ފާރިސްގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި 47 މީހަކު ހުށަހަޅައިފި
ފާރިސްގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި 47 މީހަކު ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ދިފާއުގައި ފާރިސްގެ ފަރާތުން 47 މީހަކު ހެކިންގެ ގޮތުގައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ފާރިސަށް ކުރާ އެ ދައުވާއާ ގުޅިގެން ދިފާއީ ހެކިންގެ ގޮތުގައި ފާރިސްގެ ފަރާތުން ހުށަހެޅި 47 މީހުންނާއި 27 ލިޔުމެއް އިއްޔެ ކޯޓަށް ހުށަހަޅާފައިވާ ކަން އޭނާގެ ވަކީލް މައުމޫން ހަމީދު ކަށަވަރުކޮށް ދެއްވި އެވެ.

އެކަމަކު އެއީ ކޮން ކަމެއް ސާބިތުކުރަން ހުށަހެޅި ހެކިންނެއް ކަމެއް އަދި އެއީ ކޮން ބައެއް ކަމެއް ވަކީލުން އަދި ހާމައެއް ނުކުރެ އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހެެނދުނު ބާއްވަން ތާވަލް ކުރުމަށް ފަހު އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. މިއަދުގެ އަޑުއެހުން ކެންސަލްކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ފާރިސްއާ ދެކޮޅަށް ދައުލަތުން ކުރިން އޮތީ ސިއްރު ދެ ހެކިވެރިއަކު ހުށަހަޅައިފަ އެވެ.

ފާރިސަށް އެ ދައުވާކުރަނީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކޮށްގެން އޭނާ ޕްރެސް ބޭއްވި ކަމަށް ބުނެ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ފާރިސަށް އަންނާނެ އެވެ. އެ ހުކުމް އަޔަސް މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.

އެ މައްސަލައިގެ އިތުރުން މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ފާރިސްގެ މައްޗަށް ވަނީ ރިޝްވަތުގެ ދައުވާއެއް ވެސް އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ.