03 ނޮވެމްބަރ 2017 - 05:42

ހޮލީވުޑްގައި މިހާރު އެންމެ ގަދައަށް އޮތީ ޖިންސީ ގޯނާތަކުގެ ވާހަކަ އެވެ. ހާއްސަކޮށް، މަޝްހޫރު މީސްމީހުންގެ ޖިންސީ ޝިކާރަކަށްވި އަންހެނުންނާއި ފިރިހެނުން ވެސް ނުކުމެ އެ ވާހަކަތައް އަންނަނީ ފާޅުގައި ދައްކަމުންނެވެ.
ޕްރޮޑިއުސަރު ހާވީ ވެސްޓީންގެ ވާހަކަތަކާ އެކު، ގުގުމާލި އަޑުތަކުގެ ތެރެއިން، މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ބްރެޓް ރަޓްނާ އަށް ވެސް ވަނީ ޖިންސީ ތުހުމަތުތަކުގެ އިނގިލި އަމާޒުވެފަ އެވެ. "ރަޝް އަވާ" ފަދަ ކާމިޔާބު ފިކްމްތަކެއް ގެނެސް ދިން ޑައިރެކްޓަރާ ދެކޮޅަށް ހަ އަންހެނަކު މިހާރު ވަނީ ވާހަކަ ދައްކައިފަ އެވެ. އޭގެ ތެރޭގައި "މެޖިކް މައިކް" ގެ ބަތަލާ އޮލިވާ މަން އާއި "ސްޕީޝީސް" ގެ ބަތަލާ ނަތާޝާ ހެންސްރިޖް ހިމެނެ އެވެ.
ބްރެޓްގެ ޖިންސީ ގޯނާ ތަޖުރިބާ ކުރަން ޖެހުނު ކަމަށް ބުނެ އެންމެ ފުރަތަމަ ސޯޝަލް މީޑިއާގައި ހާމަ ކުރީ މެލެނީ ކޯލާ ކިޔާ އަންހެނެކެވެ. އޭނާ ތުހުމަތު ކުރި ގޮތުގައި މީގެ 12 އަހަރު ކުރިން ބްރެޑް ވަނީ އޭނާއާ ބެހިފަ އެވެ. މެލަނީ ބުނަނީ ބްރެޓްއަކީ "އިއްފަތް ފޭރިގަންނަ މީހެއް" ކަމަށެވެ.
އުމުރުން 48 އަހަރުގެ ބްރެޓް ވަނީ އޭނާއާ ބެހޭ ގޮތުން އަންހެނުންތަކެއް ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތަކަށް ނެތް "ހަދަހަދައިގެން" ދައްކާ ވާހަކަތަކެއް ކަމަށް ބުނެފަ އެވެ. އަދި އެ މީހުންނާ ދެކޮޅަށް ދައުވާކުރަން ނިންމައި އޭނާ ވަނީ ހަވާއީގެ ފެޑެރަލް ކޯޓަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ.
އޭނާގެ ވަކީލް އެރިކް ސެއިޒް ނެރުނު ބަޔާނެއްގައި ބުނީ ބްރެޓްއާ ބެހޭ ގޮތުން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެެ އަދި މިކަމުގެ ސަބަބުން އޭނާ އަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ބްރެޓްގެ މައްޗަށް ތުހުމަތުކުރި މައްސަލަތަކާ އެކު އޭނާ އަށް މިހާރު ވަނީ ވާނާ ބްރަދާޒް ސްޓޫޑިއޯއާ އެކު ހަދާފައިވާ އެއްބަސްވުން ވެސް ނިމުމަަކަށް ގެންނަން ޖެހިފަ އެވެ.
"އަހަރެން ބޭނުމެއް ނޫން އަހަންނާ ބެހޭ ގޮތުން ދައްކާ މި ވާހަކަތަކާ ގުޅިގެން އެ ސްޓޫޑިއޯ އަށް އެއްވެސް އަސަރެއް، ގެއްލުމެއް ކުރިމަތިވާކަށް،" އޭނާ ބުންޏެވެ. "އެހެންވެ މި ވަގުތަށް ވާނާއާ އެކު އެއްވެސް މުއާމަލާތެއް ނުހިންގަން ނިންމައިގެން މިހިރީ."
ބްރެޓްގެ މި ވާހަކަތަކާ ގުޅިގެން ވާނާ އިން ނެރުނު ބަޔާނެއްގައި ބުނީ ބްރެޓްއާ އެކު ހަދާފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށާއި އެއްބަސްވުން އާ ކުރުމުގެ ވިސްނުމެއް ވެސް ނެތް ކަމަށެވެ.