04 ޖުލައި 2016 - 15:19

މީހަކު ރަހީނު ކުރުމަށް ފަހު އެމްޔޫ ސްޓޯރުގެ އޮފީހުގެ ތިން ތިޖޫރީ ފަޅާލައި ދެ މިލިޔަނަށް ވުރެ ގިނަ ރުފިޔާ އާއި އެއް ލައްކަ ޑޮލަރު ވަގަށް ނެގި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ބޮޑުތަކުރުފާނު މަގުގައި ހުންނަ ފިލާ ބިލްޑިންގުގެ ސެކިއުރިޓީ އަށް ހުރި މީހާ މިދިޔަ އޭޕްރީލްމަހު ފަހުކޮޅު ރަޙީނު ކުރުމަށްފަހު އެ އިމާރާތާ ޖެހިގެން ހުރި އެމްޔޫ ސްޓޯރުގެ އޮފީހުގެ ތިޖޫރީން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ފަސް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. އުމުރުން 20-35 އަހަރުގެ މި މީހުންގެ ބަންދުގެ މުއްދަތު ފަސް ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފަ އެވެ.
ފުލުހުން ބުނިގޮތުގައި މި ފަސް މީހުންނަކީ ވެސް ރިސޯޓުތަކުންނާއި އެކި ރަށްރަށަށް އަރައި މޫނު ނިވާކޮށްގެން ތިޖޫރި ފެޅުމުގައި ބައިވެރިވެފައިވާ މީހުންނެވެ. އަދި އެ މީހުން ބޭނުން ކުރި ފޯނު ނަމްބަރުތަކަކީ މީގެ ކުރިން ކޮށްފައިވާ ބޮޑެތި ވައްކަންތަކުގައި ވެސް ބޭނުން ކުރި ނަމްބަރު ކަމަށް ފުލުހުން ބުންޏެވެ.
"މި މައްސަލާގައި ހިމެނޭ މީހުން، އެހެން ބޮޑެތި ވައްކަންތަކުގައި ބައިވެރިވެފައިިވާ މިންވަރު ދެނެގަތުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށެވެ." އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓާ ހަވާލާ ދެއްވާ ފުލުހުންގެ ވެބްސައިޓުގައި ބުނެފައި ވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ފަސް މީހުން ހައްޔަރު ކުރި ފަހުން މި ފަދަ ބޮޑެތި ވައްކަންތައް ވަނީ މަދުވެފަ އެވެ. އަދި އެމްޔޫ ސްޓޯރުގެ މި ފައިސާއަކީ މިހާތަނަށް ވައްކަމުގެ މައްސަލައެއްގައި ފުލުހުންނަށް ހޯދުނު އެންމެ ގިނަ ފައިސާ ކަމަށް ޝަތީހު ވިދާޅުވި އެވެ.
މި ވައްކަން ފަޅާއެރީ އެ ރޭ ދަންވަރު މާލެ ތެރެ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް، ދުއްވާފައި ދިޔަ ޓެކްސީއަކަށް ޝައްކު ކުރެވިގެން އެ ޓެކްސީ ހުއްޓުވައި ބަލާ ފާސްކުރިއިރު ވައްކަން ކުރުމަށް ބޭނުން ކުރެވިދާނެ ތަކެތި އޭގައި ހުއްޓާ ފެނިގެންނެވެ.
ފައިސާތައް ފެނުނީ ޓެކްސީއާއެކު ޑްރައިވަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހިންގި އޮޕަރޭޝަނެއްގައި، އެކަމުގައި އުޅުނު އަނެއް ހަތަރު މީހުން ހ. ބުރެކިގޭގައި ދިރިއުޅުނު ކޮޓަރީގެ ވައިގޮޅިތެރޭންނެވެ. ފައިސާތައް ހުރީ ބޮޑެތި ދަބަސްތަކަކަށް އަޅާފަ އެވެ.
ޝަތީހު ވިދާޅުވި ގޮތުގައި މިއީ ވަރަށް ބޮޑަށް ރާވައިގެން ދުރާލާ ކޮށްފައިވާ ވައްކަމެކެވެ. އަދި މީގެ ތެރޭން އެކަކު، މި ވައްކަން ކުރުމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ހޯދަން ކުރިއްސުރެ ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެ މީހުންނަކީ ކޮންބައެއްކަން ފޮރުވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.