02 ނޮވެމްބަރ 2017 - 22:47

ތަޖިކިސްތާނުގައި މިހާރު ކުރިޔަށްދާ އޭއެފްސީ 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި މިއަދު ރާއްޖެ ކުޅުނު މެޗުން ފަހު ވަގުތު ބަންގްލަދޭޝް އަތުން 1-0 އިން ބަލިވެއްޖެ އެވެ.
ރާއްޖެ ކުޅުނު ފުރަތަމަ މެޗުން އަންގާރަ ދުވަހު ވަނީ ސްރީލަންކާއާ 2-2 އިން އެއްވަރުވެފަ އެވެ. ރާއްޖެ މޮޅުވާން ދަނިކޮށް މި މެޗުގައި ލަންކާ އިން ދެ ވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. ރާއްޖޭގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ މި ވަގުތު ރާއްޖެ އޮތް ލެވެލަށް ބަލާއިރު ނަތީޖާއެއް ނެރެވޭނީ މި ދެ ޓީމާ ދެކޮޅަށް ކަމަށެވެ. އަދި ދެން އޮތް ތަޖިކިސްތާނާއި އުޒްބެކިސްތާނަކީ މާ ވަރުގަދަ ދެ ޓީމު ކަމަށެވެ.
ބޫޓާނުގައި ދާދި ފަހުން އޮތް 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ 2-0 އިންނެވެ. މިއަދުގެ މެޗުގައި ވެސް ބަންގްލަދޭޝުން ރަނގަޅަށް ކުޅުނުއިރު، އެ ޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއް ރާއްޖެ ޓީމުގެ ކީޕަރު އަހުމަދު ސަމާހު ވަނީ މަތަކޮށްފަ އެވެ.
ބަންގްލަދޭޝް އިން ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި މަހްބުބުރް ރަހުމާން އެވެ.
މި ގްރޫޕުގައި މިއަދު ކުޅުނު އަނެއް މެޗުން އުޒްބެކިސްތާން ވަނީ ސްރީލަންކާ ކޮޅަށް 10 ލަނޑު ޖަހައިފަ އެވެ. އެހެން ނަމަވެސް ގްރޫޕުގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު ބަންގްލަދޭޝް އެވެ. ދެ ވަނައިގައި އޮތް އުޒްބެކިސްތާނަށް ލިބިފައިވަނީ އެއް މެޗުން ތިން ޕޮއިންޓެވެ.
މުބާރާތުގައި ރާއްޖެ ދެން ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު އުޒްބެކިސްތާނާ ދެކޮޅަށް ކުޅޭއިރު، ގްރޫޕުގެ ފަހު މެޗުގައި ކޮލިފައިން ކުރިއަށްދާ ތަޖިކިސްތާނާ ދެކޮޅަށް ނުކުންނާނީ އަންނަ ހޯމަ ދުވަހު އެވެ.
އެފްއޭއެމުން ވަނީ ޒުވާން ޓީމުތައް ކުރިއަރުވަން ޓުވާޑްސް ފިއުޗާގެ ނަމުގައި މަސައްކަތް ފަށައިފަ އެވެ. އެގޮތުން ޒުވާން ގައުމީ ޓީމުތަކުގެ ކޯޗުންނަށް ދިގު މުއްދަތުގެ އެއްބަސްވުންތައް ދީފައިވާއިރު، 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު ސާންތީ މީގެެ ކުރިން ބުނީ ތިން އަހަރު ތެރޭ އޭނާ ބޭނުންވާ ތަފާތު މި ޓީމުން ދައްކާނެ ކަމަށެވެ.