02 ނޮވެމްބަރ 2017 - 18:19

ނިއު ދިއްލީ (ނޮވެމްބަރު 2) - އުމުރުން 10 އަހަރުގައި ބަލިވެ އިނދެ ވިހޭ އިންޑިއާގެ ކުޑަ ކުއްޖާ ރޭޕްކުރުމުގައި ބައިވެރިވި އެ ކުއްޖާގެ ދެ ބޮޑުބޭބެ އުމުރަށް ޖަލަށްލާން އިންޑިއާގެ އަވަސް ނިޔާ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.
އަންގާރަ ދުވަހު އޮތް ޝަރީއަތުގައި ދެ ބޮޑުބޭބެ ކުށްވެރިވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
އަންހެން ކުއްޖާގެ ބަނޑުގައި ރިއްސާތީ އޭނާ ޑޮކްޓަރަށް ދެއްކުމުން ބަލިވެ އިންކަން އެނގުނީ މިދިޔަ ޖުލައި މަހު އެވެ. އެބޯޝަން ހެދުމުގެ ހުއްދަ އަށް އެދި ކޯޓަށް ހުށަހެޅި ނަމަވެސް ކޯޓުން އެންގީ އެބޯޓްކޮށްލެވޭ މުއްދަތު ފަހަނަޅާފައިވާ ކަމަށެވެ. އެބޯޝަން ހެދުމުގެ ހުއްދަ އަށް އެދުނު އިރު ކުއްޖާގެ ބަނޑަށް 30 ހަފުތާ އެވެ.
މާބަނޑު މީހާގެ ސިއްހަތަށް ވަރަށް ބޮޑަށް ނުރައްކާވެފައިވާ ހާލަތެއްގައި މެނުވީ 20 ހަފުތާ އަށް ފަހު ދަރިވައްޓާލުމަކީ އިންޑިއާގެ ގާނޫނުތައް މަނާކުރާ ކަމެކެވެ. ދަރިވައްޓާލުން މަނާކުރުމަށް ހަރުކަށި ގާނޫނުތައް އިންޑިއާގައި ފާސްކޮށްފައި ވަނީ ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސް ޓެސްޓް ކުރުމަށް ފަހު އަންހެން ކުއްޖެއް ނަމަ ދަރިވައްޓާލާ މައްސަލަ ބޮޑުވުމުންނެވެ. ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސް ބެލުމަކީ އިންޑިއާގައި މަނާކޮށްފައިވާ ކަމެކެވެ.
މި މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކުރި ބޮޑުބޭބެ އާއި ކުޑަ ދަރިފުޅުގެ ޑީއެންއޭ ޓެސްޓުގެ ނަތީޖާ ދިމާ ނުވާ ކަމަށް ފުލުހުން ބުނުމާ އެކު މައްސަލައިގެ ތަހުގީގު ވަނީ ފުޅާކޮށްފަ އެވެ. ފަހުން ހައްޔަރުކޮށްފައި ވަނީ ރޭޕުގެ މައްސަލައިގައި ފުރަތަމަ ތުހުމަތު ކުރި ބޮޑު ބޭބެގެ ކޮއްކޮ އެވެ. އަދި 10 އަހަރުގެ ކުއްޖާގެ ދަރިފުޅުގެ ބައްޕަ އަކީ ފަހުން ހައްޔަރުކުރި ބޮޑު ބޭބެ ކަމަށް ޓެސްޓްތަކުން ދައްކާފައިވެ އެވެ.
ކުރިން ހައްޔަރުކުރި ބޮޑު ބޭބެގެ ތަހުގީގަށް މަހެއް ނެގި ނަމަވެސް ފަހުން ހައްޔަރުކުރި ބޮޑު ބޭބެގެ ތަހުގީގު ނިންމާފައި ވަނީ 18 ދުވަހުންނެވެ.
ފުލުހުންނާއި ޗައިލްޑް ވެލްފެއާ އެކްޓިވިސްޓުން ގާތު 10 އަހަރުގެ ކުއްޖާ ބުނެފައި ވަނީ ހަތް މަސް ވަންދެން އޭނާ ރޭޕްކުރީ ފުރަތަމަ ހައްޔަރުކުރި ބޮޑުބޭބެ ކަމަށެވެ. ވީޑިއޯ މެދުވެރިކޮށް ކޯޓުގައި ވެސް އެ ކުއްޖާ ވަނީ އޭނާ ރޭޕްކުރި ބޮޑުބޭބެގެ ނަމާ އެކު ބުނެފަ އެވެ.
