02 ނޮވެމްބަރ 2017 - 15:47

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަށްރަށުގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް ނެޓްވޯކް އިތުރަށް ފުޅާކުރުމުގެ ގޮތުން ރަށްރަށުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ އޮފީސްތަކުން ފައިސާ ނެގޭނެ ގޮތް ހަމަޖެއްސުމަށް ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އެންޑްރޫ ހީލީ އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންޑްރޫ ވިދާޅުވީ މިދިޔަ ތިން އަހަރުގެ ތެރޭގައި އެ ބޭންކުން އޭޓީއެމް އާއި ސެލްފް ސާވިސް ސެންޓަރުތައް އެތައް ގުނައެއް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މި އެގްރިމަންޓާއެކު 160 އަށް ވުރެ ގިނަ ރަށުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ އޮފީސްތައް މެދުވެރިކޮށް ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކޭޝް އޭޖެންޓުންގެ ނެޓްވޯކް އިތުރަށް ފުޅާވެ، ރަށްރަށުގައި ހުރި ހުރިހާ ފެނަކަ އޮފީސްތަކަކުން ފައިސާ ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.
ބީއެމްއެލް ކޭޝް އޭޖެންޓުންގެ ހިދުމަތަކީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަސާސީ ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް އެންމެ ބޮޑު ދައުރެއް އަދާކުރި ބޭންކިންގެ ހިދުމަތެވެ. އަދި 2014 ވަނަ އަހަރު ތައާރަފްކުރި އެ ހިދުމަތުގެ ސަބަބުން، މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ބޭންކްގެ ބްރާންޗެއް ނެތް ރަށްތަކުގެ ވިޔަފާރިވެރިން މެދުވެރިކޮށް ކަސްޓަމަރުންނަށް ފައިސާ ނެގޭނެ އިންތިޒާމުތައް ހަމަޖެހިގެން ދިޔަ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން މިވަގުތު ބޭންކްގެ 200 އަށްވުރެ ގިނަ ކޭޝް އެޖެންޓުން އަތޮޅުތަކުގައި ހިދުމަތް ދެމުންގެންދެ އެވެ.