އިސްލާމީ ޝަރީއަތުގެ މަގުސަދުތައް ދެނެގަތުމުގެ މުހިންމުކަން
އިސްލާމީ ޝަރީއަތުގެ މަގުސަދުތައް ދެނެގަތުމުގެ މުހިންމުކަން

އިސްލާމީ ޝަރީޢަތް ބާވައިލައްވާފައިވަނީ މީސްތަކުންގެ މާއްދީ އަދި މައުނަވީ، ފަރުދީ އަދި ޖަމާޢީ، ދުނިޔަވީ އަދި އުޚުރަވީ މަސްލަހަތުތަކަށް ރިއާޔަތް ކުރުމަށެވެ. އަދި އަދުލާއި އިންސާފާއި ވަޒަން ހިފެހެއްޓުމާއި ގެއްލުންތަކުން ސަލާމަތްވުން ފަދަ މުހިންމު ސިފަތައް ހިމެނޭ ގޮތެއްގައި މަސްލަހަތުތައް ފުއްދައި ދިނުމަށެވެ. އެހެންވެ އިސްލާމީ ޝަރީޢަތުގައި މި މަސްލަހަތުތައް ފުއްދުމަށްޓަކައި ލާޒިމު ޟަރޫރީ ކަންތައްތަކަކާއި، ޙާޖަތު ނުވަތަ ބޭނުން ކަންތައްތަކަކާއި، ފުރިހަމަކުރުންތަކެއް އެކުލެވިފައި ވެއެވެ. އަދި ހަމަ މިއާ އެކު މަސްލަހަތަށް ފުށުއަރާނެ ގެއްލުންތަކާއި ފަސާދަތަކުން ދުރުހެލިވުމަށްޓަކައި ކަންތައްތަކެއް ހިމެނިފައި ވެއެވެ.

ކީރިތި ޤުރުއާނުގެ އަލްއަންބިޔާއު ސޫރަތުގެ 107 ވަނަ އާޔަތުގައި ﷲ އަންގަވާފައި ވަނީ ޢާލަމްތަކަށް ރަޙުމަތެއް ކަމުގައި މެނުވީ މާތްނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ފޮނުއްވާފައި ނުވާ ކަމަށެވެ. އަދި އައްނަޙްލު ސޫރަތުގެ 89 ވަނަ އާޔަތުން އެނގޭ ގޮތުގައި އިތުރު އެކަލޭގެފާނުގެ މައްޗަށް ޤުރުއާން ބާވާލެއްވީ ހުރިހާ ކަމެއް ބަޔާންވެގެންވާ، ހިދާޔަތެއް ކަމުގައިވާ، ރަހުމަތެއް ކަމުގައިވާ، އަދި ހެޔޮ ޚަބަރެއް ކަމުގައިވާ ފޮތެއްގެ ގޮތުގައެވެ.

އިމާމް އިބްނުލް ޤައްޔިމް - ރަޙިމަހުﷲ - ވިދާޅުވާ ގޮތުގައި އިސްލާމީ ޝަރީޢަތުގެ ބިންގަލަކީ އަދި އަސާސަކީ އަޅުތަކުންގެ ދުނިޔޭގެ ދިރިއުޅުމާއި އެނބުރި ދާންޖެހޭ ދިރިއުޅުމުގެ މަސްލަހަތުތަކާ ގުޅޭ ކަންކަމާއި ހުކުމްތަކެވެ. އެ ހުރިހާ ކަންކަމާއި ހުކުމްތަކަކީ އަދުލުވެރި، ރަހުމަތުން ފުރިގެންވާ، މަސްލަހަތު ހުރި، ހިކުމަތުން ފުރިގެންވާ، ކަންކަން ނުވަތަ ހުކުމްތަކެވެ.

އެހެންކަމުން އޭގެ ތެރެއިން އެއްވެސް ހުކުމެއް ނުވަތަ ކަމެއް އަދުލުވެރިކަމުން ބޭރުވެ އަނިޔާ އަށް ބަދަލުވެއްޖެނަމަ، ނުވަތަ ރަހުމަތުން ބޭރުވެ ވޭނަށް ބަދަލު ވެއްޖެނަމަ، ނުވަތަ މަސްލަހަތުން ބޭރުވެ ފަސާދައަށް ވެއްޖެ ނަމަ، ހިކުމަތުން ބޭރުވެ ބޭކާރު ކަމަކަށް ވެއްޖެ ނަމަ އެއީ ޝަރީއަތުގެ ތެރެއިން ހިމެނިގެންވާނެ ކަމެއް ނޫނެވެ. އެކަން އެކި ގޮތްގޮތަށް ތައުވީލު ކުރަން މަސައްކަތް ކުރި ނަމަވެސް މެއެވެ.

ވީމާ އިސްލާމީ ޝަރީޢަތް ބާވާލެއްވިފައި މިވަނީ ވަރަށް މުހިންމު މަގުސަދުތަކެއް އޭގައި އެކުލެވޭ ގޮތުގަ އެވެ. މި މަގުސަދުތައް ދެނެގަތުމަކީ ކޮންމެ މުސްލިމަކު ވެސް ކުރަން ޖެހޭނެ ކަމެކެވެ. އިމާމް އަބޫ އިސްޙާޤުއް ޝާޠުބީ މިކަމުގެ މުހިންމު ކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާފައި ވެއެވެ. އިޖުތިހާދު ކުރުމުގެ ޝަރުތެއްގެ ގޮތުގައި އަދި އޭގެ ސަބަބެއްގެ ގޮތުގައި ޝަރީއަތުގެ މަގުސަދުތައް ދެނެގަތުން ހިމެނޭނެކަމަށް ޝާޠުބީ ވިދާޅުވެފައި ވެއެވެ.

ނަމަވެސް އިޖުތިހާދު ކުރުމަށްޓަކައި މަގުސަދުތައް ފަހުމްވުމާ އެކު ހުކުމްތައް އިސްތިންބާޠު ކުރުމުގެ (ދަލީލުތަކުން ހުކުމްތައް ނެރެގަތުމުގެ) ގާބިލުކަން ލިބުންވެސް ޝަރުތު ވެގެންވެއެވެ. އެއީ ޢަރަބި ބަސް އެނގުމާއި، ޤުރުއާނާއި ސުންނަތާއި އިޖުމާޢުގެ ހުކުމްތައް ދެނެގަތުން ފަދަ ކަންކަމެވެ. ޝާޠުބީ މި ޝަރުތާ މެދު ބައްލަވަނީ މިއީ ފުރަތަމަ ޝަރުތުގެ ވަސީލަތެއް ކަމަށެވެ. އަސްލު ޝަރުތަކީ ހަގީގަތުގައި ފުރަތަމަ ޝަރުތު ކަމަށެވެ. އާދެ، ޝަރީއަތުގެ މަގުސަދުތައް ދެނެގަތުމެވެ.

އެހެން ބައެއް އިލްމުވެރިން ސީދާ މިގޮތަށް މި ޝަރުތު ފާހަގަ ކުރައްވާފައި ނެތަސް ޤުރުއާނާއި ސުންނަތް ދެނެގަތުން ނުވަތަ ޝަރީޢަތުގެ ގަވައިދުތައް ދެނެގަތުން ނުވަތަ މައިގަނޑު ގަވައިދުތަކާއި ފަރުއީ ގަވައިދުތައް ދެނަގަތުން ފަދަ ކަންކަން ޝަރުތު ކުރައްވާފައި ވުމުން އޭގައި ޝަރީއަތުގެ މަގުސަދުތައް ދެނެގަތުން ވެސް ހިމެނޭނެ ކަމަށް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.

ޝަރީއަތުގެ މަގުސަދުތައް ދެނެގަތުން މުހިންމުވާ އެއް ސަބަބަކީ މައިގަނޑު މަގުސަދުތައް އިހުމާލު ކޮށްލާފައި ފަރުޢީ މަގުސަދުތަކަށް މާބޮޑު ސަމާލުކަން ދިނުމުން އިސްކަންދޭން ޖެހޭ ތަރުތީބު ގެއްލިގެން ދިއުމެވެ. އަދި މީސްތަކުންނަށް އެއިން މަސްލަހަތެއް ހާސިލުވުމުގެ ބަދަލުގައި ގެއްލުމެއް ލިބިގެން ދިއުން ނުވަތަ އެންމެ ކުޑަމިނުން މަންފާއެއް ނެތި ދިއުމެވެ. އިމާމް ޝާޠުބީ ސަމާލުކަން ދެއްވާފައި އެވަނީ ފަރުޢީ ކަންކަންވެސް އިހުމާލު ނުކުރައްވައި އެހެންނަމަވެސް މައިގަނޑު މަގުސަދުތައް ފުރިހަމަ ކުރުމާއެކު ފަރުޢީ މަގުސަދުތައް ވެސް ފުރިހަމަ ވެގެންދާނެ ގޮތެއްގެ މައްޗަށެވެ.

