ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކޯޓަށް ހާޒިރެއް ނުވި
ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކޯޓަށް ހާޒިރެއް ނުވި

މެޑްރިޑް (ނޮވެމްބަރު 2) - ކެޓަލޯނިއާގެ ކުރީގެ ލީޑަރުން ސްޕޭނުގެ ހައި ކޯޓަށް ހާޒިރުވާން އަންގާފައިވާ އަމުރަށް ބައެއް ލީޑަރުން އިޖާބަ ދިން ނަމަވެސް ކެޓަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުޖްޑެމޮން ކޯޓަށް ހާޒިރުވުމަށް އުޒުރުވެރިވެވަޑައިގެންފި އެވެ.

މެޑްރިޑުގެ ކޯޓުން ނެރުނު އަމުރަށް ނުވަ އޮފިޝަލަކު ވަނީ އިޖާބަ ދީފަ އެވެ. އެކަމަކު ހަތަރު އޮފިޝަލަކު ވަނީ ކޯޓަށް ހާޒިރުވާން ދެކޮޅު ހަދައިފަ އެވެ. އޭގެ ތެރޭގައި ޕުޖްޑެމޮން ވެސް ހިމެނެ އެވެ. އެހެންވެ އެ މީހުން ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ ފުރުސަތު ބޮޑެވެ.

ބެލްޖިއަމްގައި މިހާރު ހުންނެވި ޕުޖްޑެމޮން ވިދާޅުވީ އޭނާގެ މައްޗަށް ކުރަން އުޅެނީ ސިޔާސީ ދައުވާއެއް ކަމަށެވެ.

ކެޓަލޯނިއާގައި އޮކްޓޯބަރު 1 ވަނަ ދުވަހު ބޭއްވި ޚިޔާލު ހޯދުމުގެ ވޯޓަށް ފަހު މިދިޔަ ހަފުތާގައި މިނިވަންކަން އިއުލާން ކުރުމާ ގުޅިގެން ސްޕޭނުން ވަނީ ކެޓަލޯނިއާގެ މައްޗަށް ސީދާ ބާރު ހިންގައިފަ އެވެ. އަދި އަންނަ މަހު 21 ވަނަ ދުވަހު އާ އިންތިޚާބެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

ކެޓަލޯނިއާގެ ކުރީގެ ލީޑަރުން ކޯޓަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު ހެނދުނު އެވެ. ޕުޖްޑެމޮން ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ ކޯޓަށް ހާޒިރުވާން ނެރުނު އަމުރުގައި ގާނޫނީ އެއްވެސް ބުރަދަނެއް ނެތް ކަމަށެވެ. އަދި މިނިވަންކަމާ އެކު ޝަރީއަތް ހިންގާނެކަމުގެ އިތުބާރު ލިބިއްޖެ ނަމަ ސްޕޭނަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ސްޕޭން ސަރުކާރުން ބުނެފައި ވަނީ ކޯޓުތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ.