ބިން ލާދިންއާ ބެހޭ 470،000 ފައިލް ސީއައިއޭ އިން އާއްމުކޮށްފި
ބިން ލާދިންއާ ބެހޭ 470،000 ފައިލް ސީއައިއޭ އިން އާއްމުކޮށްފި

ވޮޝިންޓަން (ނޮވެމްބަރު 2) - އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން 2011 ވަނަ އަހަރު މަރާލުމާ އެކު އޭނާގެ ގެއިން ހިފެހެއްޓި ތަކެތީގެ 470،000 ފައިލް ސީއައިއޭ އިން އާއްމުކޮށްފި އެވެ.

ސީއައިއޭ އިން އާއްމުކުރި މެޓީރިއަލްގެ ތެރޭގައި ބިން ލާދިންގެ އަމިއްލަ ޑައިރީ އާއި އެތައް ބައިވަރު ލިޔުމާއި އޯޑިއޯ އަދި ވީޑިއޯ ފައިލް ހިމެނެ އެވެ. މިއީ ޕާކިސްތާނުގެ އަބޮޓްއާބާދުން ބިން ލާދިން މަރާލި ފަހުން އޭނާއާ ގުޅޭ ތަކެތި ސީއައިއޭ އިން އާއްމުކުރި ހަތަރު ވަނަ ފަހަރެވެ. ބައެއް މައުލޫމާތު ވަނީ ގައުމީ ސަލާމަތަށްޓަކައި ހިފަހައްޓައިފަ އެވެ.

އެންމެ ފަހުން އާއްމުކުރި ތަކެތީގެ ތެރޭގައި އަލްގައިދާގެ ސިޓީތަކާއި އޯޑިއޯ ފައިލްތައް ހިމެނެ އެވެ. މީގެ އިތުރުން އަރަބް ސްޕްރިން ގެނައުމަށް އަލްގައިދާ އިން ކުރި މަސައްކަތާއި މީޑިއާ އިމޭޖް ރަނގަޅު ކުރުމަށް ކޮށްފައިވާ މަސައްކަތް ހިމެނެ އެވެ. ބިން ލާދިންގެ ގެއިން ގެންދިޔަ ކޮމްޕިއުޓަރުގައި ހޮލީވުޑުގެ ފިލްމުތަކާއި ކުޑަ ކުދިންގެ ކާޓޫން ފިލްމުތައް ވެސް ހިމެނެ އެވެ. އަދި ބިން ލާދިންއާ ބެހޭ ޑޮކިއުމެންޓްރީތަކާއި ބިން ލާދިންގެ ދަރި ހަމްޒާ ބިން ލާދިންގެ ކައިވެނީގެ ވީޑިއޯ އެއް ވެސް ހިމެނެ އެވެ.