ޝަރީއަތުގެ މައިގަނޑު ގަވައިދުތައް ދެނެގަތުމުގެ މުހިންމު ކަމަށް އަލްއިމާމް އައްސުބުކީ ވެސް ބައްލަވާލައްވާފައި ވެއެވެ. އެއީ އިޖުތިހާދު ކުރުމުގެ މުސްތަގިއްލު ޝަރުތެއް ކަމުގައިވެސް ބައްލަވާފައި ވެއެވެ. ސަބަބަކީ މިފަދަ ގަވައިދުތައް އެނގިގެން މެނުވީ އިސްލާމީ ޝަރީއަތުގެ މަގުސަދުތައް އެނގިގެން ނުދާނެތީ އެވެ. މިގޮތުން މިސާލަކަށް "ގެއްލުން އެއްކިބާ ކުރެވިދާނެ" ކަމަށް އޮންނަ ގަވައިދާއި، "ދެ ގެއްލުމުން ކުރެ ކުޑަ ގެއްލުމަށް އަރައިގަތުމު" ގެ ހުއްދަ އޮންނަ ގަވައިދާއި "ޟަރޫރަތްތަކަކީ މަނާކުރެވިފައިވާ ކަންކަން ހުއްދަކުރާ ކަމެއް" ކަމަށް އޮންނަ ގަވައިދު ފަދަ ގަވައިދުތަކަކީ އިންސާނުންގެ މަސްލަހަތު ތަކާ ގުޅިފައިވާ ޝަރުއީ މަގުސަދުތައް ހާސިލު ކުރެވޭނެ ގަވައިދުތަކެވެ.

މިފަދަ ގަވާއިދުތައް ދެނެގަނެވިފައިވާ ނަމަ ދީނުގެ ކަންކަން ފަހުމުވުމުގައި އަދި ހުކުމްތަކަށް އަމަލު ކުރުމުގައި މަސްލަހަތު ތަކަށް ރިއާޔަތް ކުރެވިގެންދާނެ އެވެ. ވަކިވަކި ހުކުމްތައް ބަޔާންކުރުމަށް ވަކިން އޮންނަ ނައްޞުތައް އޮތްނަމަވެސް ޝަރީއަތުގެ މަގުސަދުތައް ބަޔާންވެފައި ވަނީވެސް ހަމަ ނައްޞުތަކުން ކަމަށްވާތީ މީސްތަކުންގެ މަސްލަހަތުތައް ރިއާޔަތް ކުރުން އިސްކުރަން ޖެހޭނެ އެވެ.

ޞަޙާބީން ވަނީ މިގޮތަށް މިކަން ކުރެވޭނެކަން ދައްކަވައިދެއްވާފަ އެވެ. މިސާލަކަށް އިރާގު ފަތަހަ ކުރެވުނު އިރު ލިބުނު ޣަނީމާ އިން ފަސް ބައިކުޅަ އެއްބައި ނުނަންގަވައި ހުރިހާ ބައެއް ފަތަހައިގެ ބައިވެރިންނަށް ބެއްސެވި އެވެ. އެއީ އެ ހާލަތުގައި ފާތިހުންގެ ތެރެއިން އެއްބަޔަކަށް ނުލިބި ވަކި ބަޔަކަށް ބޮޑުބައި ލިބިގެން ގޮސްދާނެތީވެ މަސްލަހަތު ދަމަހައްޓައި ޝަރީއަތުގެ މަގުސަދު ފުރިހަމަ ވަނީ އެގޮތުގައި ކަމަށް ވާތީ އެވެ.

ހަމަ އެފަދައިން މުޢާޛުގެފާނު ޔަމަނުގެ އަހުލުވެރިންގެ އަތުން ޒަކާތް ނެންގެވުމުގައި ޒުވާރިއާއި ހިމަގޮދަނުގެ ބަދަލުގައި ފޮތީގެ ބާވަތްތަކުން ޒަކާތް ނެންގެވިއެވެ. އަދި މުދަލުގެ ބަދަލުގައި އޭގެ އަގު ނެންގެވުން ހުއްދަ ކުރެއްވި އެވެ. އަބޫބަކުރުގެފާނާއި ޢުޘްމާނުގެފާނުގެ ޒަމާނުގައި ކީރިތި ޤުރުއާން ޖަމާކުރެއްވުމަށް ކުރެއްވެވި މަސައްކަތްޕުޅުތަކަކީ ވެސް މިފަދަ ކަންކަމެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ނުކުރައްވައި ދޫކުރެއްވެވި ކަންކަން އެބޭފުޅުން ކުރެއްވެވީ މަސްލަހަތަށެވެ. އާދެ، ޝަރީއަތުގެ މަގުސަދު ހާސިލު ކުރުމަށެވެ.

