ސްރީލަންކަން އިން މެލްބަން އަށް ސީދާ ދަތުރުތަކެއް ފަށައިފި
ސްރީލަންކަން އިން މެލްބަން އަށް ސީދާ ދަތުރުތަކެއް ފަށައިފި

ސްރީލަންކަން އެއާލައިންސުން އޮސްޓްރޭލިއާގެ މެލްބަންއާ މެދު ސީދާ ދަތުރުތަކެއް ފަށައިފި އެވެ.

އެ އެއާލައިނުން ބުނިގޮތުގައި މިމަހުގެ 29 ވަނަ ދުވަހު ކޮލަމްބޯ އާއި މެލްބަންއާ ދެމެދު ފެށި ދަތުރުތަކުގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުން އޮސްޓްރޭލިއާއަށް ދަތުރުކުރާ މީހުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ފެށި ދަތުރުތަކުގެ ސަބަބުން އޮސްޓްރޭލިއާ އަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމާމެދު ޝައްކެތް ނެތް. އަދި އޮސްޓްރޭލިއާ އިން ވެސް އޭޝިއާގެ އެހެން ސަރަހައްދުތަކަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ވެސް ލިބޭ ފަސޭހައަކަށް ވެގެންދާނެ،" ސްރީލަންކަންގެ ޗެއާމަން އަޖިތު ދިއާސް ވިދާޅުވި އެވެ.

އެ އެއާލައިނުން ބުނީ ސްރީލަންކާގެ ވަރަށް ގިނަ މީހުން މަސައްކަތް ކުރުމަށާއި ކިޔެވުމަށް އޮސްޓްރޭލިއާގައި ދިރިއުޅޭ ކަމަށެވެ. އެގޮތުން ވަރަށް ގިނަ ބަޔަކު މެލްބަންގައި ދިރިއުޅޭ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

ސްރީލަންކަން އިން ބުނީ "ވަން ވޯލްޑް" މެމްބަރުންނަށް ވަރަށް ހާއްސަ ފުރުސަތުތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން އިންޑިއާގެ 14 ސިޓީއަކާ މެދުއިރުމަތީގެ ނުވަ ސިޓީއަކުން އަދި މާލެ އާއި ގަން އަދި ސީޝެލްސް އިން ދަތުރުކުރާ މެމްބަރުންނަށް ވަރަށް ފަސޭހަކޮށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

ސްރީލަންކަން އިން ބުނީ މެލްބަންއަށް ކޮންމެ ދުވަހަކު ދެ ދަތުރު އެ އެއާލައިންއާއި ކޮންޓަސް ގުޅިގެން ކުރަން ނިންމާފައިވާ ކަމަށެވެ. އެ ދަތުރުތަކުގައި ބޭނުންކުރަން ނިންމާފައި ވަނީ އެއާބަސް އޭ330 މަރުކާގެ މަތިންދާބޯޓުތަކެވެ.