ރައީސް ޔާމީން އަވަހާރަކޮށްލަން ރޭވުމުގެ ދައުވާ ފުލުހަކަށް ކޮށްފި
ރައީސް ޔާމީން އަވަހާރަކޮށްލަން ރޭވުމުގެ ދައުވާ ފުލުހަކަށް ކޮށްފި

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ފުލުހެއްގެ މައްޗަށް ދައުވާ އުފުލައިފަ އެވެ.

ޕީޖީ އޮފީހުން ބުނީ ރައީސް އަވަހަރާކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާކުރަނީ ހއ. ހޯރަފުށީ ދަނބުމާގޭ އިބްރާހިމް ސަލީމްގެ މައްޗަށް ކަމަށެވެ.

އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަނީ ރައީސް ޔާމީން އަވަހާރަކޮށްލަން ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކިކަމުގެ ތުހުމަތުގަ އެވެ. އެއީ ކޮން އިރަކު ހިނގާފައިވާ ކަމެއްކަމެއް ސާފުވާ ގޮތެއް ނުވި އެވެ.

މި ދައުވާގެ އަޑުއެހުންތައް ކޯޓުން އަދި ނުފަށަ އެވެ.

މި މައްސަލާގައި ފުލުހުންގެ ބަހެއް ލިބޭ ގޮތް ނުވުމުން، ދައުވާ ލިބޭ ފުލުސް މީހާ ވަޒީފާއިން ވަކިކޮށްފައިވާ ކަން ނުވަތަ ނޫންކަން ވެސް ސާފުވާ ގޮތެއް ނުވި އެވެ.

މީގެ ކުރިން ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލައިގެން ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަދީބުގެ ދެ ބޮޑީގާޑެއްގެ މައްޗަށް ކުށް ސާބިތުވެ، ދިގު މުއްދަތުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ.

މީގެ އިތުރުން ލަންކާގެ ސްނައިޕާ ޝޫޓަރެއް ރާއްޖެ ގެނެސް، ބަޑި ޖަހައިގެން ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ ވެސް އަދީބާއި އިތުރު ބައެއްގެ މައްޗަށް ދައުވާކޮށް، މިހާރު ދަނީ ޝަރީއަތް ހިންގަމުންނެވެ.