ޝަރީއަތުގެ މަގުސަދުތަކަށް ނުބަލައި ހުކުމްތައް ފަހުމް ކުރުމުން ނުވަތަ އިޖުތިހާދު ކުރުމުން އިޖުތިހާދު ކުރީތީވެ ލިބޭ ދަރުމަ އެއަށް ލިބުނު ކަމުގައި ވިއަސް ޝަރުއީ ނައްސުތަކަށް ބަލާއިރު ޝަރީއަތުގެ މަގުސަދުތަކަށް ރިއާޔަތް ކުރުމަށް އިސްކަން ދޭން ޖެހެއެވެ. އަދި އެގޮތަށް އިސްކަންދީގެން ފަހުމްވާ ހުކުމް މާ އައުލާވެގެން ވެއެވެ.

މިސާލަކަށް ބަނިލްމުޞްޠަލަޤު ހަނގުރާމައިން އެނބުރި އައި މަގުމަތީ ބަނީޤުރައިޟާގައި ނޫނީ އަސްރު ނަމާދު ކޮށްގެން ނުވާނެ ކަމަށް ކީރިތި ރަސޫލާ ހަދީސް ކުރެއްވުމުން ޝަރީއަތުގެ މަގުސަދުތަކަށް ނުބައްލަވައި ހަމައެކަނި ވިދާޅުވި ބަސްފުޅަށް ބެއްލެވި ބޭފުޅުންގެ އިޖުތިހާދަކީ އެންމެ މަސްލަހަތު ހުރި އިޖުތިހާދެއް ނޫނެވެ. ސަބަބަކީ ނަމާދަކީ ވަގުތު ކަނޑައެޅިފައިވާ ކަމެއްކަން ކަނޑައެޅިގެން ކީރިތި ޤުރުއާނުގައި އޮންނަ ހިނދު މަޣްރިބު ފަހުން ޢަޞްރު ނަމާދު ކުރުން އެއީ (ރަސޫލާގެ ހަދީސްފުޅުގެ ބޭރުފުށުން ފެންނަ މާނަ ކަމުގައި ވިއަސް) އެންމެ ސައްހަ ގޮތަށް ނުވާނެތީ އެވެ.

ހަމަ މިފަދަ އަނެއް މިސާލަކީ މިޒަމާނުގައި ނަގުދު ފައިސާ އިން ޒަކާތް ދެއްކުން ހުއްދަ ނުވާނެ ކަމަށް ދެކެ ނައްޞުގައި އޮންނަ ތަކެތިން ޒަކާތް ނެރުމެވެ. ސަބަބަކީ ގޮދަނުން ނުވަތަ ކަދުރުން ނުވަތަ ހިކިމޭބިސްކަދުރުން ޒަކާތް ނެރެގެން މިޒަމާނުގައި މަސްލަހަތެއް އޮތުން ކުޑަވާނެތީ އެވެ.

ހަމައެފަދައިން ވިޔަފާރި މުދަލުން ޒަކާތް ނެރުމުގައި އެ މުދާ ނަގުދަށް ބަދަލުވެ އަހަރެއް ވީމާ ނޫނީ ޒަކާތް ދައްކަން ނުޖެހޭނެ ކަމަށް ބުނާ ފަތުވާ އަކީ ވެސް ޝަރީއަތުގެ މަގުސަދުތަކާ ފުށުއަރާ ފަތުވާ އެކެވެ. އަދި ހަމަ އެފަދައިން ރަންރިހީގެ ނަގުދުގެ ބަދަލުގައި މިޒަމާނުގައި ބޭނުންކުރާ ފައިސާއިން ޒަކާތް ދައްކަން ނުޖެހޭނެ ކަމަށް އަދި އޭގައި ރިބާވެސް ނޯންނާނެ ކަމަށް ބުނާ ފަތުވާ އަކީ ވެސް ޝަރީއަތުގެ މަގުސަދުތަކާ ޚިލާފު ފަތުވާ ތަކެވެ. އެއީ އިސްލާމް ދީން އެދޭނެ ގޮތެއް ނޫނެވެ.

އެހެންކަމުން ޝަރީއަތުގެ މަގުސަދުތަކަށް ސަމާލުކަން ދިނުމަކީ ހުކުމްތައް ދެނެގަތުމުގައި ވަރަށް މުހިންމު ކަމެކެވެ. އަދި ހުކުމްތަކަށް ތަބާވުމުގައިވެސް ޝަރީއަތުގެ މަގުސަދުތަކަށް ރިއާޔަތް ކުރެވިގެން ނެރެވިފައިވާ ފަތުވާތަކަށް ބުރަވުން ވެސް ވަރަށް މުހިންމެވެ.