންޓްރެކްޓްއާ ކުރަން އަހަރެން ނޫޅެން. ކޮންޓްރެކްޓްއާ ކުރަން އަހަރެން ނޫޅެން،" ބެއިންސްޕޯޓްސް އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ރޮނާލްޑޯ ބުންޏެވެ.

އުމުރުން 32 އަހަރުގެ ރޮނާލްޑޯ މި ވަގުތު ރެއާލުގައި ހުރި 2021 ވަނަ އަހަރުގެ ނިޔަލަށް ހަފްތާ އަކު 365،000 ޕައުންޑުގެ މުސާރަ އަކަށެވެ. ރޮނާލްޑޯ ބޭނުންވަނީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް އެ ކްލަބުންދޭ އާ އެއްބަސްވުމާ އެކު ލިބޭވަރުގެ މުސާރައެކެވެ. ރިޕޯޓްތައް ބުނާގޮތުގައި މެސީ އަށް ބާސެލޯނާ އިން ހުށަހަޅާފައިވާ އާ އެއްބަސްވުމުގެ ދަށުން އޭނާ އަށް ހަފްތާ އަކު 500،000 ޕައުންޑް ލިބެ އެވެ.

ފީފާއިން އެންމެ ފަހުން ދިން އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑް ދެ ވަނަ ފަހަރަށް ދާދި ފަހުން ހާސިލްކުރި ރޮނާލްޑޯ ފަހަކަށް އައިސް ވަނީ ފޯމުގެއްލިފަ އެވެ. މި ސީޒަނުގައި މިހާތަނަށް ކުޅުނު 12 މެޗުން ރޮނާލްޑޯ ވަނީ އަށް ގޯލު ޖަހައިފަ އެވެ. އެހެން ނަމަވެސް ސްޕެނިޝް ލީގުގައި ކުޅުނު ހަ މެޗުން ޖެހުނީ އެންމެ ލަނޑެކެވެ.

ސްޕެނިޝް ލީގުގައި ރޮނާލްޑޯގެ ލަނޑުތައް މަދުވުވުމުން އަމާޒުކޮށްފައިވާ ފާޑުކިޔުންތަކަށް ރޮނާލްޑޯ ދިން ޖަވާބަކީ އޭނާ ހުރީ ހަމަޖެހިގެން ކަމަށާއި އޭނާގެ ގޯލުތައް ބަލަން ބޭނުން ބަޔަކަށް ގޫގަލްގެ އެހީ ހޯދިދާނެ ކަމަށެވެ.