ކީޓޮޖެނިކް ޑައެޓުން ފިޓް ޖެހުން ރަނގަޅުވޭތަ؟
ކީޓޮޖެނިކް ޑައެޓުން ފިޓް ޖެހުން ރަނގަޅުވޭތަ؟

ކީޓޮޖެނިކް ޑައެޓަކީ ވަރަށް މަތީ މިންވަރަކަށް ފެޓް ހިމެނޭ ގޮތަށް އެކަމަކު އެކަށީގެންވާ މިންވަރެއްގެ ޕްރޮޓީން އާއި މަދު ކާބޯހައިރޭޓްސް އެކުލެވޭ ޑައެޓެކެވެ. އެޕިލެޕްސީ ނުވަތަ ފިޓް ޖެހުމުގެ މައްސަލަ ހައްލުކުރަން އުނދަގޫވާ ކޭސްތަކުގައި މި ޑައެޓް ބޭނުންކުރެ އެވެ. އެކަމަކު މީގެ ނަތީޖާއާ މެދު ބަހުސްކުރެވެ އެވެ.

އެމެރިކާގެ ޗިކާގޯގައި، ކުޑަ އަންހެން ކުއްޖަކަށް މި ޑައެޓުން ރަނގަޅު ނަތީޖާއެއް ލިބުނު ކަމަށް ބުނާ މީޑިއާ ރިޕޯޓްތަކެއް މިހާރު އެބަ އުޅެ އެވެ.

އުމުރުން ދެ އަހަރުގެ މި ކުއްޖާއަށް ދުވާލަކު 40 އަށް ވުރެ ގިނަ ފަހަރު ފިޓް ޖެހޭ ކަމަށްވެ އެވެ. ޑައުންސް ސިންޑްރޯމް ވެސް ހުންނަ މި ކުއްޖާ ފިޓްޖެހޭލެއް ގިނަކަމުން ހީލުމަކީ ވެސް ކުރެވޭ ކަމެއް ނޫނެވެ.

މި މައްސަލަ ދިމާވާން ފެށިތާ އަށް ވަރަކަށް މަސް ވީއިރު ޑޮކްޓަރުން ވަނީ އޮލީވިއާ އަށް ތަފާތު އަށް ވައްތަރެއްގެ ބޭސް ދީގެން، ފިޓް ޖެހުން ހުއްޓުވޭތޯ މަސައްކަތް ކޮށްފަ އެވެ. މި ބޭސްތައް ދިނުމުން، ފިޓް ޖެހުން މަދުވިޔަސް އޭގެ ސައިޑް އިފެކްޓްސްތައް ވަރަށް ގިނަ އެވެ.

އެހެންވެ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން، އެ ކުއްޖާގެ މަންމަ ނިންމީ ކީޓޮޖެނިކް ޑައެޓް ދިނުމަށެވެ. ކީޓޮޖެނިކް ޑައިޓްގައި އެ ކުއްޖާއަށް ދިނީ 3:1 ރޭޝިއޯ ފެޓާއި ކާބް އެވެ. މީގެ ސަބަބުން މި ތުއްތު ކުއްޖާ އަބަދުވެސް ހުންނަނީ ކީޓޮސިސް ހާލަތުގަ އެެވެ. މާނައަކީ އޭނާގެ ހަށިގަނޑަށް ފެޓްތައް އަންދަން މަޖުބޫރުވެފައި ހުރުމެވެ.

އޮކްޓޯބަރު 2015 ގައި، ދުވަސް ފުރުމުގެ މަސް ދުވަސް ކުރިން މި ކުއްޖާ އުފަންވި އިރު ހިތުގައި އައިބެއް ހުއްޓެވެ. އަދި އެއީ ޑައުންސް ސިންޑްރޯމް ކުއްޖެއްކަން ވެސް އެނގުނެވެ. އޭޕްރީލް 2016 ގައި ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރި ފަހުން ފިޓް ޖެހެން ފެށީ އެވެ.

އެޕިލެޕްސީ ކަމަށް ބުނެ ބާރުގަދަ ސްޓެރޮއިޑް ބޭސްތައް ޑޮކްޓަރުން ދޭން ފެށި އެވެ. އަދި ފިޓް ޖެހުން މަދުވި އެވެ. ނަމަވެސް ބޭހުގެ ސައިޑް އިފެކްޓްސްތައް ދިމާވެ ލިވާ ހަލާކުވާން ފެށުމުން މުޅި ގައިގައި ފެން އުފެދި ކުއްޖާ ވަރަށް ބޮޑަށް ފުފުނެވެ.

ޗިކާގޯގައި ހުންނަ ލޫރީ ޗިލްރަންސް ހޮސްޕިޓަލަށް ކުއްޖާ ބަދަލުކުރުމާ އެކު، ކީޓޮޖެނިކް ޑައެޓް ދޭން މަޝްވަރާ ދިނީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނެވެ.

މި ޑައެޓް ދޭން ފެށިތާ އެންމެ ތިން ހަފުތާ ތެރޭ ޗިކާގޯގެ މި ކުއްޖާގެ ފިޓްޖެހުން ހުއްޓުނެވެ. އަދި އޭނާއަށް ދެމުން ދިޔަ ހުރިހާ ބޭސްތައް ވެސް ހުއްޓާލި އެވެ.

މިހާރު ހެނދުނުގެ ނާސްތާއަށް ދެނީ 20 ގްރާމް އެވަކާޑޯ، 60 ގްރާމް ހެވީ ވިޕިން ކްރީމް، 20 ގްރާމް ބިސް އަދި ހަތަރު ގްރާމް ބަޓަރެވެ. ނުވަ ގަޑީގައި ދެނީ 20 ގްރާމް ކްރީމް، 20 ގްރާމް ކިރު އަދި ފަސް އައުންސް ފެން އަޅައިގެން ތައްޔާރުކުރާ ބުއްފުޅިއެކެވެ.

މެންދުރު ކެއުމަށް ދެނީ 20 ގްރާމް ޔޯގަޓް، ހޯލް މިލްކް، 10 ގްރާމް މޭވާ، 60 ގްރާމް ފޮނިރަހަ ނުލާ ވިޕިން ކްރީމް އަދި ހަތަރު ގްރާމް ބަޓަރެވެ. އަނެއްކާވެސް މެންދުރުފަހު، ކުރިން ދިން ގޮތަށް ތައްޔާރުކޮށްފައިވާ ބުއްފުޅިއެކެވެ.

ރޭގަނޑު ކެއުމަށް ދެނީ 60 ގްރާމް ހެވީ ވިޕިން ކްރީމް، ހަތަރު ގްރާމް ބަޓަރު، 20 ގްރާމް ކުކުޅު، ބީފް ނުވަތަ ޓާކީ އަދި 20 ގްރާމް ތަރުކާރީ އެވެ.

މި ޑައެޓުން ފިޓްޖެހުން ފަސޭހަވަނީ ކީއްވެ ކަމެއް ޑޮކްޓަރުންނަކަށް ވެސް ސައިންސްވެރިންނަކަށް ވެސް އަދި ޔަގީނެއް ނޫނެވެ. ޔަގީންވާ ކަމަކީ އެޕިލެޕްސީ ޖެހޭ ކޮންމެ ހަތް ކުއްޖަކުން އެއް ކުއްޖަކު މި ޑައެޓް ދީގެން ރަނގަޅުވާ ކަމެވެ.