02 ނޮވެމްބަރ 2017 - 11:26

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި މި ހަފުތާގެ ބަންދުގައި ވެސް އެ ވިއްސާރަ ވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން މިއަދު ބުނެފި އެވެ.
މެޓްގެ އޮފިޝަލަކު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު މާލެ ސަރަހައްދަށް މޫސުން ކުޑަކޮށް ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް ދެކުނުގެ ރަށްތަކަށް ވިއްސާރަކުރާނެ ލަފާކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
"މިއީ އާދަޔާ ހިިލާފު ވިއްސާރައެއް ނޫން. ހަމަ ހުޅަނގު މޫސުމުގެ އަސަރު. ކުރިއަށް އޮތް ދެ ދުވަހަށް ބަލާއިރު ވެސް ވިއްސާރަކޮށް އޮތީ. އެކަމަކު މިއަދަށް ވުރެ، އަންނަ ހޮނިިހިރު ދުވަހު މާލެ ސަރަހައްދަށް ކުޑަކޮށް މޫސުން ރަނގަޅުވާނެ،" މެޓުގެ އޮފިޝަލް ވިދާޅުވި އެވެ.
މޫސުން ލަފާކޮށް މެޓުން ނެރުނު ބަޔާނުގައި ބުނީ މިރޭގެ 8:00އާ ހަމައަށް ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 22 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 38 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުންޏެވެ.
މިހާރު ގުނަމުން މިދަނީ ހުޅަނގު މޫސުމުގެ ވިހާ ނަކަތުގެ ދުވަސްތަކެވެ. މި ނަކަތް މަޝްހޫރުވެފައި އޮންނަނީ މޫސުން ރީތި ވެފައި މަސްވެރިކަން ވެސް ރަނގަޅުވާނެ ދުވަސްވަރެއްގެ ގޮތުގަ އެވެ.