ދިހަ އަހަރުގެ ކުއްޖާ ބަލިވެއިންކަން އެނގުނީ ޖުލައި މަހު މެދުތެރޭގަ އެވެ. ކުއްޖާ ބަނޑުގައި ރިއްސާ ކަމަށް ބުނުމުން ބެލެނިވެރިން އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓްކުރި އިރު އެ ކުއްޖާ ބަނޑު ބޮޑެވެ. ޑޮކްޓަރުންގެ ޕެނަލަކުން ލަފާ ދިނުމުން ޗަންދިގާރުގެ ކޯޓަކުން ވަނީ ކުއްޖާގެ އެބޯޝަން ހެދުމަށް ދެކޮޅު ހަދައިފަ އެވެ. އަދި ފަހުން ވަނީ އިންޑިއާގެ ސުޕްރީމް ކޯޓުން ވެސް އެކަމަށް ދެކޮޅު ހަދައިފަ އެވެ. އެ ކުއްޖާ ވިހެއީ އޮގަސްޓް މަހު އެވެ. ޗާންދިގާރުގެ ހޮސްޕިޓަލެއްގައި ސިޒޭރިއަން ހަދައިގެން ނެގި ކުޑަ ދަރިފުޅުގެ ބަރުދަނުގައި 2.5 ކިލޯ ހުއްޓެވެ. ކުޑަދަރިފުޅު ވަނީ ޗައިލްޑް ވެލްފެއާ ސެންޓަރަކާ ހަވާލުކޮށްފަ އެވެ.
މާބަނޑު މީހާގެ ސިއްހަތަށް ވަރަށް ބޮޑަށް ނުރައްކާވެފައިވާ ހާލަތެއްގައި މެނުވީ 20 ހަފުތާ އަށް ފަހު ދަރިވައްޓާލުމަކީ އިންޑިއާގެ ގާނޫނުތައް މަނާކުރާ ކަމެކެވެ. ދަރިވައްޓާލުން މަނާކުރުމަށް ހަރުކަށި ގާނޫނުތައް އިންޑިއާގައި ފާސްކޮށްފައި ވަނީ ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސް ޓެސްޓް ކުރުމަށް ފަހު އަންހެން ކުއްޖެއް ނަމަ ދަރިވައްޓާލާ މައްސަލަ ބޮޑުވުމުންނެވެ. ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސް ބެލުމަކީ އިންޑިއާގައި މަނާކޮށްފައިވާ ކަމެކެވެ.
ގޭގޭގައި މަސައްކަތު މީހެއްގެ ގޮތުގައި އުޅޭ އެ ކުއްޖާގެ މަންމަ ގިނަ ވަގުތު ގެއިން ބޭރުގައި އުޅޭ އިރު ކުއްޖާ އަށް ވަރަށް ގިނަ އިން ބޮޑު ބޭބެ ޖިންސީ ގޯނާކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އެ ވާހަކަ ނުދެއްކުމަށް ކުއްޖާ އަށް ބޮޑު ބޭބެ ބިރު ދައްކާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ބޮޑު ބޭބެ ފުރަތަމަ ހައްޔަރު ކުރީ ކުއްޖާގެ މަންމަ ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.
- ކޮންމެ 155 މިނިޓަކުން 16 އަހަރުން ދަށުގެ ކުއްޖަކު ރޭޕްކުރޭ.
- ކޮންމެ 13 ގަޑިއިރަކުން 10 އަހަރުން ދަށުގެ ކުއްޖަކު ރޭޕްކުރޭ.
- 2015 ވަނަ އަހަރު ވަނީ 10،000 އަށް ވުރެ ގިނަ ކުޑަކުދިން ރޭޕްކޮށްފައި.
- 18 އަހަރު ނުފުރެނީސް އިންޑިއާގައި ވަނީ 240 މިލިއަން އަންހެނުން ކައިވެނިކޮށްފައި.
- ސަރުކާރުގެ ސާވޭއެއްގައި ބައިވެރިވި ކުދިންގެ 53.22 ޕަސެންޓް ކުދިން ވަނީ އެ މީހުންނަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބުނެފައި.
- ގޯނާކުރި މީހުންގެ 50 ޕަސެންޓް މީހުންނަކީ ކުއްޖާ އަށް އެނގޭ ނުވަތަ އާއިލާ އަށް އިތުބާރު ކުރެވޭ މީހުން.